"އާ ހެކިތަކުގެ މައްސަލަ ކޯޓަކަށް ނުބެލޭނެ، އެއީ ގާނޫނުގައި ނެތް އުސޫލެއް"

ހައިކޯޓުން ވެސް އެ ހެކިތައް އެއްފަރާތްކުރީ، ރިބެޓްލް ހެކި ހުށަހެޅުމަށް އަމަލުކުރާނެ ވަކި އުސޫލެއް ޖިނާއީ އިޖުރާއަތު ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން މީގެ ކުރިން ޝަރީއަތެއްގައި ވާހަކަ ދައްކަވަނީ --

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހުށަހެޅި އާ ހެކިތައް ބަލައި ނުގަންނަން ހައިކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް  އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުން ހައިކޯޓުން ވަނީ އިސްތިއުނާފު ބަލައި، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފަ އެވެ. 

ހައިކޯޓުގެ ނިންމުމުގައި އަލުން މައްސަލަ ބަލައި ގޮތެއް ކަނޑައަޅަން ނިންމާފައިވާއިރު، ދިފާއީ ހެކި ނަފީ ކުރުމަށް ޖިނާއީ އިޖުރާއަތު ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ވަނީ އަންގާފަ އެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައި ވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫންކަމަށް ބަޔާން ކޮށެވެ.

އާ ހެކިތައް ބަލައިނުގަންނަން ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިއަދު އެކޯޓުގައި ފަށާފައިވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނުގެ ދިފާއީ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ދައުލަތުން އާ ހެކިތަކުގެ ގޮތުގައި ހުށަހަޅާފައި ވަނީ ހެކިން ދެއްކި ވާހަކަތަކަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. ހައިކޯޓުން ވެސް އެ ހެކިތައް އެއްފަރާތްކުރީ، ރިބެޓްލް ހެކި ހުށަހެޅުމަށް އަމަލުކުރާނެ ވަކި އުސޫލެއް ޖިނާއީ އިޖުރާއަތު ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން ކަމަށް ހަމްޒާ ވިދާޅުވި އެވެ. އެހެންކަމުން އެ ހެކިތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ވެސް ގޮތެއް ނުނިންމޭނެތީ، މި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވަނީ ހުށަހަޅުއްވާފަ އެވެ.

ނަމަވެސް ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަލީ ޒުބައިރު ވ. ޕީޖީ އޮފީސް މައްސަލާގައި ކަނޑައަޅާފައި އޮތް އުސޫލާ ހައިކޯޓުގެ ނިންމުން ހިލާފު ކަމަށެވެ. އެ މައްސަލައިގައި ކަނޑައަޅާފައި ވަނީ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ހާލަތުގައި ނުވަތަ އައިބު ކަންތައްތަކާ އެކު އިޖުރާއަތް ފުރިހަމަކޮށްފައިވާ ހާލަތުގައި އެކަން ފުރިހަމަކޮށް އިސްލާހުކުރުމުގެ ފުރުސަތު ހަސްމުންނަށް އޮންނަން ވާނެ ކަމަށެވެ.

އެ ގަޒިއްޔާއަށް ހަވާލާދެއްވަމުން ޝަފީއު ވިދާޅުވީ ދަށު ކޯޓަށް އާ ހެކި ހުށަހެޅުމުގައި ދިމާވީ އިޖުރާއީ މައްސަލައެއް ކަމަށާއި އެ ގޯސް ރަގަޅު ކުރުމަށް ދިފާއަށް ހުށަހެޅުން ހުށަހަޅަން ފުރުސަތު ދެވިދާނެ ކަމަށެވެ. ދައުލަތުގެ ފަރާތުން އެދިފައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތް ނަމަ ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ. އަދި އެ ހެކިތަކާ ގުޅިގެން ދެ ފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތު ދީ، އެ ހެކިތައް ބަލައިގަތުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަމުރު ކޮށްދިނުމަށެވެ.

މި މައްސަލައިގައި ދެ ފަރާތުން ވެސް ވަނީ ރައްދު ދީފަ އެވެ. ދެން އޮންނާނީ މައްސަލަ ނިންމުމަށް ފަހު ބަސް އިއްވުމެވެ. އެ ބައި ކުރިއަށް ގެންދާނީ ދެން އޮންނަ އަޑުއެހުމެއްގަ އެވެ. އެ އަޑުއެހުން ބާއްވާނީ ޖެނުވަރީ މަސް ތެރޭގައި ކަމަށް ރިޔާސަތުން ވަނީ އިއުލާނު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.