އަދި ރިޕޯޓު ފާސްކުރަން ޖަލްސާ ފަށަން ބައިގަޑިއިރަށް ވެފައިވަނިކޮށް، ރިޕޯޓު ކިޔައިލުމުގެ ފުރުސަތު ނުލިބި، މެމްބަރުން ވޯޓު ދޭނީ ކިހިނެއްތޯ އޭނާ ތަކުރާރުކޮށް މީކާއިލް ސުވާލުކުރި އެވެ.
މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ގެނެސްފައިވާ އިސްލާހުތަކަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ރެކަމެންޑޭޝަންތައް ހިމަނައި، އެ ބިލުގެ ރިޕޯޓު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށްފަހު އެކުލަވާލާ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މެންބަރުން ވެސް ތިބޭ ގޮތަށެވެ. ނަމަވެސް އެކަންކަން ބަދަލުކޮށް، އެޓާނީ ޖެނެރަލް އޮފީހުން ވަނީ 15 އިސްލާހެއް މި ބިލަށް ހުށަހަޅާފަ އެވެ.
އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާއެކު މި ބިލު ކޮމެޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
އެ ބިލު ތަޅުމުން ފާސްކުރަން މިއަދު ހަވީރު 4:00 މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ތާވަލުކުރި ފަހުން، ކޮމިޓީގެ ބައްދަވުމެއް މެންދުރު 2:00 އަށް ތާވަލުކުރި އެވެ.
ތާވަލުކުރި ގަޑިއަށް ވުރެ އެއް ގަޑިއިރުފަހުން، ބައްދުލުވުން ފެށުމާ އެކު ކޮމިޓީގެ މުގައްރިރު ވިދާޅުވީ، އިއްޔެ ފާސްކުރި އިސްލާހުތަކަށް ކައުންސެލް ޖެނެރަލްގެ ރެކަމެންޑޭޝަންތަކެއް ލިބިފައިވާ ކަމަށެވެ. އެއާ އެކު، ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހުމް ޝުޖާއު ހުށަހެޅުއްވީ، އެ ރެކަމެންޑޭޝަންތަކާ އެކު ކޮމިޓީގެ ރިޕޯޓު ފާސްކުރުމަށެވެ.
އެކަމަށް ތާއީދު ލިބި ވޯޓަށް އަހަން ތައްޔާރުވަނިކޮށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ އެކަމަށް އިއުތިރާޒު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކައުންސެލް ޖެނެރަލްގެ ލަފާ މިއަދު ލިބުމުން، މުޅި ރިޕޯޓު ކިޔައިލުމުގެ ފުރުސަތު މެމްބަރުންނަށް ލިބެންޖެހެ އެވެ.
އަދި ރިޕޯޓު ފާސްކުރަން ޖަލްސާ ފަށަން ބައިގަޑިއިރަށް ވެފައިވަނިކޮށް، ރިޕޯޓު ކިޔައިލުމުގެ ފުރުސަތު ނުލިބި، މެމްބަރުން ވޯޓު ދޭނީ ކިހިނެއްތޯ އޭނާ ތަކުރާރުކޮށް މީކާއިލް ސުވާލުކުރި އެވެ.
އެކަމާ އިހުތިޖާޖުކޮށް، އަޑުގަދަކުރައްވަމުން ގެންދަވަނިކޮށް، ޕީއެންސީގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ ކޮމިޓީން ވަނީ އެ ރިޕޯޓު ފާސްކޮށްފަ އެވެ.
ދައުރުން ބޭރުގައި ޖަލްސާއެއް ތާވަލުކޮށްފައިވަނީ، އެޖެންޑާ ވެސް އާންމުނުކޮށެވެ. އަދި އިއްޔެ ކޮމިޓީން އެ ބިލަށް ގެނައި އިސްލާހުތައް ވެސް އާންމު އުސޫލުގެ ދަށުން މަޖިލީހުގެ ވެބްސައިޓުގައި އަދި މިހާތަނަށް ޝާއިއުކޮށްފަ އެއް ނުވެ އެވެ.
އެކަމާ ގުޅިގެން، އެ ބިލާ ދެކޮޅަށް އަޑުއުފުލަމުންދާ ނޫސްވެރިން ވަނީ މިއަދުގެ ހެނދުނުން ފެށިގެން މަޖިލިސް ކައިރިއަށް އެއްވެފަ އެވެ. އެތަނުގައި ގިނަ އަދަދެއްގެ ނޫސްވެރިން އަޑުއުފުލަމުން ގެންދާއިރު، ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފަ އެވެ.