ހުޅުދޫ އަދި މީދޫގެ އިން ވަކިކުރާނެ ގޮތް ރައީސް ކިޔައިދެއްވައިފި

ރައީސް ވިދާޅުވީ ރަށު އޮފީސްތައް އުވި، ސިޓީ ކައުންސިލް އުފެދުމުން ވެސް ދެރަށުގެ އިން ވަކިކުރަމުން އައީ މިގޮތަށް ކަމަށެވެ. ނަމަވެސް ދެ ރަށުގެ އިދާރީ ހިންގުން ވަކިކުރާތީ، ރަސްމީކޮށް ދެރަށުގެ އިން ސަރުކާރުން ވަކިކުރަން ޖެހޭ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުމީދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ --

އައްޑޫ ސިޓީގައި އޮންނަ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް އުފެއްދިގެން ދިއުމާއެކު އެ ދެ ރަށުގެ އިހުތިސޯސް ކަނޑައެޅުމުގެ ގޮތުން އިން ވަކިކުރާނެ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ކިޔައިދެއްވައިފި އެވެ.

ހުޅުމީދޫގެ ގޮތުގައި މިހާރު އޮތް އެ ދެ ރަށް ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލްތަކެއް އުފައްދަން ބޭނުންވާ ކަމަށް ސަރުކާރުން ނެގި ފެންނަ ނުފެންނަ ވޯޓުން ވަނީ ނިންމާފަ އެވެ. އެހެންކަމުން ދެން އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެއީ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅިގެން ދާނެ ކަމަށް ރައީސްގެ ގަރާރަކުން ވަނީ ނިންމާފަ އެވެ.

ރައީސް މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ހުޅުދޫ އާއި މީދޫ ވަކިކުރާނީ ޒަމާނުއްސުރެ އެދެރަށް ވަކިކުރަމުންދާ ގޮތަށް ކަމަށެވެ.

އެއީ ރަށު އޮފީސްތައް ހިންގިއިރު އެ ދެ ރަށުގެ އިހުތިސޯސް ކަނޑައަޅާފައި އޮތް ގޮތެވެ. އެއީ؛

  •  ސ. އަތޮޅު މަދަރުސާގެ ދެކުނުން އޮތް އާބާދުމަގުގެ ދެކުނު ފަޅީގައި ދިރިއުޅެނީ ހުޅުދޫ ރައްޔިތުން
  •  އެ މަގުގެ އުތުރު ފަޅީގައި ފިރިއުޅެނީ މީދޫ ރައްޔިތުން

ރައީސް ވިދާޅުވީ ރަށު އޮފީސްތައް އުވި، ސިޓީ ކައުންސިލް އުފެދުމުން ވެސް ދެރަށުގެ އިން ވަކިކުރަމުން އައީ މިގޮތަށް ކަމަށެވެ. ނަމަވެސް ދެ ރަށުގެ އިދާރީ ހިންގުން ވަކިކުރާތީ، ރަސްމީކޮށް ދެރަށުގެ އިން ސަރުކާރުން ވަކިކުރަން ޖެހޭ ކަމަށެވެ.

"އެހެންކަމުން ހުޅުދޫ ކައުންސިލާއި މީދޫ ކައުންސިލްގެ އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނީ މެދު ބަނދަރަށްދާ މަގުގެ ހުޅަނގު އުތުރު ފަޅުން ފެށިގެން ގޮސް ސ. އަތޮޅު މަދަރުސާގެ ދެކުނުން އޮތް އާބާދުމަގު ސީދާ އިރަށް ދަމާލުމުން އެ މަގު ގޮސް ނިމޭ ހިސާބުގެ އުތުރުފަޅިއަކީ މީދޫ ކަމަށް، ދެކުނު ފަޅިއަކީ ހުޅުދޫ ކަމުގައި،" ރައީސް ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިދާރީ ގޮތުން ހިންގުމުގެ ނިޒާމުގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގައި ހުޅުމީދޫ އޮތީ ވަރަށް ބޮޑަށް ބާކީކޮށްފައި ކަމަށެވެ. ނަމަވެސް މި ބަދަލާއެކު އެކަމަށް ނިމުމެއް އައިސް، ދެ ރަށުގައި ވެސް ތަރައްގީގެ އާ ބާބެއް ފެށިގެން ދާނެ ކަމަށެވެ.

"މި ދެ ރަށުގެ ރައްޔިތުންގެ މިދިޔަ އަހަރުތަކުގައި އުންމީދުކުރަމުން، ނުވެ ގޮސްފައިވާ، ހާސިލްނުވެވާ ތަރައްގީ ހާސިލްކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ ފެށުން ގޮތުގައި އަޅުގަނޑަށް ސިފަ ކުރެވޭ. އެއީ އެންމެ މުހިންމު އެއްކަމަކީ އަސާސީ މުނިސިޕަލް ހިދުމަތްތަކާ، ރަށްވެހިކަމުގެ ހިދުމަތްތައް ރައްޔިތުންގެ ގާތުން، ރައްޔިތުން ބޭނުންވާ ގޮތަށް ދެވޭނެ މަގު ފަހިވެގެން ދިއުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެ ރަށުގެ ކައުންސިލް އިމާރާތަށް ބޭނުންވާ ޖާގަ އިތުރު ކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ކަންކަން ފުރިހަމަކޮށް، ލޯކަލް ކައުންސިލް އިންތިހާބު އަންނަންވާއިރަށް ކައުންސިލް އިދާރާތައް ނިމޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

އޭގެ އިތުރުން އެ ދެ ރަށުގެ ސިއްހީ މަރުކަޒު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމާއި، ސްކޫލަށް ޖާގަ އިތުރު ކުރުމާއި، ބީއެމްއެލް ބްރާންޗު ހުޅުވުން ފަދަ މަޝްރޫއުތަކަކީ އިދާރީ ހިންގުން ފުރިހަމަކޮށް، ދެ ރަށަށް ބޭނުންވާ ތަރައްގީ ގެނައުމަށް ފަށާފައިވާ މަސައްކަތްތައް ކަމުގައި ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"މިހުރިހާ ކަމެއްވެސް މިކުރީ ހަމަހަމަކާ އެކީގައި ހުޅުދޫ މީދޫގެ ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތް، ތަރައްގީ ގެނެސްދިނުމުގެ އުންމީދުގައި، ބޭނުމުގައި، އެ އަޒުމުގައި، އެ ނިޔަތުގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އެތައް ކަމެއް ކޮށްދޭނަން. މިއީ ފެށުމެއް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.