ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަނީ ރާއްޖެއަށްޓަކައި

މަރުކަޒީ ބޭންކަށް މާރުކުރާ ޑޮލަރު ގެންދިއުމަށްފަހު 30 ޕަސެންޓް ދޫކުރީ ބޭންކްތަކަށެވެ. މިހާރު ގެންނަ ބަދަލާއެކު މުދާ އިމްޕޯޓް ކުރަން ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުވާނެ އެވެ. މިއީ މާރުކުމުގެ "ޓާނިން ޕޮއިންޓް" ފެންނާނެ ވަގުތެވެ.

އެމްއެމްއޭ

ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ޖެހޭކަމުގެ ވާހަކަ ދައްކާތާ ލައްކަ ޒަމާން ވެއްޖެ އެވެ. އާއްމުންގެ ގިނަ ބަޔަކާއި ތަޖުރިބާކާރުން ވެސް މިކަމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބުނަމުން ދިޔަ އެވެ. އޭރު މި ވާހަކަ ދެއްކި މީހުން ބުނަމުން ދިޔައީ ޓޫރިޒަމަށް ވަންނަ ޑޮލަރުގެ އެންމެ 10 ޕަސެންޓް ރާއްޖޭގައި "މަޑު ޖައްސާލިޔަސް" ޑޮލަރުގެ މައްސަލަ ހައްލުވާނެ އެވެ. އެކަމަކު މިހާތަނަށް މި ބަޓަންގައި އަތްލާކަށް އެއްވެސް ބަޔަކަށް ނުކެރުނެވެ. އެކަމަކު މިދިޔަ އަހަރުން ފެށިގެން ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކަށް ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ލާޒިމްކޮށް ގާނޫނެއް ހެދި އެވެ. މި ގާނޫނުގައިވާ ގޮތުން ބޭރު ފައިސާ އިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރު ކުރުމެވެ. އަދި "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް ކުރުމުން ފުދެ އެވެ. 

މި ބަދަލާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ބޭންކިން ނިޒާމަށް މާރުކުރާ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެކަމަކު، މާރުވިޔަސް ހަގީގީ ނަތީޖާއެއް ނުފެނެ އެވެ. އެހެންވެ، ގިނަ ބަޔަކު އުފައްދާ ސުވާލަކީ މި މާރުކުރާ ޑޮލަރުން ކުރާ ކަމެކެވެ. ބޭންކިން ނިޒާމަށް މާރުކޮށް މަރުކަޒީ ބޭންކް އަށް ބޮޑު އަދަދެއް ބަދަލުކުރެ އެވެ. އެ ބައިން މަރުކަޒީ ބޭންކްއިން ކުރަނީ ކީއް ހެއްޔެވެ ؟ 

މިހާރު މާރުކުރަމުން އެދަނީ ޓޫރިޒަމަށް ޑޮލަރުން ލިބޭ އާމްދަނީގެ އެންމެ 20 ޕަސެންޓެވެ. ރާއްޖޭގައި 175 ރިސޯޓާއި 900 އެއްހާ ގެސްޓްހައުސް އަދި 150 އަށްވުރެ ގިނަ ސަފާރީ ހިންގަ އެވެ. އާއްމުކޮށް މަތީ ފަންތީގެ ރިސޯޓްތަކަށް ބަލާއިރު އާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް 100 އާއި 150 މިލިއަން ޑޮލަރުގެ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ލިބެ އެވެ. އަދި އެއަށްވުރެ ދަށުގެ ރިސޯޓްތަކަށް އެވްރެޖުކޮށް އަހަރެއްގެ މައްޗަށް 50 އާއި 70 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ. އަދި ޓޫރިޒަމްގެ ސީޒަނެއްގައި އެވްރެޖުކޮށް 10 އާއި 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެވްރެޖު ރިސޯޓަކުން ހޯދަ އެވެ. އަދި އާ އަހަރާއި ހާއްސަ ސީޒަންގެ ރޭ އެކަނި މިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ހޯދާ ރިސޯޓުތައް ހިންގަ އެވެ. މި ފަރާތްތަކުން މާރުކުރަން ޖެހެނީ އެ މީހުންނަށް ޑޮލަރުން ލިބޭ އާމްދަނީގެ އެންމެ 20 ޕަސެންޓެވެ. މިއީ ކުރުކޮށް ސާފުކޮށް ބުނާނަމަ ޒުވާނުންގެ ތެރޭގައި މަޝްހޫރުވި ޕެސްޓުގެ ލަވައިގައި ކިޔާ ގޮތުންނަމަ ރިސޯޓްވެރިންނަށް "ކޯރެއްގެ ކޯވަރެވެ". އެ މީހުން މިކަމުގައި މިހާރު މާކަބޮޑު މައްސަލައެއް ނެތެވެ.

ބޭންކިން ނިޒާމަށް މިހާތަނަށް 362 މިލިއަން ޑޮލަރު

ޑޮލަރު މާރުކުމުގައި އޮތް ނުތަނަސް ކަމަކީ މާރުކުރިޔަސް މީގެން ފެންނަ ނަތީޖާއާ މެދުގަ އެވެ. މިކަމުން ގެންނަން ޖެހޭ ބޮޑު މަންޒަރަކީ ކަޅު ބާޒާރު ކުޑަވުމެވެ. މި ބަދަލުގެ އެއް މަގުސަދަކީ ވެސް މި އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ބޭންކިން ނިޒާމަށް 362 މިލިއަން ޑޮލަރު މާރުކޮށްފައިވެ އެވެ. މި އަހަރުގެ މެއި 20 ވަނަ ދުވަހުން ފެށިގެން ވަނީ މި މާރުކޮށް، މަރުކަޒީ ބޭންކްއަށް ފޮނުވަން ޖެހޭ ޕަސެންޓޭޖު 90 ޕަސެންޓް މަތިވެސްކޮށްފަ އެވެ. 

ސުވާލަކީ މި ޑޮލަރަށް ހަދާ ގޮތެވެ. މާރުކުރާ ޑޮލަރުގެ ތެރޭން އެމްއެމްއޭއަށް 90 ޕަސެންޓް ގެނައި ނަމަވެސް އެމްއެމްއޭގައި ހިފަހައްޓަނީ އެންމެ 60 ޕަސެންޓެވެ. އަދި ބާކީ ހުރި 30 ޕަސެންޓް ދޫކުރާނީ ރާއްޖޭގެ ބޭންކް ތަކަށެވެ. މި ޑޮލަރަކީ ބޭންކްތަކުން ވިޔަފާރިތަކުން މުދާ ގަންނަން ޓީޓީ ހެދުމާއި، ބޭރަށް ފުރާ މީހުންނަށް އަދި މި ނޫންވެސް ބޭނުންތަކަށް ދޫކުރާ ޑޮލަރެވެ. 

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ޑޮލަރުން ބޮޑު މިންވަރެއް ރާއްޖޭގެ ލޯނުތައް ދައްކަން ވެސް ހަރަދު ކުރަން ޖެހެ އެވެ. ވާރުތަވަމުންދާ ރާއްޖޭގެ ޖުމްލަ ދަރަނި 140 ބިލިއަން ރުފިޔާގައި ހުރިއިރު، މީގެތެރޭގައި ބޭރުގެ ދަރަނި ބޮޑު ބައެއް އެބައޮތެވެ. އަދި މި އަހަރާއި އަންނަ އަހަރަކީ ދަރަނީގެ ބޮޑު އަހަރެކެވެ. މި ދަރަނީގެ ތެރޭގައި ކޮންމެ ތިން މަހުން ދައްކަން ޖެހޭ ދަރަނިވެސް ހިމެނެ އެވެ. 

ފިނޭންސުގެ ފިސްކަލް ރިޕޯޓް ދައްކާ ގޮތުން. މިހާތަނަށް މި އަހަރު ދެއްކި ދަރަނި ފަސް ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް 88 މިލިއަން ޑޮލަރު ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ދައްކަން ހަރަދުކޮށްފައިވެ އެވެ. މި އަހަރުގެ ޖޫން މަހަށް 174 މިލިއަން ޑޮލަރު ލޯނުތަކަށް ހަރަދުކޮށްފައިވެ އެވެ. އަދި މި އަހަރު ބޮންޑު ދެއްކުމަށް 27.5 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. މިއީ ރާއްޖެ ކޮޅަށް އޮތުމަށް މި ވަގުތަށް ކޮންމެހެން ވެސް ދައްކަން ޖެހޭ ދަރަނީގެ ބިލްތަކެވެ. ސަބަބަކީ މީގެ ދަރަނީގެ އެންމެ ބިލެއް ވެސް ނުދައްކަން މަޑު ކުރަން މިހާރު ރާއްޖެއަށް ފުރުސަތު ނެތުމެވެ.

ތިން އަހަރުތެރޭ ދައްކަން ޖެހޭ ދަަރަނި

ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރުމުގެ ހިތްވަރުގަދަ ފިޔަވަޅު މަރުކަޒީ ބޭންކް އާއި ސަރުކާރު ނުނެށިނަމަ މިހާރު ފެންނާނީ ކޮންމެވެސް އަވަށްޓެރި ގައުމަކުން ދަރަނީގެ ވަސީލަތެއް ދިން ހަބަރުތަކެވެ. މިހާތަނަށް ސަލާން ޖަހަން ޖެހުނު މައިގަނޑު ސަބަބަކީ ރާއްޖޭގެ ރިޒާވްގައި މި ބުންވަރު ނުޖެއްސުމެވެ. ސޮވްރިން ފަންޑު ފަދަ ފަންޑުތަކަށް އެ އުފެއްދި ދުވަހުން ފެށިގެން ފައިސާ ޖަމާ ކުރިނަމަ މިހާރުގެ ހާލަތެއް ނުފެންނާނެ އެވެ. ކިތަންމެ ބޮޑު ލޯނެއް އޮތަސް ދިވެހިން ތިބޭނީ ހަމަ ޖެހިފަ އެވެ. ސަބަބަކީ ގައުމުގެ ދަރަންޏަކީ އެންމެ ބޮޑެތި އިގްތިސޯދުތަކުގައިވެސް އެމީހުންގެ ސައިޒަށްވުރެ ބޮޑަށް އޮންނަ އެއްޗެއްގެ ގޮތުގައި އޮތުމެވެ. އެކަމަކު އަހަރެމެންނާ އެމީހުންގެ ތަފާތަކީ އަހަރެމެން މިހާތަނަށް މިތިބީ ދަރަނި ދައްކާނެ ވަސީލަތް އުފައްދަން ނުކެރިފަ އެވެ. ނުވަތަ ނުއުފައްދަ އެވެ. 

މާރުކުރަން ފެށުމުން ރިޒާވްގައި ބުންވަރު ޖެހިއްޖެ

ވެދިޔަ ކަމެއް ދިޔައީ އެވެ. އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. މިހާރު ހާލަތަށް ބަލާއިރު މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު ރާއްޖޭގެ ރިޒާވްގައި ބުންވަރު ޖެހޭ މަންޒަރު ފެންނަމުންދެ އެވެ. މިހާރު އެވްރެޖުކޮށް ޖުމްލަ ރިޒާވް 800 މިލިއަން ޑޮލަރުން މަތީގައި ހުންނައިރު، ޔޫޒަބަލް ރިޒާވް މިހާރު އެވްރެޖުކޮށް މަތިކަން ފާހަގަވެ އެވެ. 

ރިޒާވްގައި މި ބުންވަރު ޖެހުމުގައި ބޭންކިން ނިޒާމަށް މާރުކުރުން މުހިންމު ރޯލެއް ކުޅެ އެވެ. މިހާރު ރިޒާވަށް ވަންނަ ޑޮލަރުގެ ބޮޑު ބަޔަކީ ތެލުގެ އިމްޕޯޓަށް ހަރަދު ކުރުމަށް ވެސް ބޮޑު ދައުރެއް އަދާކުރާނެ ފައިސާ އެވެ. އަދި އާއްމުންނަށް ބޭނުންވާ ޑޮލަރު ބޭންކްތަކަށް ދޫކުރަނީ ވެސް މަރުކަޒީ ބޭންކަށް ވަންނަ މި ފައިސާ އިން ބޭންކްތަކަށް ދޫކުރާ ޑޮލަރުންނެވެ. 

މި ވަރަށް މިހާރު ބޭންކިން ނިޒާމަށް މާރުވަމުން ދިޔަނަމަވެސް މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު މިކަން އޮތީ މިގޮތަކަށް ނޫނެވެ. ކޮވިޑް-19 އަށްފަހު ބޭންކިން ނިޒާމަށް މާރުވާ ޑޮލަރު ދިޔައީ ދަށްވަމުންނެވެ. ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކިން ނިޒާމަށް އެތެރެވާ އަދަދުގެ ތެރެއިން ރާއްޖޭގެ ބޭންކުތަކަށް މާރުކުރުވޭ މިންވަރު ވޭތުވެދިޔަ ހަތަރު އަހަރުވެސް ގާތްގަނޑަކަށް ހުރީ %10 އެވެ. ނަމަވެސް ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރެވުން ފެށުމުން މި އަހަރުގެ މިހާތަނަށް މި އަދަދު  %20 އަށް އިތުރު ވެއްޖެ އެވެ. މި ބަދަލާއެކު ލޯނު ދެއްކުމުގެ އިތުރުން އާއްމު ބޭނުންތަކަށް ޑޮލަރު ފޯރުކޮށް ދިނުމަށްވެސް މަރުކަޒީ ބޭންކުން ފިޔަވަޅު ތަކެއް އަޅަމުންދާތަން މިހާރު ފެނެ އެވެ.

ކުދި ވިޔަފާރިއަށް ދޫކުރާ އަަދަދު 50 ޕަސެންޓަށް ޖައްސާނެ

ބީއެމްއެލް ޕީއާރު މެނޭޖަރު ނާސިހު އަދި ސްއެމްއީ ބޭންކިން ޑިރެކްޓަރު ބަދުރު

އެމްއެމްއޭ އިން ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކާ ޖުމްލަ އަދަދުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވިޔަފާރިތަކާއި އަމިއްލަ ފާރާތްތަކުގެ ބޭނުންތަކަށް އާންމު އުސޫލުގެ ދަށުން ވިއްކާފައިވާ ޖުމްލަ އަދަދުވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 14 ޕަސެންޓް އިތުރުވެފަ އެވެ. ފޮރިން އެކްސްޖޭންޗް ގާނޫނަށް ގެނައި ބަދަލާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު ވަނީ 30 ޕަސެންޓަށް މައްޗަށް ޖައްސާފަ އެވެ. މިހާރު ގެންނަ ބަދަލުތަކާއެކު މި އަދަދު އިތުރަށް މަތިވެގެންދާނެ އެވެ.

ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ ކުދިމެދު ވިޔަފާރީތަކުން ޑޮލަރުގެ ޓީޓީތަކަށް މިހާތަނަށް ދޫކުރަމުން ދިޔައީ ފަސް ޕަސެންޓް ކަމަށާއި ނަމަވެސް މިހާރު މި އަދަދު 30 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށެވެ.

"މިސާލަކަށް ކުރިން 10،000 ޑޮލަރު ޓީޓީއެއް ހަދަން ބީއެމްއެލްއިން މި ފޯރުކޮށްދެނީ 500 ޑޮލަރު. އެހެން އެ ވިޔަފާރިތަކުން ބާކީ ހުރި 9،500 ޑޮލަރު ގަންނަން ޖެހޭނީ އެހެން މާކެޓުތަކުން. ނަމަވެސް މި އަދަދުން ބަލާނަމަ އަޅުގަނޑުމެން [މި އަދަދުން ބަލާނަމަ 3،000 ޑޮލަރާ] ހަމައަށް މި އިތުރުކުރީ. މިއީ މިސާލެއް. ކިތަންމެ ބޮޑު ޓީޓީއެއްނަމަވެސް މި 30 ޕަސެންޓް ދޭނެ،" ބަދުރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޑޮލަރު މާރުކުރަން ފެށުމާއެކު ވިޔަފާރިވެރިން މުދާ އެތެރެކުރަން ޓީޓީ ހެދުމާއި އާއްމުންނަށް ދޫކުރާ ޑޮލަރުގެ މިންވަރު މައްޗަށް ޖައްސާނެ ކަމަށް ވައުދުފެ އެވެ. "ދަ މިރާ" އަށް އެނގިފައިވާ ގޮތުގައި މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް މައްޗަށް ޖެއްސުމުމެވެ. 

މާރުކުމުގެ ހަގީގީ ނަތީޖާ ފެންނަން ވަގުތު ނަގާނެ އެވެ. އެކަމަކު މި ނަތީޖާ ބިނާވެފައި ވަނީ އާއްމުކޮށް ޑޮލަރު ބޭނުންވާ އިމްޕޯޓަށް ޑޮލަރު ފޯރުކޮށްދޭން ފެށުމުންނެވެ. މިހާރު އަމާޒު ހިފާފައި އެވަނީ އެ މަގަށެވެ. މަރުކަޒީ ބޭންކުން ކުރާ ކަމަކީ ޑޮލަރު ގެނެސް ބޭންކްތަކަށް ދޫކުރުމެވެ. އެ ހިފައްޓައިގެން "ބަށްކޮށްގެން" ތިބެނީއެއް ނޫނެވެ. މިކޮންމެ ފިޔަވަޅެއްވެސް އަޅަނީ ދިވެހިންނަށްޓަކަ އެވެ. ރާއްޖެއަށްޓަކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.