ދިވެހިންނަށް ފުރުސަތު ދޭން އެފްޑީއައި އުސޫލަށް ގެނައި ބަދަލަށް މަސީގެ މަރުހަބާ

އެމްއެންއޭސީއައި އިން ވަނީ މި ބަދަލާ ގުޅިގެން ދިވެހި ކޮންޓްރެކްޓަރުން ސަމާލުކަން ދޭން ޖެހޭ ކަންތައްވެސް ފާހަގަކޮށްފަ އެވެ. މިގޮތުން މ ފުރުސަތުގެ ބޭނުން އަވަހަށް ހިފައި ދިވެހިން މި ދާއިރާގައި ގަދަ ކުރަން އެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.

އެމްއެންއޭސީއައި އިން އިކޮނޮމިކް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުން -- އެމްއެންއޭސީއައި

ދިވެހި ކޮންޓްރަކްޝަން ކުންފުނިތާއި ދިވެހިންނަށް އިތުރު ފުރުސަތު ތަކެއް ލިބޭ ގޮތަށް، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އަށް ގެނައި އިސްލާހުތަކާ ގުޅިގެން، ކުރީގެ މަސީ އަދި މިހާރުގެ ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން މަރުހަބާ ކިޔައިފި އެވެ. 

އާ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އިންވެސްޓްނުކުރެވޭނެ ދާއިރާތަކާއި ވަކި ޝަރުޠުތަކަކާއެކު އިންވެސްޓުކުރެވޭނޭ ދާއިރާތައް (ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމަންޓްސް) އަށް އިއްޔެ ގެނައި ބަދަލާ ބެހޭ ގޮތުން ރާއްޖޭގެ ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އާ އުސޫލުތަކުގައި ދިވެހި ކޮންޓްރެކްޓަރުންނަށް ވަކި ވަރެއްގެ މަސައްކަތްތަކެއް ހާއްސަކޮށްފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. 

އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މިކަމުގައި އެމްއެންއޭސީއައި އިން ސަރުކާރަށް ހުށަހެޅި ހުށަހެޅުންތަކާއި ހިންގާ ކޮމެޓީ އާއި ލޮޖިސްޓިކް އެންޑް ޓްރާންސްޕޯޓް ކޮމެޓީން ހުށަހެޅި މަސައްކަތްތަކާއި މި އެސޯސިއޭޝަންގެ ފަރާތުން ބިޒްނަސް ކައުންސިލްގައި ކޮށްފައިވާ މަސައްކަތް ފާހަގަ ކުރާ ކަމަށާ، އެކަމުގައި ބިޒްނަސް ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީން ދިން އެއްބާރުލުން ފާހަގަ ކުރާ ކަމަށެވެ. 

އެމްއެންއޭސީއައި އިން ވަނީ މި ބަދަލާ ގުޅިގެން ދިވެހި ކޮންޓްރެކްޓަރުން ސަމާލުކަން ދޭން ޖެހޭ ކަންތައް ވެސް ފާހަގަކޮށްފަ އެވެ. މިގޮތުން މ ފުރުސަތުގެ ބޭނުން އަވަހަށް ހިފައި ދިވެހިން މި ދާއިރާގައި ގަދަ ކުރަން އެ ޖަމިއްޔާ އިން ގޮވާލާފައިވެ އެވެ. އަދި ކޮންޓްރަކްޝަން އިންޑަސްޓްރީއަށް ހިދުމަތް ކުރުމުގައި އެ ޖަމިއްޔާގެ މެންބަރުންނާއި ދިވެހި ކުންފުނިތައް ސާބިވެ ތިބެން ވެސް އެ ޖަމިއްޔާ އިން ގޮވާލާފައިވެ އެވެ. 

އެމްއެންއޭސީއައި އިން ސަމާލުވާން އެދުނު ކަންކަން

  •  މި ބަދަލާއެކު ދިވެހިންނަށް ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުން ހިފުން
  •  ދިވެހި ކުންފުނިތަކަށް ހާއްސަކުރި ދާއިރާތަކުގައި އިންވެސްޓް ކުރުން
  •  މި ދާއިރާގައި ތިބި ބިދޭސީ ކުންފުނިތައް ހުއްޓާލުމުން ކުރިމަތިވާނެ ދަތިތަކަށް ސަމާލުވެ ހިދުމަތް މެދުކެނޑުނަނުދިނުން
  •  ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުވެ ކުރިމަތިލައި ހިތްވަރު ކުރުން

ސަރުކާރުން އިއްޔެ ވަނީ ރާއްޖޭގައި ހަރަކާތްތެރިވެވޭނެ ފޮރިން އިންވެސްޓްމަންޓުތަކުގައި ހުންނަން ޖެހޭ ޝަރުތުތައް އާ ގާނޫނު ދަށުން މުރާޖައާކޮށް އަލުން އިއުލާނުކޮށްފަ އެވެ. 

މި ބަދަލު ގެނައި ސަބަބާ ބެހޭ ގޮތުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ ބިޒްނަސް ކައުންސިލްގައި ސްޓޭކްހޯލްޑަރުންނާއެކު ގިނަ މަޝްވަރާ ތަކެއް ކުރުމަށްފަހު ކަމަށާ، މި މަޝްވަރާތަކުގައި އިންޑަސްޓްރީން އެދުނު ގޮތަށް މި ބަދަލު ގެންނަން ނިންމާފައިވާ ކަމަށާ މިއީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް ދޭން ގެނެވުނު ބަދަލެކެވެ.

މަސީގެ ރިޕޯޓް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނެރުއްވައި ދެއްވަނީ -- މަސީ

"ބިޒްނަސް ކައުންސިލްގައި ފުޅާކޮށް ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާ ކުރެވި އެ ބޭފުޅުން ގެންނަން ބޭނުންވި ބަދަލުތަކެއް މިއީ. ވަރަށް ބޮޑު ކޮންސެލްޓެންޓިވް ޕްރޮސެސްއަކަށްފަހު މި ބަދަލު ގެންނަނީ. މީގެ ކުރިން ދުވަހަކު ވެސް ނުގެންދާ ލެވަލްގައި ގެންދިޔައިން. ރާއްޖޭގެ ލޯޔަރުންނާއި ވިޔަފާރިތަކާ މަޝްވަރާކޮށް ކެބިނެޓުންވެސް މަޝްވަރާކުރި. އަދި އޭގެ ފަހުން ވެސް ބިޒްނަސް ކައުންސިލްގެ ލޯޔަރުންނާއެކު ވެސް ބައްދަލުވުންތައް ބޭއްވުނު،" ސައީދު ވިދާޅުވި އެވެ. 

ބިދޭސީންނަށް ހަރަކާތެރި ނުވެވޭނެ ދާއިރާތައް

  •  ކަނޑު ދަތުރުފަތުރުގެ ދާއިރާ
  •  ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި
  •  މުފާ އުފުލުމުގެ ދާއިރާ ލޮޖިސްޓިކް ވިޔަފާރި
  •  ކޮންސްޓްރަކްޝަން 15 މިލިއަން ޑޮލަރަށްވުރެ ކުދި މަަޝްރޫއުތައް
  •  ރިސޯޓް ކޮންސްޓްރަކްޝަން 10 މިލިއަން ޑޮލަރުންވުރެ ކުދި މަޝްރޫއުތައް
  •  ރެސިޑެންޝަން ރިއަލްއެސްޓޭޓް 100 މިލިއަން ޑޮލަރަށްވުރެ ކުދި މަޝްރޫއުތައް

މި ބަދަލާއެކު ބޭރުގެ ފޮރިން އިންވެސްޓަރުންނަށް ބަންދު ކުރާ ދާއިރާތަކުގައި މިހާރު ތިބި އިންވެސްޓަރުން މި ދާއިރާ އިން ނުކުންނަން "ޓްރާންސިޝަން ޕީރިއަޑެއް" ދީފައިވެ އެވެ. މި ބައި ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލާފަ އެވެ. މިގޮތުން މި ކުންފުނިތައް ނުކުނަން އެއް އަހަރާއި ހަތް އަހަރުގެ މުއްދަތެއް ދޭނެ އެވެ. މީގެ އިތުރުން އިންވެސްޓްމަންޓުން އިންވެސްޓްކޮށްފައިވާ އަދަދަށް ވެސް ލިޔެކިޔުންތަކުގެ އަލީގައި އިކޮނޮމިކް މިނިސްޓްރީން ބަލާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.