ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑް ކޮށްފި

އަދި، މަރުގެ ދައުވާ ކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލި މައްސަލަތަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު: އޭނާ ވަނީ އިއްޔެ ސަސްޕެންޑް ކޮށްފައި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ގާޒީ ފާއިޒް އިއްޔެ ސަސްޕެންޑް ކުރި އެއް މައްސަލައަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމުންނެވެ. އަދި، މަރުގެ ދައުވާ ކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލި މައްސަލަތަކާ ގުޅިގެންނެވެ.

އަންވަރަކީ މީގެ ކުރިން އީރާނު ބޯޓަކުން ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރު ކުރި މީހެކެވެ. އެފަހުން މިދިޔަ ހަފްތާ އޭނާ ވަނީ މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ހައްޔަރު ކޮށްފަ އެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ދިނުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު ގާޒީ ފާއިޒް ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.

މިނިވަން ވުމާއެކު އަންވަރު ވަނީ ސްރީ ލަންކާއަށް ދިއުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެ ގައުމަށް އޭނާ ނުވައްދައި ޑީޕޯޓުކޮށްލުމުން އަނބުރާ ރާއްޖެ އަންނަންޖެހުނެވެ. އޭގެ ފަހުން އިތުރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އޭނާ އަލުން ހައްޔަރުކޮށްފަ އެވެ.

އޭގެ އިތުރުން، އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތު ކުރެވޭ ލަމްހާގެ މައްސަލަ ވެސް ކޯޓުގައި ބަލަމުންދަނީ ގާޒީ ފާއިޒް އެވެ. މީގެ ކުރިން ލަމްހާ ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން ދައުލަތުން ހައިކޯޓަށް މައްސަލަ ހުށަހަޅައިގެން ލަމްހާ އަލުން ބަންދުކޮށްފައިވެ އެވެ. ނަމަވެސް މިމަހުގެ ކުރީކޮޅު އަލުން ލަމްހާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އެ ނިންމުން ވެސް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން ވަނީ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް އަމުރުކޮށްފަ އެވެ.

އެކަމަކު ލަމްހާގެ ބަންދާމެދު ގޮތެއް ނިންމޭނީ އޭނާގެ ފުށުން މުޖުތަމައުއަށް ނުރައްކާ އޮތް މިންވަރު ދެނެގަނެވޭނެ އެސެސްމެންޓެއް ހެދުމުން ކަމަށާއި، އެ އެސެސްމެންޓް ހަދާފައި ނުވާ ކަމަށް ގާޒީ ފާއިޒް ވަނީ އަންގާފަ އެވެ.

މީގެ ކުރިން، ނޮވެމްބަރު 2021، ގައި ވެސް ޖޭއެސްސީ އިން ވަނީ ފާއިޒް ސަސްޕެންޑުކޮށްފަ އެވެ. އެފަހަރު އޭނާ ސަސްޕެންޑު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން "ރަހީނު" ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމުންނެވެ. ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ފާއިޒް އިންނެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.