ސަރުވަޝް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯޑުން އިސްތިއުފާ ދެއްވީ އެމްއެމްއޭގެ ފައިނޭންސް ބޮންޑައިގެން ކުރިއަށްދާން ނިންމުމުން ކަމަށެވެ.

ސަރުވަޝް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯޑުން އިސްތިއުފާ ދެއްވީ އެމްއެމްއޭގެ ފައިނޭންސް ބޮންޑައިގެން ކުރިއަށްދާން ނިންމުމުން ކަމަށެވެ.
މަރުކަޒީ ބޭންކު، އެމްއެއެމްއިން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެން ފައިސާ ޗާޕުކުރަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ،
ސަރުވަޝް ވިދާޅުވީ މިއީ ގާނޫނީ ގޮތުންނާއި އަދި އިގްތިސާދީ ގޮތުން ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަގާމު ވެސް ފުރުއްވި ސަރުވަޝް ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވިއިރު، ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ތުހުމަތުތަކެއް ކުރަމުންނެވެ.
އެމްޑީޕީން ބުނެފައި ވަނީ ސަރުކާރު ކުންފުނިތަކާއި ބޭންކްތަކުން އިތުރަށް ނަގާނެ ފައިސާ ނެތުމުން، 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް ނިންމާފައިވާ ކަމަށެވެ. އެކަން ކުރަން އުޅެނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ވެސް އެ ޕާޓީން ތުހުމަތުކޮށްފައިވެ އެވެ.
އެ ޕާޓީން ބުނެފައިވާ ގޮތުގައި ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ނުރައްކާތެރި ކަމެކެވެ. މިއީ މިހައިތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރައިލައި، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން އެމްއެމްއޭ އިސްވެ އޮވެ، ކުރުވަމުންދާ މަސައްކަތެއް ކަމަށް ބުނެފައިވެ އެވެ.