ކުޅުދުއްފުށީ ބަނދަރުގައި ނިޔާވެފައި އޮއްވައި ފެނުނު މުހައްމަދު ހަސަންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ފެންނަ ގޮތުގައި އޭނާ ނިޔާވީ މޫދަށް ވެއްޓި ގެނބިގެންކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ.
ފާއިތުވި ސެޕްޓެންބަރު މަހުގައި ކުޅުދުއްފުށީ ބަނދަރުގައި ނިޔާވެފައި އޮއްވައި ފެނުނު އެ ސިޓީ ޑެއިޒީފެހި، މުހައްމަދު ހަސަން ނިޔާވީ ގެނބިގެންކަމަށް ފުލުހުން ބުނެފި އެވެ.
ދެ މަރަކާ ގުޅޭ ތަފުސީލުތައް މީޑިޔާއާ ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަންގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ މުހައްމަދު ހަސަންގެ ހަށިގަނޑު ފެނުނީ ވަރަށް ކުދި އަނިޔާތަކެއް ކަމަށެވެ.
ސާމިހު ވިދާޅުވި ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނު ހިސާބާ ދުރުނޫން ތަނެއްގައި އޭނާގެ ސައިކަލު ހުރިކަމާއި އެ ރޭ ދަންވަރު ބަނދަރު ސަރަހައްދުގައި މުހައްމަދު ހަސަން އުޅުނުތަނާއި އެ ދިމާލުން ވާޓަރު މައްޗަށް އަރާ ހުއްޓައި ވެއްޓުމުން ތެދުވެ ވާޓަރު މަތީގައި ހުރިތަން ސީސީޓީވީ ފުޓޭޖުން ފެނުނު ކަމުގައި ފުލުހުން ބުންޏެވެ.
އެންމެ ފަހުން ވާޓަރު މަތިން އޭނާ ފެނުނީ ދަންވަރު 2:55 ހާއިރު ކަމަށާއި، އަދި އޭގެ ފަހުން އޭނާ އެއްގަަމަށް އައި މަންޒަރު ފެނިފައިނުވާކަމަށާއި، އަދި އެތަނުން އިތުރު މީހެއްގެ ހަރަކާތެއް ފާހަގަވެފައިނުވާކަންވެސް ސާމިހު ފާހަގަކުރެއްވި އެވެ. އެހެންކަމުން އޭނާ އެދިމާލުން މޫދަށް ވެއްޓުނުކަމަށް ބެލެވޭކަމަށްވެސް ވިދާޅުވި އެވެ.
ސާމިހު އިތުރަށް ވިދާޅުވީ މުހައްމަދު ހަސަންގެ ހަށިގަނޑު ފެނުނު އަނިޔާތަކަކީ ހަން މެށުންފަދަ ކުދި އަނިޔާތަކެއް ކަމަށެވެ. އޭނާއަށް މީހެއްގެ ފަރާތުން އެއްވެސް އަނިޔާއެއް ލިބިފައިވާކަން ބޭރުފުށުން ފާހަގަނުކުރެވޭކަމަށްވެސް ސާމިހު ވިދާޅުވި އެވެ.
އަދި މުހައްމަދު ހަސަން މަރުވި ސަބަބު ދެނެގަތުމަށް ހެދި އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އޭނާ މަރުވީ ގެނބިގެންކަން ހާމަކުރައްވަމުން ސާމިހު ވިދާޅުވީ ތަހުގީގު ފުރިހަމަކުރެވޭނީ އޮޓޮޕްސީގެ ދާއިމީ ނަތީޖާ ލިބުމުން ކަމަށެވެ.
"މުހައްމަދު ހަަސަންގެ ހަށިގަނޑުގެ ބޭރުން ހަންމެށިފައިހުރި ކުދިކުދި ބައެއް ޒަހަމްތައް ހުރި ނަމަވެސް ބޮޑު އަނިޔާއެއް ނުވަތަ މީހެއްގެ ފުށުން އެފަދަ އެއްވެސް އަނިޔާއެއް ލިބިފައިހުރިކަން ފާހަގަނުވޭ،" ސާމިހު ވިދާޅުވި އެވެ.
"މިހާތަނަށް ކުރެވުނު ތަހުގީގުތަކުން މުހައްމަދު ހަސަން ނިޔާވުމުގައި އިތުރު ފަރާތެއްގެ ބައިވެރިވުމެއް އޮތްކަމަކަށް ނުފެނޭ،"
ސެޕްޓެންބަރު 11 ވަނަ ދުވަހު ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ނިޔާވެފައި އޮއްވައި މުހައްމަދު ހަސަން ފެނުމާ ގުޅިގެން އޭނާގެ ހަށިގަނޑުގައި ވަރަށް ބޮޑެތި ޒަހަމްތަކެއް ހުރިކަމަށް ބައެއް މީޑިޔާއިން ރިޕޯޓުކުރި އެވެ.