"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ"، ރައީސް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމުގައި މިހާރު އޮންނަ އަތޮޅު ކައުންސިލުތަކަކީ ބޭކާރު ފަށަލައެއް ކަމަށް ވިދާޅުވެ، އަތޮޅު ކައުންސިލުތައް އުވާލަން، ރައްޔިތުންގެ މަޖިލީހުގެ ދެން ފެށޭ ދައުރަކަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިޒާމުގެ ތެރޭގައި ބޭކާރު ފަށަލައެއްގެ ގޮތުގައި އޮތް އަތޮޅު ކައުންސިލުތައް، މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އަންނަ އޮކްޓޯބަރު މަހު ފެށުމާއެކު އެކަމަށް ބޭނުންވާ އިސްލާހު ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅުއްވާނެ ކަމަށެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ"، ރައީސް ވިދާޅުވި އެވެ.
"އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރި ވަނީ. ކޮންމެ ރަށެއްގެ ރަށު ކައުންސިލް ދެން މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ޑައިރެކްޓްލީ. އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އަތޮޅު ކައުންސިލުތަކުގެ ބޭނުމެއް ނެތް ކަން ރަށު ކައުންސިލުތަކުން އެއްބަސްވާނެ އެވެ.
އަތޮޅު ކައުންސިލުތައް އުވައިލިޔަސް، ރަށު ކައުންސިލުތަކުން ކުރާ މަސައްކަތްތަކަށް ފާރަވެރިވުމުގެ ނިޒާމު ހަރުދަނާ ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ރޭ ދެއްވި އެވެ.
އަދި ގާނޫނުއަސާސީ އިސްލާހުކޮށްގެން އަތޮޅު ކައުންސިލުތައް އުވާލުމުން، ރައްޔިތުންނަށް ރަށު ކައުންސިލުތަކުން ކޮށްދޭ ހިދުމަތްތަކުގެ ދުވެލި އަވަސްވާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ."
ރައީސް ޑރ. މުހައްމަދު މުއިއްޒު
އަތޮޅު ކައުންސިލުތައް އުވާލުމުގެ އިތުރުން، ރަށު ކައުންސިލަރުންގެ އަދަދު މަޑުކުރުން ވެސް ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭކަން ރައީސް ހާމަކުރެއްވި އެވެ.
މިގޮތުން، 2،000 އިން ދަށުގެ އާބާދީގެ ރަށްރަށުގައި ތިން މެމްބަރުންގެ ކައުންސިލެއް އަދި 2،000 އަށް ވުރެ އާބާދީ ބޮޑު ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ސަރުކާރުގެ ވިސްނުންހުރިއިރު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވެސް ގެންގުޅެނީ ރައީސް ވިދާޅުވި ގޮތުގައި ހަމަ އެ ރޭޝިއޯ އެވެ.
ނަމަވެސް، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާގެ މަގާމަށް މުޅި ރަށުގެ ރައްޔިތުން ވޯޓުލައިގެން މީހަކު އިންތިހާބު ކުރާނެ ކަމަށާއި، އެއީ ފުލްޓައިމް ވަޒީފާއަކަށް ހަދަން ގާނޫނު އިސްލާހު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ އަންހެނުން ބާރުވެރި ކުރުވަން އަޅުގަނޑުމެން ކުރާ ކަމެއް. ވަރަށް ގިނަ ޑަބްލިއުޑީސީތަކަށް ދިމާވާ ވަރަށް ގިނަ މައްސަލަ ހައްލު ވާނެ މިކަން ކުރީމާ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ކައުންސިލުތަކުގެ ހިންގުމަށް ގާނޫނަށް މި ފަހުން ބޮޑެތި އިސްހާލުތަކެއް ގެނެސްފަ އެވެ.
އެ އިސްލާހުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ގާނޫނާ ތައާރުޒުވާނަމަ، މި އިސްލާހަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ޙަރަކާތްތައް ހުއްޓާލަންވާނެ ކަމުގައިވެސް ބަޔާންކޮށްފައި ވެ އެވެ.
ހަމަމިއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައި ވެ އެވެ.
އަދި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައްބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައި ވެ އެވެ.
އެގޮތުން، ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިހްތިސާސުގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަހައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައި ވެ އެވެ.