އެތަނުގައި ގިނަ އަދަދެއްގެ ނޫސްވެރިން އަޑުއުފުލަމުން ގެންދާއިރު، ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފަ އެވެ.
މީޑިއާ ރެގިއުލޭޓު ކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް، އެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށްފަހު އެކުލަވާލާ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މެންބަރުން ވެސް ތިބޭ ގޮތަށެވެ. ނަމަވެސް އެކަންކަން ބަދަލުކޮށް، އެޓާނީ ޖެނެރަލް އޮފީހުން ވަނީ 15 އިސްލާހެއް މި ބިލަށް ހުށަހަޅާފަ އެވެ.
އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާއެކު މި ބިލު ކޮމެޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
އެ ބިލު ތަޅުމުން ފާސްކުރަން މިއަދު ހަވީރު 4:00 މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ތާވަލުކުރި ފަހުން، އެ ބިލާ ގުޅޭގޮތުން ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބާއްވަން ޖެހުނީ އިއްޔެ ފާސްކުރި އިސްލާހުތަކަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ގާނޫނީ ލަފާތަކާ ގުޅިގެންނެވެ.
މަޖިލީހުގެ ގަވާއިދުގެ ދަށުން، ކޮމިޓީން ފާސްކުރާ ކަމަކާ ގުޅޭގޮތުން ކައުންސެލް ޖެނެރަލް ލަފައެއް ދެއްވައިފިނަމަ، އެކަމާމެދު ކޮމިޓީން އަލުން ގޮތެއް ނިންމަންޖެހެ އެވެ.
އެހެންކަމުން، ޖަލްސާ ފަށަން އެއް ގަޑިއިރަށް ވުރެ ކުޑަތަންވެފައިވަނިކޮށް، ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، ފިލްޒާ ދެއްވި ލަފާތައް ހިމަނައި، އެ ބިލުގެ ރިޕޯޓު ކޮމިޓީން ފާސްކުރި އެވެ.
އެއާ އެކު، ކޮމިޓީގެ ރިޕޯޓާ އެއްގޮތަށް، އެ ބިލު މަޖިލީހުން ފާސްކުރީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކޮށްފައި ވަނީ އިތުރު އިސްލާހުތަކެއް ވެސް ފާސްކުރުމަށްފަހު އެވެ.
އެ ބިލު ފާސްކުރަން ބޭއްވި ޖަލްސާގައި އެމްޑީޕީ މެންބަރުން ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އެހެންވެ، އެ މެންބަރުންގެ ނަން އިއްވައި، ވަނީ ތަޅުމުން ނެރެފަ އެވެ.
ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގެ އެޖެންޑާ އާންމުކޮށްފައި ވަނީ ޖަލްސާ ފެށެން ދެތިން މިނެޓަށް ވެފައި ވަނިކޮށެވެ. އަދި އިއްޔެ ކޮމިޓީން އެ ބިލަށް ގެނައި އިސްލާހުތައް ވެސް އާންމު އުސޫލުގެ ދަށުން މަޖިލީހުގެ ވެބްސައިޓުގައި އަދި މިހާތަނަށް ޝާއިއުކޮށްފަ އެއް ނުވެ އެވެ.
އެކަމާ ގުޅިގެން، އެ ބިލާ ދެކޮޅަށް އަޑުއުފުލަމުންދާ ނޫސްވެރިން ވަނީ މިއަދުގެ ހެނދުނުން ފެށިގެން މަޖިލިސް ކައިރިއަށް އެއްވެފަ އެވެ. އެތަނުގައި ގިނަ އަދަދެއްގެ ނޫސްވެރިން އަޑުއުފުލަމުން ގެންދާއިރު، ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފަ އެވެ.
އަދި އެ އިހުތިޖާޖު ރޫޅާލަން ފުލުހުން މަސައްކަތްކުރުމުގެ ތެރޭގައި ބައެއް ނޫސްވެރިން ވެއްޓި، އަނިޔާވެފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ.
އޭޖީ އޮފީހުން ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ނޫސްވެރިންގެ އެންމެ ކަންބޮޑުވުން އޮތް މާއްދާކަމަށްވާ، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނަ ގޮތަށް އިސްލާހުކުރަން ހުށަހަޅާފައިވެ އެވެ.
އަދި ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރަން އޭޖީ އޮފީހުން ވަނީ ލަފާދީފަ އެވެ.
މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި، ގައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކޮށް ހިމެނުމަށް ވަނީ އެދިފަ އެވެ.
އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ ކޮމިޝަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައިގެ ތަހުގީގު ކޮމިޝަނުން ގާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީއިން ކުރާގޮތަށް ހަމަޖެއްސުމާއި، އެ ކޮމިޓީއާގުޅޭ އުސޫލުތައް ބިލުގައި ހިމެނުމަށް ހުށަހަޅާފައި ވެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، އޭޖީ އެ އިސްލާހުތައް ހުށަހެޅުއްވީ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު، އެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށެވެ. އަދި ސޯޝަލް މީޑިޔާގައި ފާޅުކުރާ ޝުއޫރުތަކުގެ މައްޗަށް ވެސް މި ބިލު ހިނގާނެ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.