ފުލުހުން ރޭ އަމަލުކުރީ ޒިންމާދާރު ކަމާއެކު: ސަރުކާރު

"މުޒާހަރާގެ ބައިވެރިން ފުލުހުންގެ ދައުރަށް ހުރަސް އެޅި ނަމަވެސް، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ފުލުހުން ޒިންމާދާރުކަމާއެކު މަސައްކަތް ކޮށްފައިވާކަން ތަކުރާރުކުރަން،" އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން މިރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން. --ފޮޓޯ: އެމްޑީޕީ

އެމްޑީޕީން "ލޫޓުވާލައިފި" ގެ ނަމުގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ޒިންމާދާރުކަމާއެކުގައި ކަމަށް ސަރުކާރުން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއްވެ އުޅުމުގެ މިިވަންކަމުގެ ގާނޫނުގެ ދަށުން ކަށަވަރުކޮށްދީފައިވާ އެންމެހާ ހައްގުތައް ސަރުކާރުން ކަށަވަރު ކޮށްދެމުންދާ ކަމަށެވެ.

ފުލުހުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި، ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެމްޑީޕީގެ ހަރަކާތް ހިންގަން ވާނީ ފުލުހުން ހުއްދަ ދީފައިވާ ރޫޓުން ކަމަށް ބުނެފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އަދި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ޒިންމާވާ ފަރާތްތަކުގެ އެއްބާރުލުމާއި، ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށާއި، މުޖުތަމައުގެ މަސްލަހަތަށް ފައިދާ ހުރި ގޮތަކަށް ހަރަކާތްތައް ކުރިއަށް ގެންދަން ފުލުހުން އެދިފައިވާކަން ވެސް އެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ އެމްޑީޕީން އަމަލު ކޮށްފައި ވަނީ އެޔާ ހިލާފަށް ކަމަށެވެ. މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަޖީދީމަގަށް ނުކުތީ ފުލުހުންގެ އަމުރާ ހިލާފަށްކަން އެ ބަޔާނުގައިވެ އެވެ. އަދި، ފުލުހުން ދިން އިރުޝާދުތަކަށް އެއްވެސް ވަރަަކަށް ބޯލެނބުމެއްނެތި، ފުލުހުންގެ ބެރިކޭޑުތައް ފޫއަޅުވާލައި އަދި ފުލުހުންގެ ދައުރަށް މުޒާހަރާގެ ބައިވެރިން ހުރަސް އަޅާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"މުޒާހަރާގެ ބައިވެރިން ފުލުހުންގެ ދައުރަށް ހުރަސް އެޅި ނަމަވެސް، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ފުލުހުން ޒިންމާދާރުކަމާއެކު މަސައްކަތް ކޮށްފައިވާކަން ތަކުރާރުކުރަން،" އެ ބަޔާނުގައިވެ އެވެ.

"ލޫޓުވާލައިފި" ގެ ނަމުގައި ރޭ އާޓިފިޝަލް ބީޗު ސަރަހައްދުން ފެށި އެ މުޒާހަރާ ފުލުހުން ހުއްޓުވީ މަޖީދީމަގަށް އަޅަން ދިއުމުންނެވެ. މުޒާހަރާ ހުއްޓުވަން ޝީލްޑު ހިފައިގެން ތިބި ރަޔަޓު ފުލުހުންގެ ސަފުތައް ފޫއަޅުވައިލަން މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރުމުން، ފުލުހުން ވަނީ ޕެޕާ ސްޕްރޭގެ އިތުރުން އެލްއާރުއޭޑީ އެލާމް ވެސް ބޭނުންކޮށްފަ އެވެ.

މި މުޒާހަރާގެ ތެރެއިން އަށް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެމީހުންނާ ގުޅޭ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.