"ޑްރަގު މައްސަލާގައި ހުރި ގާނޫނީ ހުރަސްތައް ނައްތައިލަން ކުރީ ދައުރުގައި މަސައްކަތެއް ނުކުރޭ"

މަމްދޫހު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ގާނޫނުތައް ބައްޓަންކުރެވިފައި ހުރީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ކޮންމެވެސް ގޮތަކުން ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށެވެ.

މެންބަރު މުހައްމަދު މަމްދޫހު، ފޮޓޯ: މަޖިލިސް

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރީ ސަރުކާރުތަކުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްފައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ. 

މަސްތުވާތަކެތީގެ ގާނޫނަށް ސަަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލަށް ބަހުސްކުރައްވަމުން މަމްދޫހު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މަސްތުވާތަކެތީގެ މައްސަލައަށް ކުޑަނަމަވެސް މަޑުޖެހުމެއް އައީ 2016 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދުގައި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް މައްސަލަ ބޮޑުވެގެންދިޔަކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން ނެރުނު ރިޕޯޓަކުން އެނގިފައިވާ ކަމަށެވެ. 

އެ ރިޕޯޓާ ހަވާލާދެއްވައި މަމްދޫހު ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން އަނެއްކާވެސް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މިންވަރު އިތުރުވި ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދެމެދުގައި މަސްތުވާތަކެތި އެތެރެކުރި މިންވަރު 47 އިންސައްތަ އިތުރުވިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 

"މި ރިޕޯޓުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް. އޭރު މަޑުޖެހިލާފައި އަނެއްކާވެސް 2019 ވަނަ އަަހަރުން ފެށިގެން މި މައްސަލަ އިތުރުވަމުން ބޮޑުވަމުން އައިކަން. އެގޮތުން ރާއްޖެ އެތެރެ ކުރެވޭ ޑްރަގްގެ އަދަދި އިންތިހާއަށް ބޮޑުވަމުން ދިޔަ. 30 ޕަސެންޓުގެ އިތުރުވުމެއް 2021 އާ ހަމައަށް އައި އިރު އިތުރުވެފައި އޮތްކަން މި ރިޕޯޓުން ފެންނަން އެބަ އޮތް. މަސްތުވާތަކެތި ވިއްކާ އަދަދު 2019 އިން 2021 އަށް 47 ޕަސެންޓު އިތުރުވެގެން ގޮސްފައި އޮތްކަން މި ރިޕޯޓުން ފެންނަން އެބަ އޮތް"، މަމްދޫހު ވިދާޅުވި އެވެ. 

މަމްދޫހު ވިދާޅުވީ އެ މައްސަލަ ބޮޑުވެގެން ދިޔައިރު އެ މައްސަލަ ހައްލުކުރުމަށް އެއިރުގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯ ރިޕޯޓުގައި މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރި ނަމަވެސް އެ ދަތިތައް ހައްލުކުރުމަށް އެމްޑީޕީ ސަރުކާރުގައި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އޮވެ އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. 

"ގާނޫނީ ގޮތުން ދިވެހިރާއްޖެއަށް މި މައްސަލަ ހައްލުކުރަން ހުރި ދަތިތައް ވަރަށް ސާފުކޮށް ފާހަގަކޮށްފައި އެބަހުރި. 2021 ވަނަ އަހަރު މި ގާނޫނީ ހުރަސްތަކަށް މަސައްކަތްކުރަން ފުރުސަތު އޮވެ އެއިރުގެ ސަރުކާރުން އަދި 19 ވަނަ މަޖިިލީހުންވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް،" މަމްދޫހު ވިދާޅުވި އެވެ. 

މަމްދޫހު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ގާނޫނުތައް ބައްޓަންކުރެވިފައި ހުރީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ކޮންމެވެސް ގޮތަކުން ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ކަމަށެވެ. އަދި ސަރުކާރުން އެ ބިލަށް ހުށަހަޅާފައިވާ 89 ވަރަކަށް އިސްލާހުގެ ސަބަބުން އެ މައްސަލަ ހައްލުކުރުމުގެ ޒިންމާ އުފުލައިގެން ތިބި އިދާރާތަކަށް އެ ބާރު ލިބޭނެ ކަމުގައި މަމްދޫހު ފާހަގަކުރެއްވި އެވެ. 

ކުރީ ސަރުކާރުތަކުގައި މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް ކުރެވިފައި ނެތްނަމަވެސް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މަސްތުވާތަކެތީގެ ވަބާއިން ކުރިއަށް އޮތް ދިވެހި ޖީލުތައް ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.