މާލޭ ނޯތު ހާބަރު ސަރަހައްދު ހިންގުން އެއްކޮށް އެމްޕީއެލްގެ ދަށަށް

މި ބަދަލާއެކު ހާބަރުގެ ހިދުމަތް ހޯދުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތައް ނޯތުހާބަރު ޕޯޓަލްއިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

މާލޭގެ ނޯތު ހާބަރު ސަރަހައްދު

މާލޭގެ ނޯތު ހާބަރު ސަރަހައްދު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ. 

މި ބަދަލު ގެނެވިފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި އެމްޕީއެލްއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން، މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން، މާލޭގެ އުތުރު ފަރާތު ބަނދަރު، އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް ވަނީ އެމްޕީއެލްއާ ހަވާލުކުރެވިފަ އެވެ. އެހެންކަމުން، މި ބަނދަރު ހިންގައި ބަލަހައްޓާނީ އެމްޕީއެލްގެ މާލޭ ނޯތު ހާބަރުގެ ދަށުންނެވެ.

މި ބަދަލާއެކު، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭ ނޯތު ހާބަރުން ހިދުމަތް ފޯރުކޮށްދޭނީ އެ ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށެވެ. އަދި މާލެ ނޯތު ހާބަރުގެ ހިދުމަތް ހޯދުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތައް ނޯތުހާބަރު ޕޯޓަލްއިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. 

މާލޭ ނޯތު ހާބަރުގައި އުޅަނދު ފަހަރު ރަޖިސްޓްރީކުރުމަށް ހާބަރު ސޮފްޓްވެއާގެ ޕޯޓަލް މެދުވެރިކޮށް ކުރެވޭނެއެވެ. އަދި މި ޕޯޓަލްއިން މާލޭ ނޯތު ހާބަރުން ބޭނުންވާ ހިދުމަތްތަކަށް އެދެވިދާނެ އެވެ.

މާލޭ ނޯތު ހާބަރުގެ ކީވޯލްއިން ކުރިން 32 އުޅަނދަށް ޖާގަ ދެވުނު ނަމަވެސް، ނޯތު ހާބަރުގެ ސަރަހައްދަށް މިއައި ބަދަލާއި ގުޅިގެން މުދަލާއި ޕަސެންޖަރުން އުފުލުމަށް 54 އުޅަނދަކަށް އެ ހާބަރުން ޖާގަ ލިބިގެންދާނެ އެވެ. އަދި މަސް ދޯނި ފަހަރަށް ޚާއްސަކުރެވިފައިވާ 20 ޖާގަ ހިމެނިފައިވާނެ އެވެ. އެހެންކަމުން މާލޭ ނޯތު ހާބަރުގެ ކީ ވޯލްއިން މިހާރު އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވޭނެ އެވެ. އަދި 25 އުޅަނދު ވެއިޓިންގައި މަޑުކުރުމަށް ފުރުސަތު ލިބެގެންދާނެ އެވެ.

މި އައި ބަދަލާއި ގުޅިގެން މާލޭ ނޯތު ހާބަރުގެ ކީވޯލް ތަކުގެ މަރާމާތުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ހިދުމަތް ހޯދާ އުޅަނދުތަކަށް ވާ އައްސާ މޫޓް ތަކާއި ފައްތިޔާ ބުޑު އެޅުމުގެ މަަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މި ގޮތުން ފަޅުގެ މެދުން ލައިނަކަށް ފަސް ފޫޓް ފަސް ފޫޓްގެ ދިހަ ކޮންކްރީޓް ބުޑު ފައްތާ ޗޭނަކުން ގުޅާލުމުގެ މަސައްކަތް ވެސް ދަނީ ކުރި އަށެވެ. އަދި ޒޯންތައް ފާހަގަ ވާނެ ގޮތަށް ސައިން ބޯޑް ތަކެއް ހަރުކުރެވޭނެ އެވެ. 

އެމްޕީއެލްގެ ބެލުމުގެ ދަށުން މާލޭ ނޯތު ހާބަރުން ކީވޯލް އިން ޖާގަ ދެމުން ދަނީ ކިއު ތަރުތީބެއްގެ ދަށުންނެވެ. އަދި ފެނާއި ކަރަންޓްގެ ހިދުމަތް ވެސް ފޯރުކޮށްދެމުންދެ އެވެ. އެހެންކަމުން މުޅި ބަނދަރު މާލޭ ނޯތު ހާބަރާއި ހަވާލުވުމުން ކިއުތަރުތީބަކުން މުޅި ބަނދަރަށް ކީވޯލް އިން ޖާގަދެމުންދާނެ އެވެ. 

ފެނާއި ކަރަންޓްގެ ހިދުމަތް ފުޅާކޮށް މުޅި ބަނދަރުގެ ސަރަހައްދަށް ފެނާއި ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު މިވަނީ މަސައްކަތްފަށާފަ އެވެ. އަދި މީގެ އިތުރަށް ތެލުގެ ހިދުމަތް ކައިރި މުސްތަގްބަލެއްގައި ދިނުމަށް ވަނީ ނިންމާފެ އެވެ.

މި ހާބަރުން ދޭ ހިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތެެއް ބޭނުންފުޅު ވާނަމަ މި ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަށް ގުޅުއްވުން އެދެމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.