ރާއްޖެއަަށް ދަރަނީގެ ލުއި ދިނުމުގެ ކަރުދާހުގެ މަސައްކަތް މިމަހު ނިމޭނެ

ޗައިނާ ސަފީރު ސަފީރު ކޮންގް ޒިއަންހުއާ މި ލުއިތަކާއި އެފްޓީއޭއާއެކު ދުރުރާސްތާގައި ރާއްޖޭން އެހެން ގައުމުތަކަށް މާލީ އެހީތެރިކަންދޭތަން ދެކެން ބޭނުންވެ އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ -- ފޮޓޯ ޒިންހުއާ

ޗައިނާ އިން ރާއްޖެ އަށް ދޭ ދަރަނީގެ ލުއިތަކުގެ ކަރުދާސް މަސައްކަތް މިމަހު ނިންމާލާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެ އެވެ. 

ސަފީރު ޒިއަންހުއާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ރޭވުންތަކެއް ރާވާ ނިނިފައިވާ ކަމަށާ މިކަމުގެ ކަރުދާހުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. މިގޮތުން ރާއްޖޭގެ ލޯނުތައް ފުރުރާސްތާގައި ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ގެންދާކަން ސަފީރު ފާހަގަ ކުރެއްވި އެވެ.

"މި ބަދަލުން މިހާރަށްވުރެ ވެސް ފިސްކަލް އަދި ފައިނޭންޝަލް ސްޓެބިލިީ އަންނާނެ ގޮތް ވެގެން ދާނެ. މި ލުއިތަކުގެ އެންމެ މުހިންމު އެއް ސިފައަކީ ދަރަނި ލުއި ދިމުގައި އިތުރު ބުރައެއް ކުރިމަތި ނުވުން. އިތުރު އަގެއް މި ލުއިތަކުގައި ނުހިމެނުން. އެކަށީގެންވާ ދިގު މުއްދަތެއް ލިބިގެން ދިއުން،" ސަފީރު ފާހަގަ ކުރެއްވި އެވެ.

ދަރަނީގެ ލުއި ދެނީ އިތުރު ބުރައެއް ނާންނަ ގޮތަށް

ރާއްޖެއަށް މާލީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދެމުން ގެންދާ އެއް ގައުމު ކަމަށްވާ ޗައިނާގެ ސަފީރު ޒިއަންހުއާ ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެއަށް އެހީދިނުމަށް ނިންމާފައިވަނީ އިތުރު މާލީ ބުރައެއް ރާއްޖެ އަށް އުފުލަން ނުޖެހޭނެ ގޮތް ބަލައިގެންނެވެ.

ސަފީރު ފާހަގަ ކުރެއްވި ގޮތުގައި ޑިވްލޮޕްމަންޓް ލޯނުތަކަކީ ރާއްޖެއަށް މުހިންމު ބައެއް ކަމަށާ، ނަމަވެސް ރާއްޖެއަށް ހަމައެކަނި ލޯނުތަކުން ނުފުދެ އެވެ. މިއާއެކު ރާއްޖެ އާއި ޗައިނާއާ ދެމެދު މިހާރު ހަދާފައިވް ފްރީޓްރޭޑް އެގްރީމެންޓް (އެފްޓީއައި) ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަށް ލުއިތަކެއް ލިބިގެންދާނެކަން ސަފީރު ފާހަގަ ކުރެއްވި އެވެ. މި އެއްބަސްވުމުގެ ދަށުން ޓެކްނޮލޮޖީގެ އެހީތެރިކަމާއި ޓްރެއިނިންގެ އެހީތެރިކަމާއެކު އާއްމުންގެ މަސައްކަތްތައް އިތުރު ވެގެންދާނެ އެވެ.

"މިއީ އެންމެ މުހިންމު ފިޔަވަޅަކީ. އެންމެ މުހިންމު ފިޔަވަޅު ހަގީގަތުގަ. މިކަންކަމުން ހަގީގަތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަށް ދިގު މުއްދަތުގައި ހައްލު ލިބިގެންދާނީ،" ސަފީރު ވިދާޅުވި އެވެ.

ސަފީރު ޒިއަންހުއާ ފާހަގަ ކުރެއްވި ގޮތުގައި މި ކަންކަން ކާމިޔާބު ކުރެއްވިއްޖެނަމަ ދުރުރާސްތާގައި އަންނަ ބަދަލުތަކާއެކު އެހެން ގައުމުތަކަށް މާލީ އެހީތެރިކަން ދޭނެ ގައުމަކަށް ވެގެންދާ އެވެ. 

ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިވާ

ޗައިނާ އިން މިހާތަނަށް ރާއްޖޭގައި ކޮށްދިން އެންމެ ބޮޑު މަސައްކަތަކީ ސިނަމާލެ ބްރިޖެވެ. މި ބްރިޖުގެ ބޮޑު ބަޔަކީ ޗައިނާ ހިލޭ އެހީ އެވެ. މީގެ އިތުރުން މިހާރު ދަނީ ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ އެޅުމާއި މާލެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ހޮސްޕިޓަލްގެ މަސައްކަތުގެ ޑިޒައިން މަސައްކަތް މިވަގުތު އޮތީ ޑިޒައިން ބިޑިން މަރުޙަލާގަ އެވެ. ވިލިމާލެއާއި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވަމުންދާއިރު، 50 ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި ހަދަންޖެހޭ އޮން-ސައިޓް ފީސިބިލިޓީ ސްޓަޑީ ހަދައި ވަނީ ނިމިފަ އެވެ. 

ރާއްޖެ ދަރަނި ދެއްކުމުގެ ކުޅަދާނަކަން މަތި

ރާއްޖޭން އެންމެ ބޮޑު ލޯނެއް ދައްކަން މި ޖެހެނީ މި އަހަރާއި އަންނަ އަހަރު އެވެ. އެއީ އެއް ފަހަރާ އެއް ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެކެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ދަރަނި ދެއްކޭނެ ކަމަށް ބުނެފަ އެވެ. އެކަން ކުރަން ބާރު ހޯދުމުގެ ގޮތުން ބޭރު ފައިސާ މާރުކުރުމާއި މިނޫންވެސް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. މިއާއެކު މި ސަރުކާރުން އައިފަހުން ބޭރުން ލޯނު ނުނަގައި 120 މިލިއަން ޑޮލަރުގެ ދަރަނި އެއްފަހަރާ ދައްކާފައިވެ އެވެ.

ރާއްޖޭގެ ދަރަނި - ރާއްޖޭގެ ޖުމްލަ މި އަަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ހުރީ 148,9 ބިލިއަން ރުފިޔާ ނުވަތަ 150 ބިލިއަން ރުފިޔާގަ އެވެ. މީގެތެރޭގައި ހިމެނެނީ އެތެރޭގެ ދަރަނީގެ ގޮތުގައި ހުރި 86.6 ބިލިއަން ރުފިޔާ އާއި ބޭރުގެ ދަރަނީގެ ގޮތުގައި ހުރި 62.3 ބިލިއަން ރުފިޔާ އެވެ. - މި އަހަރުގެ ބަޖެޓުގައި ވެސް ދަރަނި 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މި އަހަރު ފެނުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 146,7 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ % 122 އެވެ. އަދި އެ މުއްދަތުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 61 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 84 ބިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ދަރަނީގެ ނިސްބަތް ޖީޑީޕީގެ ނިސްބަތުން މައްޗަށް ޖެހިލާފައި މިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށުގައި ހުރުމަށްފަހު އެވެ. މިއީ 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 133 ޕަސެންޓަށް އުފުލުމަށްފަހު ދަރަނި މަތިވުމެއް އައި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.