މި ސިޔާސަތުގެ ސަބަބުން، ގިނަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ނިކަމެތި ހާލަތަށް ނިމުމެއް ގެނުވާނެކަމަށް އޭނާ ޔަގީންކުރެއްވި

މި ސަރުކާރުން ރޭ ތައާރަފްކުރި "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު ހާއްސަކޮށްފައި ވަނީ އަމިއްލަ ގެދޮރެއް ނުވަތަ ފްލެޓެއް ނެތި ދިރިއުޅެމުން ދާ އާއިލާތަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ މީޓިން ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި ބޯހިޔާވަހިކަން އެންމެންނަށް- އާއިލީ ބޯހިޔާވަހިކަން ސިޔާސަތު ލޯންޗްކޮށްދެއްވައި ވާހަކަ ދައްކަވަމުން، މުއްތަލިބް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މި ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ހަމަހަމަކަމާއެކު އެންމެންނަށް ފުރުސަތު ލިބޭ ގޮތަށް އަތް ފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ސިޔާސަތު ކަމަށެވެ.
"މިއީ ރައްޔިތުން ބާރުވެރިކުރުވާނެ، އިންސާފުވެރި، ހަމަހަމަ އަދި އިޖުތިމާއީ އަދާލަތު ގާއިމްކުރެވޭނެ ފަދަ ބޯހިޔާވަހިކަމުގެ ސިޔާސަތެއް،" އޭނާ ވިދާޅުވި އެވެ.
މި ސިޔާސަތުގެ އެންމެ ބޮޑު އަމާޒަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަކިވަކި ފަރުދުން އެމީހުންގެ ނަމުގައި ގޯތި ގެދޮރު ހޯދައި މުދަލުގެ ގޮތުގައި ބޭނުން ކުރުން ނޫން ކަމަށާއި ދިވެހި ކޮންމެ އާއިލާއަަކަށް ވެސް އަބުރުވެރި ދިރިއުޅުމަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
އަދި މި ސިޔާސަތުގެ ސަބަބުން، ގިނަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ނިކަމެތި ހާލަތަށް ނިމުމެއް ގެނުވާނެކަމަށް އޭނާ ޔަގީންކުރެއްވި އެވެ.
މި ސްކީމް ފަރުމާކޮށްފައިވަނީ ކުރިއާ ހިލާފަށް، ފްލެޓު އަދި ބޯހިޔާވަހިކަން ދިނުމުގެ އިތުރުން އެތަންތަނަށް މީހުންނަށް ޝަތުރު ހަމަވާނެ އުސޫލީ ބަދަލުތައްވެސް ގެނެސްގެންނެވެ. މިގޮތުން ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ މަރުކަޒީ ބޭންކް މެދުވެރިކޮށް ހުރިހާ ބޭންކްތަކަށް އަތްފޯރާ ފަށުގައި ފްލެޓް އަޅަން ލާޒިމްކޮށް ހެދި އެފޯޑަބަލް ހައުސިން ސްކީމް އެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އުސޫލުގައި ހިމެނޭ ދެ ކެޓަގަރީއެއް ހިމެނެ އެވެ. މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާޅޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ. ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ "އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލް" އާއި "ރެންޓް-ޓު-އޯން" މޮޑެލް އެވެ.
ސަރުކާރުން ވަނީ މާލެ ސަރަޙައްދުންނާއި ރަސްމާލެ އިން 15000 ގޯތި ދޫކުރާނެކަން ކުރިން އިއުލާނުކޮށްފަ އެވެ.
މި އުސޫލުގެ ދަށުން މާލޭގެ ރަށްވެހިންނަށް ގޯތި ލިބޭނީ ގްރޭޓާ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މިއީ މާލެ ރަޖިސްޓްރީގައި ފެށުނީއްސުރެ އުޅެމުންދާ ފަރާތްތަކަށާއި މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށާއި ފަހުން މާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތައް ހިމެނެ އެވެ. ނަމަވެސް މި ސްކީމުން ގޯތި ލިބޭނީ މާލޭގައި ރަށްވެހި ވެގެން އުޅޭތާ 5 އަހަރަށް ވުރެ ގިނަ ދުވަސްވީ މިހުންނަށެވެ. ދެން ގޯތިދޭ ބައިގައި ހިމެނެނީ މާލޭގައި ދިިރުއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށް ވެހިންނެވެ. މި ފަރާތްތަކަށް ގޯތިދޭނީ ރަސްމާލެއިންނެވެ. މި ސްކީމުން ވެސް ފްލެޓް ލިބޭނީ މާލޭގައި މެދުނުކެނޑި ދިިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.