އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނީގެ މުއްދަތު ދަންމާލައިފި

މިއީ އެމްޑީޕީ ވެރިކަމުގައި ބަޖެޓު ސަޕޯޓުގައި އެސްބީއައަށް ވިއްކި 200 މިލިއަން ޑޮލަރު ޓީބިލެވެ. އޭގެ ތެރެއިން 50 މިލިއަން ހިލޭ އެހީއަށް އިންޑިއާއިން ބަދަލުކޮށް ބާކީ 150 މިލިއަން ޑޮލަރު ތިން ބަޔަށް ބަހާލައިގެން ދައްކަން ޖެހޭ ދަރަންޏެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ ސަފީރާއެކު ބޭއްވި ބައްދަލު ކުރެއްވުން -- ފިނޭންސް

އިންޑިއާގެ ގައުމީ ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ދައުލަތުން ވިއްކި 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 771 މިލިއަން ރުފިޔާ) ގެ ޓްރެޜަރީ ބިލް ދައްކަން ޖެހޭ މުއްދަތު އަނެއްކާ ވެސް އިތުރުކޮށް ދީފި އެވެ.

ރާއްޖޭގެ މާލީ ހާލަތު މެނޭޖު ކުރަން ފަސޭހަވާނެ މި ލުއި ދީފައިވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްވެ ހުންނަވައި ކުރެއްވި މަޝްވަރާތަކަށްފަހު އެވެ. ރާއްޖޭން ދަރަނި ނަގާފައިވާ ރަހުމަތްތެރި ގައުމުތަކާއެކު ބާއްވާ ސިލްސިލާ މި ބައްދަލުވުންތަކުގެ ތެރޭން ރާއްޖޭން ފިނޭންސް މިނިސްޓަރު ޒަމީރު ވަނީ އިންޑިއާގެ ހައި ކޮމިޝަނަރ ޖީ. ބާލާސުބްރަމަނިއަން ބައްދަލު ކުރެއްވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނޮން އަދި އިންޑިއާގެ ހާރިޖީ ވުޒާރާގެ އިސް އޮފިޝަލުނާއެކު ބޭއްވި މި ބައްދަލުމުން ހާމަވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަމެވެ.

މި އެހީތެރިކަމުގެ ނަތީޖާއެއްގެ ގޮތުން އިންޑިއާގެ ގައުމީ ބޭންކް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ދައުލަތުން ވިއްކި 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ދައްކަން ޖެހޭ މުއްދަތު ވަނީ ރޯލްއޯވާކޮށް ދީފަ އެވެ. މި ޓީބިލްގެ މުއްދަތު ހަމަވީ މިއަދު އެވެ.

މިއީ ކޮން ދަރަންޏެއް ؟ - މިއީ އެމްޑީޕީ ވެރިކަމުގައި ބަޖެޓު ސަޕޯޓުގައި އެސްބީއައި އިން ނެގީ ޖުމްލަ 200 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 50 މިލިއަން ހިލޭ އެހީގެ ގޮތުގައި ކަނޑައެޅުމަށްފަހު، ބާކީ 150 މިލިއަން ޑޮލަރު ނަގާފައިވަނީ ތިން ޓީބިލަކަށް ބަހާލައިގެން ދައްކަން އޮތް ދަރަންޏެވެ. މިއީ އެސްބީއައިއަށް ވިއްކާފައިވާ ޓީބިލުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާއިން ރޯލްއޯވާކޮށް ދިން ޓީބިލް އެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، އިންޑިއާ އަށް ވިއްކި 50 މިލިއަން ޑޮލަރުގެ ޓީބިލް މިދިޔަ ޖެނުއަރީ މަހު އަނބުރާ ދައްކައިފަ އެވެ. ނަމަވެސް، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ތެރެއިން މިދިޔަ އަހަރުގެ މެއި މަހު ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު އިންޑިއާ އިން ވަނީ އިތުރު އަހަރަކަށް ރޯލްއޯވާ ކޮށްދީފަ އެވެ.

މިނިސްޓަރުގެ ބައްދަލުވުގެ އިތުރު ކަންކަން

ފިނޭންސް މިނިސްޓްރީން ބުނީ މި ފަހަރުގެ މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫޢުތަކުގެ ޕޯޓްފޯލިއޯއަށެވެ. ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަވައި، ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައި ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ. މީގެއިތުރުން، މިބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުސަތުތަކާ މެދު މަޝްވަރާކުރެއްވިއެވެ. ދެފަރާތުންވެސް ވަނީ އިޤްތިޞާދީ އެއްބާރުލުމަށް އައު ފުރުޞަތުތައް ހޯދުމަށާއި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި ހިންގޭ ވިޔަފާރީގެ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

އިންޑިއާއިން ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި ވަފުދު

އިންޑިއާއިން ރާއްޖޭގެ ދަރަނީގެ ލުއިތައް ދިންއިރު ޗައިނާއިން ވެސް ދަނީ މިފަދަ ލުއިތަކެއް ދޭން ތައްޔާރު ވަމުންނެވެ. މިކަން ހާމަ ކުރެއްވީ ޗައިނާގެ ސަފީރު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ. ސަފީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ރޭވުންތަކެއް ރާވާ ނިނިފައިވާ ކަމަށާ މިކަމުގެ ކަރުދާހުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. މިގޮތުން ރާއްޖޭގެ ލޯނުތައް ފުރުރާސްތާގައި ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ގެންދާކަން ސަފީރު ފާހަގަ ކުރެއްވި އެވެ.

"މި ބަދަލުން މިހާރަށްވުރެ ވެސް ފިސްކަލް އަދި ފައިނޭންޝަލް ސްޓެބިލިީ އަންނާނެ ގޮތް ވެގެން ދާނެ. މި ލުއިތަކުގެ އެންމެ މުހިންމު އެއް ސިފައަކީ ދަރަނި ލުއި ދިމުގައި އިތުރު ބުރައެއް ކުރިމަތި ނުވުން. އިތުރު އަގެއް މި ލުއިތަކުގައި ނުހިމެނުން. އެކަށީގެންވާ ދިގު މުއްދަތެއް ލިބިގެން ދިއުން،" ސަފީރު ފާހަގަ ކުރެއްވި އެވެ. 

ބޮޑު ދަރަނި އަންނަ އަހަރު

ވާރުތަވަމުންދާ ދަރަންޏާއެކު ރާއްޖޭގެ ޖުމްލަ ދަރަނި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ހުރީ 148.9 ބިލިއަން ރުފިޔާ ގާތްނޑަކަށް އުފުލި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ %124 ޕަސެންޓުގަ އެވެ. މި އަދަދު މި އަހަރު 150 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ އެތެރޭގެ ދަރަނީގެ ގޮތުގައި ހުރި 86.6 ބިލިއަން ރުފިޔާ އާއި ބޭރުގެ ދަރަނީގެ ގޮތުގައި ހުރި 62.3 ބިލިއަން ރުފިޔާ އެވެ. 

ރާއްޖޭގެ ދަރަނި މަތީގައި ހުރިއިރު ރާއްޖޭން އެންމެ ބޮޑު ލޯނެއް ދައްކަން މި ޖެހެނީ މި އަހަރާއި އަންނަ އަހަރު އެވެ. އެއީ އެއް ފަހަރާ އެއް ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެކެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ދަރަނި ދެއްކޭނެ ކަމަށް ބުނެފަ އެވެ. އެކަން ކުރަން ބާރު ހޯދުމުގެ ގޮތުން ބޭރު ފައިސާ މާރުކުރުމާއި މިނޫންވެސް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. މިއާއެކު މި ސަރުކާރުން އައިފަހުން ބޭރުން ލޯނު ނުނަގައި 120 މިލިއަން ޑޮލަރުގެ ދަރަނި އެއްފަހަރާ ދައްކާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.