އެމްޕީއެލް މާލެ މަސް ބަނދަރާ ހަވާލުވެ މަސްވެރިނާއެކު ބައްދަލުމެއް

އެމްޕީއެލް އިން ބުނީ މި ބައްދަލުވުމުގެ ބޭނުމަކީ މަސްވެރިންގެ ހިޔާލު ހޯދައި މަސްމާރު ކޭޓާ ދިމާ ބަނދަރު އެމީހުންނަށް ފަސޭހައިން ބޭނުން ކުރެވޭނެ އިންތިޒާމެއް ގާއިމް ކުރުމެވެ.

އެމްޕީއެލްގެ ސީއީއޯ ރިޝްވާން މަސްވެރިންނާ ވާހަކަ ދައްކަވަނީ -- އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލެ މަސް ބަނދަރާ ހަވާލުވެ އެތަނުގައި ހުރި މައްސަލަތައް ހައްލުކުރަން މަސްވެރިންގެ ހިޔާލު ހޯދަން ބައްދަލުމެއް ބާއްވައިފި އެވެ. 

އެމްޕީއެލްގެ ހެޑް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ / އެމްޑީ މުޙައްމަދު ރިޝްވާނު އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވި އެވެ. މީގެ އިތުރުން މާލެ މަސް މާރުކޭޓް ސަރަހައްދުގައި ހަރަކާތްތެރިވާ މަސް ވިއްކާ ފަރާތްތަކާއި މަސްވެރިންގެ ގިނަ ބަޔަކު ވެސް ބައިވެރިވެފައިވެ އެވެ. 

މި ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ގޮތުން ސިފައިންނާއި ފުލުހުންގެ ހިދުމަތުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ސީއީއޯ ރިޝްވާން ވިދާޅުވީ މި ބައްދަލުވުމުގެ މަގުސަދަކީ އެ ކުންފުނިން ހަވާލުވުމަށްފަހު ކޮށްދެވެން ހުރި ކަންކަން ހޯދައި މަސްވެރިންގެ ހިޔާލު ހޯދުމެވެ. 

"ބަލަން ބޭނުންވަނީ ކޮށްދެވެން ހުރި ކަންކަން. ހުރިހާކަމެއް އެއް ދުވަސް އިރުއަރަންވާއިރަށް ނުކުރެވިދާނެ. އެކަމަކު ކޮށްދެވޭނެ ކަންތައްތަކެއް ހުންނާނެ. ކުދިކުދި ނަމަވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަންކަން ހުންނާނެ. އެފަދަ ކަންކަމުން ފަށައިގެން ކުރިއަށް ގެންދަން ވިސްނަނީ. މި ބައްދަލުވުމުގެ މަގުސަދަކީ އެފަދަ ކަންކަން ހޯދަން މަސްވެރިންގެ ހިޔާލު ހޯދުން،" ރިޝްވާން ވިދާޅުވި އެވެ. 

ބައްދަލުމުގައި ބައިވެރިވި މަސްވެރިއެއް -- އެމްޕީއެލް

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ދުވަސްވަރު އިސްކޮށް އައިޖީއެޕްއެޗް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއިއޯގެ މަގާމުގައި ހުންނެވި ރިޝްވާން ވިދާޅުވީ މިހާރު ބޭނުންވަނީ އެމްޕީއެލްގެ ޓީމުތައް އެ ސަރަހައްދުގައި ކޮންމެ ދުވަހަކު ވެސް މަސްވެރިންނާ ގާތުން ހިދުމަތް ކުރަން ހަރަކާތްތެރިވާން ކަމަށާ، މިގޮތުން އެ ސަރަހައްދުން އައިސް އާއި ތެޔޮ ފަސޭހައިން ލިބޭނެ އިންތިޒާމެއް ރާވަން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

މި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީން ވިދާޅުވީ މި ބައްދަލުވުމަކީ މަސްވެރިންގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމެއް ކަމަށާ މި ބައްދަލުވުމުން ލިބުނު ހިޔާލުތަކަށް ބެލުމަށްފަހު ޕޭޕަރެއް ތައްޔާރުކޮށް އަދިއެއްފަހަރު މަސްވެރިން ގާތަށްދާނެ އެވެ. އަދި ހުރިހާކަމެއް ވެސް ފައިނަލް ކުރާނި މަސްވެރިންގެ ހިޔާލުގެ މައްޗަށްކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެމްޕީއެލް އިން ރޭގެ ބައްދަލުވުމުގައި ވަނީ މަސްވެރި ބަނދަރު ބެލެހެއްޓުމަށް ތައްޔާރުކުރާ ޕްލޭން ވެސް ދައްކާލާފަ އެވެ. މި ޕްލޭންގައި އެތަނުގައި އިތުރު ފައްތިޔަ އެޅުމާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ފަސޭހައިން ހިދުމަތް ހޯދޭނެ އުސޫލެއް ގާއިމްކުރަން ކުރާނެ ބައެއް ކަންކަން ބުނެފައިވެ އެވެ. މިހުރިހާ ހިދުމަތެއްވެސް އެމްޕީއެލްއިން ދޭނީ އިތުރު ފީއެއް ނެގުމަށް ނެތި އެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ދާއިމީކޮށް ހަރަކާތްތެރިވާ ބިދޭސީން އެ ސަރަހައްދުން ދުރަށްލުމާއި މަސްވެރިންނަށް ފަސޭހައިން އެ ބަނދަރު ބޭނުންކުރޭނެ އިންތިޒާމު ތަކެއް ހަމަޖެއްސުންވެސް މި ޕްލޭންގައިވެ އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން އެމްޕީއެލްއާ މާލެ ނޯތު ހާބަރު އެއްކޮށް ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. މި ބަދަލާއެކު އެމްޕީއެލް އިން ވަނީ އެ ސަރަހައްދުން އިތުރު 22 އުޅަނދަށް ޖާގަ ކަނޑައަޅާފަ އެވެ. މާލޭ ނޯތު ހާބަރުގެ ކީވޯލްއިން ކުރިން 32 އުޅަނދަށް ޖާގަ ދެވުނު ނަމަވެސް، ނޯތު ހާބަރުގެ ސަރަހައްދަށް މިއައި ބަދަލާއި ގުޅިގެން މުދަލާއި ޕަސެންޖަރުން އުފުލުމަށް 54 އުޅަނދަކަށް އެ ހާބަރުން ޖާގަ ލިބިގެންދާނެ އެވެ. އަދި މަސް ދޯނި ފަހަރަށް ޚާއްސަކުރެވިފައިވާ 20 ޖާގަ ހިމެނިފައިވާނެ އެވެ. އެހެންކަމުން މާލޭ ނޯތު ހާބަރުގެ ކީ ވޯލްއިން މިހާރު އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވޭނެ އެވެ. އަދި 25 އުޅަނދު ވެއިޓިންގައި މަޑުކުރުމަށް ފުރުސަތު ލިބެގެންދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.