މުޒާހަރާ ހުއްޓުވީ، ހުއްދަ ދިން ރޫޓާ ހިލާފަށް މިސްރާބު ޖެހުމުން: ފުލުހުން

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށްދާން މިސްރާބު ޖެހުމުން، އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްދީ، އިންޒާރު ދެވުނު ކަމަށެވެ.

އެމްޑީޕީން މިރޭ ކުރަމުންދާ މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ. --ފޮޓޯ: އެމްޑީޕީ

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ކުރަމުންދާ މުޒާހަރާ ހުއްޓުވީ، ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް، މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހުމުން ކަމަށް، ފުލުހުން ބުނެފި އެވެ.

"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދަށް އެތައް ސަތޭކަ ބަޔަކު އެއްވި އެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، މުޒާހަރާގެ ބައިވެރިންނާ މުހާތަބުކުރައްވައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު، މުޒާހަރާގެ ބައިވެރިންނަށް ގޮވައިލީ، މަޖީދީ މަގުން މިސްރާބު ޖެހުމަށެވެ.

އެއާ އެކު، މުޒާހަރާގެ ބައިވެރިންނާ އެކު މަޖީދީ މަގުން ކުރިއަށްދާން ކުރި މަސައްކަތް ހެންވޭރު ދަނޑާ ހިސާބުން ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.

ޝީލްޑު ހިފައިގެން ތިބި ރަޔަޓު ފުލުހުންގެ ސަފުތައް ފޫއަޅުވައިލަން މަސައްކަތް ކުރަމުންދާއިރު، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން ދަނީ ޕެޕާ ސްޕްރޭ ބޭންކުރަމުންނެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށްދާން މިސްރާބު ޖެހުމުން، އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްދީ، އިންޒާރު ދެވުނު ކަމަށެވެ.

ނަމަވެސް، އެ އެންގުންތަކަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާއަށް ގަލާއި ފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއަޅަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެހެންކަމުން، މި އަމަލުތައް ހިންގި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.

އަދި މިފަދަ އަމަލުތައް ނުހިންގަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

މުޒާހަރާގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނުނެވެ. ނަމަވެސް، އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ރަސްމީކޮށް ނުބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.