ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މީޑިއާ ބިލް ކޮމެޓީން ފާސްކޮށްފި

އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާއެކު މިއަދު މި ބިލު ކޮމެޓީން ފާސްކޮށްފައި ވަނީ ބައްދަލުވުން އޮތް ތަނުގައި ނޫސްވެރިން އަޑުގަދަކޮށް، އިހުތިޖާޖެއް ކުރަމުން ދަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުން --

މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބައެއް ބަދަލުތައް ގެނައުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށްފަހު އެކުލަވާލާ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މެންބަރުން ވެސް ތިބޭ ގޮތަށެވެ. ނަމަވެސް އެކަންކަން ބަދަލުކޮށް، އެޓާނީ ޖެނެރަލް އޮފީހުން ވަނީ 15 އިސްލާހެއް މި ބިލަށް ހުށަހަޅާފަ އެވެ.

އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާއެކު މިއަދު މި ބިލު ކޮމެޓީން ފާސްކޮށްފައި ވަނީ ބައްދަލުވުން އޮތް ތަނުގައި ނޫސްވެރިން އަޑުގަދަކޮށް، އިހުތިޖާޖެއް ކުރަމުން ދަނިކޮށެވެ. ވޯޓަށް އެހުމުން ތަން ހޫނުވެ، މެދުކަނޑާލަން ވެސް ޖެހުނެވެ. މި ބިލު ފާސްކޮށްފައި ވަނީ ހަމައެކަނި ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ.

އޭޖީ އޮފީހުން ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ނޫސްވެރިންގެ އެންމެ ކަންބޮޑުވުން އޮތް މާއްދާކަމަށްވާ، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނަ ގޮތަށް އިސްލާހުކުރަން ހުށަހަޅާފައިވެ އެވެ.

އަދި ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރަން އޭޖީ އޮފީހުން ވަނީ ލަފާދީފަ އެވެ.

މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި، ގައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކޮށް ހިމެނުމަށް ވަނީ އެދިފަ އެވެ.

އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ ކޮމިޝަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައިގެ ތަހުގީގު ކޮމިޝަނުން ގާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީއިން ކުރާގޮތަށް ހަމަޖެއްސުމާއި، އެ ކޮމިޓީއާގުޅޭ އުސޫލުތައް ބިލުގައި ހިމެނުމަށް ހުށަހަޅާފައި ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.