މިދިޔަ އަހަރު ޓޫރިޒަމް ބެޑްނައިޓްސް ވަނީ 3.4 ޕަސެންޓު އިތުރުވެފަ އެވެ. އަދި އޮކިއުޕެންސީ މުޅި އަހަރު ހުރީ ގާތްގަނޑަކަށް 60 ޕަސެންޓުގަ އެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ރެކޯޑް އަދަދަކަށް މީހުން އައި އަހަރެކެވެ. ޓޫރިސްޓުންގެ ބޯ ސަރުކާރު އަހަރު ފެށުނީއްސުރެން ފެށިގެން ގުނަމުން ދިޔައިރު ޖުމްލަ އަދަދު ދެ މިލިއަން ޓޫރިސްޓުން ފަހަނަ އެޅި އެވެ. ޓޫރިސްޓް ނަމްބަރު އިތުރުވާ މިންވަރަށް އާމްދަނީ އިތުރުވޭ ހެއްޔެވެ؟
މިދިޔަ އަހަރު ރާއްޖޭގައި ޓޫރިޒަމްގެ ހިސާބުތައް ދައްކާ ގޮތުން ޓޫރިސްޓުން ރާއްޖޭގައި މަޑުކުރާ ރޭގެ އަދަދު އިތުރުވުމާއެކު މުޅި ޓޫރިޒަމް ސިނާއަތަށް ލިބުނު އާމްދަނީ ކުރީ އަހަރަށްވުރެ ވަނީ އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޔޫރަޕު ބައްރުން ރާއްޖެ އަށް 1,205,962 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ކުރީ އަހަރު އައިސްފައިވަނީ 1,054,709 މިލިއަން ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ 14.3 ޕަސެންޓުގެ އިތުރުވުމެކެވެ. މިއީ މިދިޔަ އަހަރު އާމްދަނީ އިތުރުވި އެއް ސަބަބަބެވެ. ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމަކީ އީސްޓަން ޔޫރަޕަށް ނިސްބަތްވާ ރަޝިއާ އެވެ. އެ ގައުމުން ޖުމްލަ 225,204 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައި 209,146 މީހުންނާ އަޅާބަލާއިރު ހަތް ޕަސެންޓުގެ އިތުރުވުމެކެވެ.
ރާއްޖެ އަށް މިދިޔަ އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައި ޗައިނާ އިން މުޅި އަހަރު 263,340 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް ކުރީ އަހަރު އެ ގައުމުން އައިސްފައިވަނީ 187,125 ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ 40.7 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ޓޫރިސްޓުން ރާއްޖޭގައި 13.3 މިލިއަން ބެޑްނައިޓްސް ނުވަތަ ރޭ ވަނީ މަޑުކޮށްފަ އެވެ. ނަމަވެސް ކުރީ އަހަރު ޓޫރިސްޓުން މަޑުކުރި ރޭގެ އަދަދު އުޅެނީ 12.9 މިލިއަން ރޭގަ އެވެ. މިދިޔަ އަހަރު ވަނީ ޓޫރިޒަމް ބެޑްނައިޓްސް 3.4 ޕަސެންޓު އިތުރުވެފަ އެވެ. މި މުއްދަތުގައި ޓޫރިސްޓުން މަޑު ކުރުމުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އެވްރެޖު އާމްދަނީއެއްގެ ގޮތުގައި ހަތަރު ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒަ ކުރެވެ އެވެ. މިއީ ކުރީ އަހަރު ޓޫރިޒަމް ސިނާއަތަށް އާމްދަނީގެ ގޮތުގައި ލިބުނު 3.8 ބިލިއަން ޑޮލަރާ ބަލާއިރު ކުޑަ އިތުރުވުމެކެވެ.
މުޅި އަހަރަށް ބަލާއިރު ރާއްޖޭގެ އޮކިއުޕެންސީ ހުރީ 60 ޕަސެންޓުގަ އެވެ. މާނައަކީ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގެ 60 ޕަސެންޓ އެވްރެޖުކޮށް ފުލްކޮށް ހިދުމަތް ދީފައިވެ އެވެ. ކުރީ އަހަރު ރާއްޖޭގެ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އޮކިއުޕެންސީއަކީ 57.4 ޕަސެންޓެވެ. އެހެންވެ މިއީ 1.7 ޕަސެންޓް އޮކިއުޕެންސީ އިތުރުވުމެކެވެ.
މިދިޔަ އަހަރު އެވްރެޖުކޮށް ޓޫރިސްޓެއް އެންމެ ގިނަ ދުވަހު ރާއްޖޭގައި މަޑުކޮށްފައިވަނީ 7.7 ދުވަހު އެވެ. ކުރީ އަހަރު ޓޫރިސްޓުން ރާއްޖޭގައި މަޑުކުރި ކަމަށް ދައްކަނީ 7.6 ދުވަހު އެވެ. އެހެންވެ މިއީ 0.1 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން 63,975 އެނދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މީގެތެރޭން 61,739 އެނދު ހިދުމަތުގައި ބޭނުންކޮށްފައިވެ އެވެ. މިދިޔަ އަހަރު އޮޕަރޭޝަނަަށް ނެރެ ހިދުމަތް ދެމުން ދިޔަ ރިސޯޓުތަކުގެ އަދަދަކީ 170 އެވެ. މި ތަންތަނުގައި ޖުމްލަ 42,147 އެނދު ހުރިކަމަށް ދައްކަ އެވެ. އަދި 870 ގެސްޓްހައުސްގައި ހުރި އެނދުގެ އަދަދަކީ 14,659 އެވެ. މީގެ އިތުރުން 151 ސަފާރީއެއްގައި ޖުމްލަ 2,934 އެނދު ހުރިއިރު 15 ހޮޓަލުގައި 1,999 އެނދު ހުރިކަމަށް ވެސް ދައްކަ އެވެ.