އެ މައްސަލާގައި ހައްޔަރުކުރި މީހާ ފުލުހުންގެ ބަންދުގައި ހުރިއިރު އޭނާއަށް އަނިޔާކުރިކަމުގެ އެއްވެސް ޝަކުވާއެއް އެ އިދާރާއަށް މިހާތަނަށް ލިބިފައި ނެތްކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންނަށް އިންޒާރުދިން މައްސަލައެއްގައި ހއ.ހޯރަފުށިން ހައްޔަރުކުރި މީހަކަށް އަނިޔާކުރިކަމުގެ އެއްވެސް ޝަކުވާއެއް ފުލުހަށް ލިބިފައިނުވާކަމަށް އެ އިދާރާއިން ބުނެފި އެވެ.
މީޑިޔާއަށް ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހޯރަފުށިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް އިންޒާރުދީ ބިރުދައްކައި ހަޑިހުތުރު ބަހުން މުއާމަލާތްކުރުމާ ގުޅިގެންނެވެ.
ނޮވެންބަރު 7 ވަނަ ދުވަހު ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް 28 ނޮވެންބަރުގައި ކޯޓަށް އޭނާ ހާޒިރުކުރުމުން ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހާ ފުލުހުންގެ ބަންދުގައި ހުރިއިރު އޭނާއަށް އަނިޔާކުރިކަމުގެ އެއްވެސް ޝަކުވާއެއް އެ އިދާރާއަށް މިހާތަނަށް ލިބިފައި ނެތްކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މިފަދައިން ފުލުހުން ބުނީ ހައްޔަރުކުރި މީހާ ފުލުހުންގެ ސްޓޭޝަނަށް ވައްދައި ކަނުބަދެ އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކޮށްފައިވާކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިޔާގައި ވީޑިޔޯއެއް ދައުރުކުރަމުންދާތީ އެކަމާމެދު ނޫސްވެރިން ސުވާލުކުރުމުންނެވެ. އެ ވީޑިޔޯއިން ފެންނަ ގޮތުން އެމީހާގެ ފައަށް އަނިޔާވެފައި ހުއްޓެވެ.
އެފަދަ އަނިޔާއެއް ލިބުނުކަމުގެ ޝަކުވާއެއް ފުލުހަށް ހުށަހަޅާފައިނުވާކަން ފާހަގަކުރުމާއެކު ފުލުހުން ބުނީ އެފަދަ ކަމެއްގެ ޝަކުވާއެއް އޮތްނަމަ އުސޫލުތަކުގެ ތެރެއިން ހުށަހަޅައިގެން ބެލުމަށް ފުލުހުންގެ ހިދުމަތުން ބާރުއަޅާ ކަމަށެވެ. އަދި އެފަދަ ޝަކުވާއަކާ ގުޅޭ ތަހުގީގަށް އެ އިދާރާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.