މިރޭގެ މުޒާހަރާ ނިންމައިލިޔަސް، ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ހުރި ޝަކުވާތައް އަޑުއިއްވުމުގެ ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށްދާނެ ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވި

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ފެށި މުޒާހަރާގެ ބައިވެރިންނާ އެކު، މަޖީދީ މަގުން ކުރިއަށްދާން ފުލުހުން ފުރުސަތު ނުދިނުމުން، މިއީ "ވޯމް އަޕް"އެއް ކަމަށް ބުނެ، މުޒާހަރާ ނިންމާލައިފި އެވެ.
"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދަށް އެތައް ސަތޭކަ ބަޔަކު އެއްވި އެވެ.
އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، މުޒާހަރާގެ ބައިވެރިންނާ މުހާތަބުކުރައްވައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު، މުޒާހަރާގެ ބައިވެރިންނަށް ގޮވައިލީ، މަޖީދީ މަގުން މިސްރާބު ޖެހުމަށެވެ.
އެއާ އެކު، މުޒާހަރާގެ ބައިވެރިންނާ އެކު މަޖީދީ މަގުން ކުރިއަށްދާން ކުރި މަސައްކަތް ހެންވޭރު ދަނޑާ ހިސާބުން ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.
ޝީލްޑު ހިފައިގެން ތިބި ރަޔަޓު ފުލުހުންގެ ސަފުތައް ފޫއަޅުވައިލަން މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރުމުން، ފުލުހުން ވަނީ ޕެޕާ ސްޕްރޭގެ އިތުރުން އެލްއާރުއޭޑީ އެލާމް ވެސް ބޭނުންކޮށްފަ އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށްދާން މިސްރާބު ޖެހުމުން، އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްދީ، އިންޒާރު ދެވުނު ކަމަށެވެ.
ނަމަވެސް، އެ އެންގުންތަކަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާއަށް ގަލާއި ފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއަޅަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އޭގެފަހުން ވެސް، މަޖީދީ މަގުން ކުރިއަށް ދެވޭތޯ، މުޒާހަރާގެ ބައިވެރިން ކުރިއަށް ޖެއްސުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، ފުލުހުންގެ ސަފުތައް ކައިރީގައި މުޒާހަރާގެ ބައިވެރިން އިށީނދެ ތިބި މަންޒަރު ފެނުނެވެ.
އޭގެތެރޭގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ހިމެނިވަޑައިގެންނެވި އެވެ.
ނަމަވެސް، މެންދަމު 12:00 ޖަހަން ކައިރިވެފައިވަނިކޮށް، މިއީ އަދި ފެށުމެއް ކަމަށް ބުނެ، މުޒާހަރާ ނިންމައިލަން އުޅޭކަމުގެ އަޑުތައް އިވުނެވެ.
އޭގެފަހުން، އިށީނދެވަޑައިގެން ތިއްބެވި ބޭފުޅުން ކޮޅަށް ތެދުވެވަޑައިގެން، ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ކުރިއެރުމަށްޓަކައި ހާއްސަ ދުއާއެއް ކުރުމަށްފަހު މުޒާހަރާ ވަނީ ނިންމާލައިފަ އެވެ.
މުޒާހަރާގެ ތެރެއިން ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި މިރޭގެ މުޒާހަރާ ނިންމައިލިޔަސް، ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ހުރި ޝަކުވާތައް އަޑުއިއްވުމުގެ ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށްދާނެ ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވި އެވެ.