މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެ ހުރިހާ އިސްލާހުތަކާ ގުޅޭ ބިލްތަކުގެ ފުރަތަމަ ކިޔުން އިއްވުން ވަނީ އެޖެންޑާ ކޮށްފަ އެވެ.

ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ގާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް ވުޖޫދުކުރުމާއި، އެކުލެވިގެންވާ ގޮތް ބަޔާންކުރުމާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާތައް އުނިކުރަން ވަނީ ހުށަހަޅުއްވައިފަ އެވެ.
އަދި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް އެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
ގާނޫނުއަސާސީގެ އިތުރުން، ލާމަރުކަޒީ ގާނޫނަށް ވެސް ގިނަ އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ހުށަހަޅުއްވައިފަ އެވެ.
މިގޮތުން، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ފަސް ކައުންސިލަރުންނަށް މަދު ކުރަން ފަލާހު ވަނީ ހުށަހަޅުއްވައިފަ އެވެ.
އަދި ތިން ކައުންސިލަރުން ތިބޭ ރަށު ކައުންސިލްތަކުގެ އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންޖެހޭއިރު، ފަސް މެމްބަރުންގެ ކައުންސިލެއްގެ ދެ ގޮނޑި އަންހެންނުނަށް ހާއްސަކުރަންޖެހެ އެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތެރެއިން، ފުލް ޓައިމް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ރައީސް އެކަނި ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. ދެން ތިބޭ މެމްބަރުން ކައުންސިލުގައި ފުލް-ޓައިމްކޮށް މަސައްކަތް ކުރުމަކީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ބަދަލުކުރަން ވަނީ ހުށަހަޅައިފަ އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެ ހުރިހާ އިސްލާހުތަކާ ގުޅޭ ބިލްތަކުގެ ފުރަތަމަ ކިޔުން އިއްވުން ވަނީ އެޖެންޑާ ކޮށްފަ އެވެ.