މަސް ކިލޯއަކަށް 20ރ. ދޭނީ މެދުނުކެނޑި ދެވޭނެ ގޮތަކަށް: ރައީސް

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މަހުގެ އަގު މަތި ކުރުމުގެ ގޮތުން މިފްކޯއާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު ދަނީ ދިރާސާ ކުރަމުންނެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ދިއްގަރުގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ -- ރައީސް އޮފީސް

ރިޔާސީ ވައުދުގައި ބުނި ގޮތަށް މަސް ކިލޯއަކަށް 20ރ. ދޭނީ ހުއްޓުމެއްނެތި ދެވޭނެ ސަސްޓޭނަބަލް އުސޫލެއްގެ ދަށުން ކަމަށާ، އެކަމަށް ސަރުކާރުގެ މަސް ކުންފުންޏާއެކު މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ މަސްވެރިކަމުގައި އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ މ. ދިއްގަރުގެ ރައްޔިތުންނާ މިއަދު ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަސްވެރިން ކިރުވާ މަސް ކިލޯއަކަށް 20ރ. ދޭން ބޭނުންވަނީ ސަސްޓެއިނަބަލްކޮށް މެދުކެނޑުމެއް ނެތި ކަމަށާއި، ކަމަކަށް ކަމެއް ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.

"ހަމަ ނަމެއްގަ މާދަމައިން ފެށިގެން 20ރ. އަށޭ ބުނީމަ އަދި ކަމަކުނުދާނެ. އެކަން ހާސިލް ކުރަން މިއަދަނީ މިފްކޯއާ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ. 

ރާއްޖޭގެ ތާރީހުގައި މަސްވެރިންނަށް ދިން އެންމެ ބޮޑު އަގު، ދައުލަތުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުއްލި ގޮތަކަށް ބޮޑު ކުރި އެވެ. މި ބަދަލާއެކު މަސްވެރިންނަށް ފައިސާ ނުދީހުރި ބިލްތައް އިތުރުވެ، ވެރިކަން ބަދަލުވިއިރު 260 މިލިއަން ރުފިޔާއަށް ސަރުކާރު އޮތީ މަސްވެރިންނަށް ދަރާފަ އެވެ. 

މިދިއަ އަހަރުގެ ބަޖެޓު ޕޮޒިޝަން ރިވީއުކޮށް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ކަޅުބިލަމަހާއި ކަންނެލި ގަންނާނެ އަގު ސަރުކާރުން ކަނޑައަޅައި، އެ އަގުގައި މަސް ގަންނަން މިފްކޯއަށް ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ ދިނުމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި ކަމަށެވެ.

އިތުރަށް އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މަސް ގަންނަ އަގު ބޮޑު ކުރަން ސަރުކާރުން ނިންމައި އެކަން އިއުލާނު ކުރުމާ ހަމައަށް ބަޖެޓްކުރި ސަބްސިޑީގެ ތެރެއިން 167 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. އެއީ ސަބްސިޑީއަށް ކަނޑައެޅި މިންވަރުގެ 67 އިންސައްތަ އެވެ.

އޮޑިޓު އޮފީހުން ބުނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބާއެކު ކަޅުބިލަމަސް ގަންނަ އަގު 25ރ. އަށް ރައީސް ސޯލިހު ބޮޑު ކުރެއްވުމުން ހަމައެކަނި ސެޕްޓެމްބަރުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް މިފްކޯއަށް 248 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ބޭނުން ވާނެ ކަމަށް އެއިރު އެ ކުންފުނިން އަންދާޒާ ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.