އެމްޕީއެލް އިން ބުނީ މި ހާދިސާއާ ގުޅިގެން އެ ކުންފުނީގެ ކަމާ ބެހޭ ޑިޕާޓްމެންޓްތަކުން މިހާރު އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

އެމްޕީއެލް ސަަރަހައްދުން ކްރޭންތަކެއް ކޮޅުވެއްޓިއަކަށް އަރުވަން އުޅެނިކޮށް އިއްޔެ ކޮޅުވެއްޓިއެއް ބަންޑުން ޖަހައިލި ހާދިސާ އާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި އެވެ.
ކްރޭނެއް އަރުވަން އުޅެނިކޮށް ކޮޅުވެއްޓި ފުރޮޅާލި މި ހާދިސާގައި އެ ކުންފުނީގެ ދެ މުވައްޒަފުން ވަނީ މަރުވެފަ އެވެ. ހާދިސާ ހިނގިތާ މާ ގިނައިރެއް ނުވެ އެންމެ ފުރަތަމަ މަރުވީ އެމްޕީއެލްގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށްވާ ބަންގްލަދޭޝަށް ނިސްބަތްވާ، މައުސޫދު ހޮސައިން 32، އެވެ.
އެފަހުން ރޭ ދަންވަރު، މިހާދިސާގައި ވަރަށް ބޮޑަށް އަނިޔާވެގެން ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ 25، އެވެ.
އެމްޕީއެލް އިން ބުނީ މި ހާދިސާއާ ގުޅިގެން އެ ކުންފުނީގެ ކަމާ ބެހޭ ޑިޕާޓްމެންޓްތަކުން މިހާރު އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ތަހުގީގަށް އެނގޭ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ބިދޭސީ މުވައްޒަފު އެމްޕީއެލްގައި މަސައްކަތް ކުރާތާ ވަނީ ތިން އަހަރު ވެފަ އެވެ. އަދި އަފްލާހު އެ ކުންފުންޏާ ގުޅިފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެމްޕީއެލް އިން ވަނީ ދެ މުވައްޒަފުންގެ އާއިލާއަށް ވެސް ތައުޒިޔާ ދަންނަވާފަ އެވެ.
މާލެ ވިޔަފާރި ބަނދަރުގެ ބޭރުގައި އޮތް ބޯޓަކުން ދެ އެކްސްކަވޭޓަރު ކޮޅުވެއްޓިއަކަށް އަރުވަން މަސައްކަތް ކުރީ ލޮޖިސްޓިކް ހިދުމަތްދޭ ކުންފުނެއް ކަމަށްވާ އައި އެންޑް ސީ ޕްރައިވެޓް ލިމިޓެޑު ކުންފުނިންނެވެ.