ނޫސްވެރިންނަށް ފިޔަވަޅު ނޭޅުމާއި ކޮމިޝަނަށް ރައީސްގެ ބާރު ނުހިނގާ ގޮތަށް މީޑިޔާ ބިލަށް އޭޖީގެ ގިނަ އިސްލާހުތަކެއް

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބިލަށް 15 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭޖީ އުޝާމް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --ފޮޓޯ: ރައީސް އޮފީސް

މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ނޫސްވެރިންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ރިއާއަތްކޮށް، ބަންޑާރަ ނައިބުގެ އޮފީހުން އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހަޅައިފި އެވެ. 

ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބިލަށް 15 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. 

މިގޮތުން، ނޫސްވެރިންގެ އެންމެ ކަންބޮޑުވުން އޮތް މާއްދާކަމަށްވާ، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނަ ގޮތަށް އިސްލާހުކުރަން އޭޖީ އޮފީހުން ވަނީ ހުށަހަޅައިފަ އެވެ. 

އަދި ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރަން އޭޖީ އޮފީހުން ވަނީ ލަފާދީފަ އެވެ. 

މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި، ގައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކޮށް ހިމެނުމަށް ވަނީ އެދިފަ އެވެ. 

އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ ކޮމިޝަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައިގެ ތަހުގީގު ކޮމިޝަނުން ގާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީއިން ކުރާގޮތަށް ހަމަޖެއްސުމާއި، އެ ކޮމިޓީއާގުޅޭ އުސޫލުތައް ބިލުގައި ހިމެނުމަށް ހުށަހަޅާފައި ވެ އެވެ.

މީގެ އިތުރުން ވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ އިތުރު އިސްލާހުތައް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައި ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރަމުންދާއިރު، މިއީ އިސްލާހުކުރެވޭ ވަރަށް ވުރެ ވެސް ގޯސްކޮށް އޮތް ބިލެއް ކަމަށް ބުނެ، އެ ބިލު މަޖިލީހުން ބޭރުކޮށްލުމަށް ނޫސްވެރިން ދަނީ ސިލްސިލާކޮށް އިހުތިޖާޖުކޮށް، ގޮވައިލަމުންނެވެ.

ނަމަވެސް، އެ ބިލު އިސްލާހުކޮށްގެން، ނޫސްވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހައްލު ކުރެވޭނެ ކަމަށް، ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

މަޖިލީހުގެ ކޮމިޓީން މިހާރު ދަނީ އެ ބިލަށް އެކި ފަރާތްތަކުން ލިބިފައިވާ ހިޔާލުތައް ދިރާސާކުރަމުންނެވެ. އެކަމަށްޓަކައި އިއްޔެ އާއި މިއަދު ބޭއްވި ބައްދަލުވުންވެސް ވަނީ ސިއްރުކޮށްފަ އެވެ. 

އެކަމާ ހިތްހަމަނުޖެހިގެން، ކޮމިޓީގެ މިއަދުގެ ބައްދަލުވުން އަޑުއަހަން ވަދެ ތިބި ނޫސްވެރިން ގަދަކަމުން ނެރުނު މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ. 

މީގެ ކުރިން މި ބިލު ދިރާސާ ކުރުމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް އަދި ނޫސްވެރިންނާ ބައްދަލުކުރި ކޮމެޓީ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުވާލައިގެންނެވެ. ދެ ކޮމިޝަނުން ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.