މަހުގެ އަގު ބޮޑު ކުރުން | މިފްކޯއަށް ގެއްލުން، ސަރުކާރަށް ބޮޑު ބުރަ

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހުން ފާސް ކުރި މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މަސްވެރިކަަމުގެ ސަބްސިޑީގެ ގޮތުގައި ހިމަނާފައި ވަނީ 413 މިލިއަން ރުފިޔާ އެވެ.

މިފްކޯއަށް ގެނައި މަސް ކިރާ ބޮޑު ބޯޓް "ޖަޒީރާ 103": މިފްކޯއަކީ އަބަދުވެސް ގެއްލުމުގައި ހިނގާ ކުންފުންޏެއް

ދައުލަތުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުއްލި ގޮތަކަށް ބޮޑު ކުރެއްވުމުގެ ސަބަބުން މިފްކޯއަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށާއި، އެ ގެއްލުން ފޫބައްދަން ސަރުކާރުން ސަބްސިޑީ ދިނުމަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުރެވިދާނެ ކަމެއް ނޫން ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ. 

މިދިއަ އަހަރުގެ ބަޖެޓު ޕޮޒިޝަން ރިވީއުކޮށް އެ އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ކަޅުބިލަމަހާއި ކަންނެލި ގަންނާނެ އަގު ސަރުކާރުން ކަނޑައަޅައި، އެ އަގުގައި މަސް ގަންނަން މިފްކޯއަށް ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ ދިނުމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި ކަމަށެވެ. 

އިތުރަށް އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މަސް ގަންނަ އަގު ބޮޑު ކުރަން ސަރުކާރުން ނިންމައި އެކަން އިއުލާނު ކުރުމާ ހަމައަށް ބަޖެޓްކުރި ސަބްސިޑީގެ ތެރެއިން 167 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. އެއީ ސަބްސިޑީއަށް ކަނޑައެޅި މިންވަރުގެ 67 އިންސައްތަ އެވެ. 

އޮޑިޓު އޮފީހުން ބުނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބާއެކު ކަޅުބިލަމަސް ގަންނަ އަގު 25ރ. އަށް ރައީސް ސޯލިހު ބޮޑު ކުރެއްވުމުން ހަމައެކަނި ސެޕްޓެމްބަރުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް މިފްކޯއަށް 248 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ބޭނުން ވާނެ ކަމަށް އެއިރު އެ ކުންފުނިން އަންދާޒާ ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން 2023 ވަނަ އަހަރުގެ ބަޖެޓުގައި މަސްވެރިކަމުގެ ސަބްސިޑީއަށް ހިމެނި އަދަދަށްވުރެ އިތުރަށް މަސްވެރިކަމުގެ ސަބްސިޑީއަށް ފައިސާ ހަރަދު ކުރަންޖެހި ބަޖެޓުގައި ކަނޑައެޅި އަދަދު ފަހަނަ އަޅައި ގޮސްފައިވާކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. 

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހުން ފާސް ކުރި މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މަސްވެރިކަަމުގެ ސަބްސިޑީގެ ގޮތުގައި ހިމަނާފައި ވަނީ 413 މިލިއަން ރުފިޔާ އެވެ. އޮޑިޓު އޮފީހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިފްކޯއަށް މި އަހަރު ސަބްސިޑީގެ ގޮތުގައި 763 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އެ ކުންފުނިން ލަފާ ކޮށްފައިވެ އެވެ. އެހެން ކަމުން ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ހިމަނާފައިވާ އަދަދަކީ ސެޕްޓެމްބަރު މަހުގައި ބޮޑުކުރި އަގުގައި މަސް ގަންނަން މިފްކޯއަށް ބޭނުންވާ އަދަދަށްވުރެ ދަށް އަދަދެކެވެ.

މިފްކޯއަށް މަސް ގަންނަ އަގު މި އަހަރުގެ ފެބްރުއަރީ މަހުގައި މި ސަރުކާރުން ވަނީ މުރާޖައާކޮށް 25ރ. އިން 20ރ. އަށް ކުޑަކޮށްފަ އެވެ. ނަމަވެސް މިފްކޯގެ ހިންގުމުގައި ހުރި މައްސަލަތަކާއި، ކުންފުނީގައި ހުރި ގިނަގުނަ އުނި ކަންކަމަށް ބަލާއިރު މި އަހަރުވެސް ކުންފުންޏަށް ލިބުނު ގެއްލުންތައް ކުޑަ ކުރުމަށް ސަރުކާރުން ބޮޑެތި މާލީ އެހީތައް ފޯރުކޮށް ދޭން ޖެހޭނެ ކަމަށް އޮޑިޓު އޮފީހުން ލަފާ ކުރެ އެވެ. 

އޮޑިޓް އޮފީހުން ބުނެފައި ވަނީ މިފްކޯއިން އަންދާޒާކުރ މިންވަރަށް މިފްކޯއަށް ގެއްލުންވާ ނަމަ، އެ ގެއްލުންތައް ކުޑަ ކުރުމަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި ފައިސާ ދެމުން ދިއުމަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.  

މިފްކޯއަށް ބޮޑެތި މާލީ އެހީތައް ސަރުކާރުން ފޯރު ކޮށްދޭން ޖެހުމުގެ އިތުރަށް އޮޑިޓު ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިފްކޯއަށް ދައުލަތުގެ ފައިސާއިން ދީފައިވާ ލޯނުތައް ސަރުކާރުން ވަނީ 2022 ވަނަ އަހަރު މާފު ކޮށްދީފަ އެވެ. އެގޮތުން މިފްކޯއިން ސަރުކާރަށް ދައްކަން ޖެހޭ 272 މިލިއަން ރުފިޔާ މާފުކޮށްދިނެވެ. 

ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް މިފްކޯއިން އެކި ފަރާތްތަކަށް ދައްކަން ޖެހި ނުދައްކައި ހުރި ފައިސާގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އޮޑިޓް އޮފީހުން ފާހަގަ ކުރި އެވެ. އެގޮތުން މިދިއަ އަހަަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް އެކި ފަރާތްތަކަށް މިފްކޯއިން ދައްކަންޖެހޭ 701 މިލިއަން ރުފިޔާ ނުދައްކައި ހުރި ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފއިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.