މިރޭގެ ޖަލްސާގައި ވާހަކަ ދެއްކި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ވަނީ ކައުންސިލުތަކުގެ ބާރުތައް ހަނިކުރާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ވަރަށް ބޮޑަށް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރާ ބިލު ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލެއްވުމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލައްވައިފި އެވެ.
ގިނަ ކައުންސިލްތަކަކުން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވި ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއިދާއެކުގަ އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
އެކަމާ ގުޅުވައި، އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ ކައުންސިލްތަކުގެ ބާރުތައް ހަނިވާ ގޮތަށް ފާސްކޮށްފައިވާ ބިލު ގައުމުގެ ހައްގުގައި ތަސްދީގު ނުކުރައްވައި، އެކަމާމެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ފައްޔާޒް ވަނީ ރައީސަށް ގޮވާލައްވައިފަ އެވެ.
"މިރޭ އަޅުގަނޑު ހަމަ މި ގައުމަށްޓަކައި ރައީސް މުއިއްޒުއަށް އަޅުގަނޑު ގޮވާލަން ތަސްދީގު ނުކުރައްވާށޭ އަދި ވިސްނަވާށޭ ތިކަން ހުއްޓާލައްވާށޭ،" ފައްޔާޒް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދެއްކި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ވަނީ ކައުންސިލުތަކުގެ ބާރުތައް ހަނިކުރާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އަދި ރާއްޖޭގެ ކައުންސިލުތަކުން މާލެއަށް ޖަމާވެ، އެ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެއް ބައި މެމްބަރުން ގޮވައިލިއިރު، އަނެއް ބައި މެމްބަރުން ވަނީ ސަރުކާރު "ވައްޓައިލަން" ވެސް ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން ގޮވާލައިފަ އެވެ.
ސަރުކާރުން މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާގެ ގާނޫނު ކަނޑައެޅުމާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް މުރާޖައާ ކުރުމަށް ކަމަށެވެ.
އޭގެ އިތުރުން، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުގެ މުހިންމު މާލީ ކަންކަން ނިންމުމުގެ އަމަލުކުރަން ޖެހޭ އުސޫލު ބަޔާން ކުރުން ވެސް ގާނޫނު އިސްލާހު ކުރާ ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައިވާ ގޮތުގައި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ.
އޭގެ ތެރޭގައި، ކައުންސިލް އިދާރާއަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުން ހިމެނެ އެވެ.
ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް ވިޔަފާރި ކުރެވޭ ގޮތަށް ކުރިން ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ. ނަމަވެސް މި ބިލުގައިވާ ގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި، ކައުންސިލްތަކަށް ކުރެވޭނީ ހަމައެކަނި ރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރި ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން، ކައުންސިލުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.