މި އަހަރުގެ އަމާޒު | ހަރަދު ކުޑަކޮށް ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް ދަށް ކުރުން

މިދިޔަ އަހަރު ބަޖެޓް ޑެފިސިޓް ހުރީ 13.6 ބިލިއަން ރުފިޔާގައި އަދި 2023 ވަނަ އަހަރު 10.7 ބިލިއަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވި އެވެ.

ރައީސް މުއިއްޒު އަދި ނައިބް ރައިީސް އާއި ސަރުކާރުގެ ވަޒީރުންނާއެކު -- ރައީސް އޮފީސް

ހަރަދު ކުޑަކުރަން އަޅަމުންދާ ވިޔަފަޅުތަކާއެކު މި އަހަރުގެ އަމާޒު ހަރަދު ކުޑަކޮށް ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް ދަށް ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވައި ދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު އަމާޒަކީ މި އަހަރު ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން ކަމަށެވެ. މިގޮތުން އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ އަށް ކުޑަކުރުމެވެ.

މިދިޔަ އަހަރުގެ ޑެފިސިޓް - މިދިޔަ އަހަރު ބަޖެޓް ޑެފިސިޓް ހުރީ 13.6 ބިލިއަން ރުފިޔާގައި އަދި 2023 ވަނަ އަހަރު 10.7 ބިލިއަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވި އެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރަން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އެކަމުގެ ހެޔޮ އަސަރު ވެސް މިހާރު ވަނީ ދައުލަތުގެ މާލިއްޔާއަށާއި ބޭރު ފައިސާގެ ރިޒާވަށް ކުރަން ފަށާފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެ އެވެ.

"އިގްތިސާދު ކުރިއަރައި ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، މާލިއްޔާއަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި. ޒަމާން ތަކެއް ވަންދެން، ލިބޭ އާމްދަނީއަށްވުރެ އިތުރަށް ދައުލަތުގެ ހަރަދުތައް މާ ބޮޑުކޮށް ހިންގުމަކީ ސަގާފަތެއްކަމަށް ހަދައި، ނިޒާމީ ގޮތުން ތަރުތީބުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން. މި ބޮޑު ޤައުމީ އަދި މާލީ މައްސަލައަށް ހައްލު ހޯދަންޖެހޭ. އެހެންވެގެން، ދައުލަތުގެ މާލިއްޔާ އިން ކުރަމުންދާ ޚަރަދުތައް ހަމަމަގަށް އެޅުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅައި އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިޔަށް އެބަ ގެންދަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އަމާޒު ހާސިލް ކުރުމަށް ރޭވުންތެރިކަމާއެކު އަޅުގަނޑުމެން އަޅަމުން މިދާ ފިޔަވަޅުތަކާއެކު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެއްޔަށް އެއްވެސް މަޑުޖެހުމެއް ނުގެނެސް ފިސްކަލް ދެމެހެއްޓެނިވިކަން ހާސިލްވާނޭކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.