އަންނަ ހަފުތާ މަސްވެރިންނަށް ޕޭމެންޓެއް ދޫކުރަން ތައްޔާރުވަމުންދާކަން މިފްކޯއިން ހާމަކުރި ނަމަވެސް ދޫކުރަނީ ކިހައި ފައިސާއެއްކަން މިފްކޯއިން އަދި ހާމަނުކުރެ އެވެ.
މަސްވެރިންނަށް ދައުލަތުގެ މަސް ކުންފުނި މިފްކޯއިން ދޫކުރަންޖެހޭ 32 މިލިއަން ރުފިޔާ އެބަހުރިކަމަށާއި، އެ ފައިސާގެ ތެރެއިން މިންވަރެއް އަންނަ ހަފުތާ ދޫކުރާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެންމެ ފަހުން މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރީ އޮކްޓޯބަރު 31 ވަނަ ދުވަހު އެވެ. އެ ދުވަހު މަސްވެރިންނަށް ދޫކުރީ 15.1 މިލިއަން ރުފިޔާ އެވެ. އަދި އޭގެ ކުރިން ސެޕްޓެންބަރު 29 ގައި 18 މިލިއަން ރުފިޔާ ސަރުކާރުންވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ.
މި މަހު މަސްވެރިންނަށް ފައިސާ ލިބުން ލަސްވެގެން މަސްވެރިން އަންނަނީ ވަރަށް ބޮޑަށް ޝަަކުވާ ކުރަމުންނެވެ. ކޮންމެ މަހަކުވެސް މަސްވެރިންނަށް މިހާރު ފައިސާ ލިބެނީ ގާތްގަނޑަކަށް މަސް ނިމޭ ހިސާބުގައިކަން މިފްކޯގެ ހިސާބުތަކުން އެނގެ އެވެ.
އަންނަ ހަފުތާ މަސްވެރިންނަށް ޕޭމެންޓެއް ދޫކުރަން ތައްޔާރުވަމުންދާކަން މިފްކޯއިން ހާމަކުރި ނަމަވެސް ދޫކުރަނީ ކިހައި ފައިސާއެއްކަން މިފްކޯއިން އަދި ހާމަނުކުރެ އެވެ. އެއީ މިހާރު ދޫނުކުރެވި ހުރި 32 މިލިއަން ރުފިޔާ އެއްކޮށް ދޫކުރަނީ ކަމެއް ނުވަތަ އެއިން ބައެއް ދޫކުރަނީކަން ކަށަވރުނުވެ އެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވަނީ މިފްކޯއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރަނީ ސަރުކާރުން އެ ކުންފުންޏަށް ފައިސާ ދިނުމުން އެ ފައިސާ ބޭނުންކޮށްގެންނެވެ.
ކުރީ ސަރުކާރުގައި ކުއްލި ގޮތަކަށް މަސް ކިރުވާ އަގު ކިލޯއެއް 25 ރުފިޔާއަށް ބޮޑުކުރުމުގެ ސަބަބުން މިފްކޯއަށް މަސް ކިރުވުމަށްފަހު ފައިސާ ދޫކުރަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ ސަރުކާރު ބަދަލުވިއިރު 200 މިލިއަނާ ގާތްކުރާ އަދަދަކަށް މަސްވެރިންނަށް ދޫނުކޮށް ހުރި ފައިސާ ހުއްޓެވެ.
އެ ފައިސާ ހިމެނޭހެން މި ސަރުކާރުންވަނީ ސެޕްޓެންބަރު މަހުގެ ނިޔަލަށް 895 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފަ އެވެ. އޭގެ އިތުރަށް ކްރެޑިޓަށް މަސްވެރިންނަށް ދޫކުރި މުދަލުގެ އަގާއެކު މަސްވެރިންނަށް މިފްކޯއިން ބިލިއަނަކަށްވުރެ ގިނަ ފައިސާވަނީ ދީފަ އެވެ.