ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގެ ދުވަސްވަރާއި އިންތިހާބަށްފަހު ޕީޕީއެމްގެ އެއްވެސް ބޭފުޅަކު ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުން އެދިވަޑައިގެން އެމަނިކުފާނަށް މެސެޖުކުރައްވައި ގުޅުއްވާފައިނުވާ ކަމަށެވެ.
ރިޔާސީ އިންތިހާބަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅަށް ބަދަލުކުރަންް އެއިރު އިންތިހާބީ ރައީސްގެ ގޮތުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް އެއިރު އެދިވަޑައިގެންފައިނުވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި މި މައްސަލާގައި ރައީސް ޔާމީން އަދި ރައީސް މުއިއްޒު ދައްކަވަމުންދާ ވާހަކަފުޅާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އިންތިހާބު ކާމިޔާބުވެވަޑައިގަތުމާއެކު އެންމެ ފުރަތަމަވެސް ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގަތީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުމަށެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވާ ގޮތުގައި އެމަނިކުފާނު ގެކޮޅަށް ބަދަލުކުރެއްވީ ސީދާ ރައީސް ސޯލިހެވެ. އެކަން ކޮށްދެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިނުވާކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވާހަކަފުޅުތަކަށް ރައްދުދެއްވައި ސަރުކާރުގެ ބައެއް ވެރިންވަނީ ރައީސް މުއިއްޒު ޔާމީން މިނިވަންކުރައްވަން ރައީސް ސޯލިހަށް ފޮނުއްވި މެސެޖުތައް އެބަހުރިކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް މުއިއްޒުވަނީ އެމަނިކުފާނު ފޮނުއްވި މެސެޖުތައް ޑިލީޓުނުކުރައްވާނަމަ ސޯލިހުގެ އަތްޕުޅުގައި މެސެޖުތައް ހުންނާނެކަމަށްވެސް ވިދާޅުވެފަ އެވެ.
ދެ ފަރާތުގެ ވާހަކަފުޅާ ގުޅިގެން މީގެ ކުރިން ބަސްފުޅެއް ވިދާޅުނުވެ ހުންނެވި ސޯލިހު މިއަދު ވިދާޅުވީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވުމާ ގުޅޭ ގޮތުން އެމަނިކުފާނު ދައްކަވަނީ ރަނގަޅު ވާހަކަފުޅެއް ކަމަށެވެ. އަދި ޔާމީން ގެކޮޅަށް ބަދަލުކުރަން ރައީސް މުއިއްޒު އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އިންތިހާބު ނިމުމަށްފަހު ދެ ބޭފުޅުންގެ މެދުގައި ކުރެވުނު މުއާމަލާތްތަކުގެ ތަފުސީލު ސޯލިހު ހާމަކުރެއްވި އެވެ.
އިންތިހާބު ނިމުމަށްފަހު އެންމެ ފުރަތަމަ ދެ ބޭފުޅުންގެ މެދުގައި ހިނގި މުއާމަލާތަކީ ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ރޭގަނޑު 11:00 އާއި 12:00 އާ ދެމެދުގައި ކުރެއްވި ފޯނު ކޯލެއްކަމަށް ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ކޯލު ކުރެއްވިއިރު އެމަނިކުފާނު އަރިހުގައި އެއިރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ޗީފް އޮފް ސްޓާފު އަލީ ޒާހިރު ތިއްބެވި އެވެ.
އެ ފޯނު ކޯލުގައި މަރުހަބާ ވިދާޅުވެ ސުލްހަވެރިކަމާއެކު އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށްގެންދިއުމާމެދު ވާހަކަދެއްކެވި ކަމަށާއި، އެ ފޯނު ކޯލުގައި ޔާމީން ގެކޮޅަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ދައްކަވާފައިނުވާކަމަށް ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑު ފޯނުކުރީ އިންތިހާބު ކާމިޔާބުކުރެއްވީތީ މަރުހަބާ ކިޔައިލާ، ޕީސްފުލްކޮށް މިކަންކަން ކުރިއަށްގެންދަން ވާހަކަދައްކާލަން. ހަމަ ގައިމުވެސް އެ ފޯނު ކޯލުގައި އެކަހަލަ އެއްވެސް ވާހަކައެއް ވިދާޅުނުވޭ،" ސޯލިހު ވިދާޅުވި އެވެ.
އޭގެ ފަހުން ޖެހިގެން އައި އޮކްޓޯބަރު އެއްވަނަ ދުވަހުގައި ރައީސް މުއިއްޒާ ރައީސް އޮފީހުގައި ބައްދަލުކުރެއްވިކަމަށާއި، ބައްދަލުވުމަށް ވަޑައިގަތީ ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމްކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ އެ ބައްދަލުވުމުގައިވެސް ވާހަކަދެކެވުނީ އިންތިގާލީ މަރުހަލާއާ ގުޅޭ ގޮތުން ކަމަށެވެ.
އިތުރަށް ސޯލިހު ވިދާޅުވީ އެ ހިސާބުން ރައީސް އަރިހުގައި ރައީސް ޔާމީން ގެކޮޅަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ލޯންޗަށް މިހާރު އަރާވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނު ވަޑައިގަންނަވާތަނަށް އެ ބޭފުޅުން ވަޑައިގަންނަވަންވީ ނޫންތޯ ސުވާލުކުރެއްވުމުން ރައީސް މުއިއްޒާއި އަބްދުއްރަހީމަށް ލިބިވަޑައިގަތީ ހައިރާންކަމެއް ކަމުގައި ވިދާޅުވި އެވެ.
އަދި ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީން އެންމެ ފުރަތަމަ ޖަލަށް ލެވުނު މައްސަލާގައި ޖަލުގައި ހުންނަވަނިކޮށް ރައީސް މުއިއްޒު މެސެޖު ކުރެއްވި ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ އެއް އަހަރެއްހައި ދުވަހުގެ ކުރިން ކަމަށެވެ. ނަމަވެސް އިންތިހާބުގެ ތެރޭގައާއި އެއަށްފަހުގައި ރައީސް ޔާމީން ގެއަށް ބަދަލުކުރަން ޕީޕީއެމްގެ އެއްވެސް ބޭފުޅަކު އެދިވަޑައިގަންފައިނުވާ ކަމަށެވެ.
"ފަހަރުގައި ވެދާނެ އެ ބޭފުޅުން ބޭނުންފުޅުނުވަނީކަމަށް ރައީސް ޔާމީން ނިކުމެވަޑައިގެން އޭގެ ތެރޭގައި އުޅުއްވަން. ދައްޗެއް އުޅެނީ ކަންނޭނގޭ ރައީސް މުއިއްޒަށް.،" ސޯލިހު އިތުރަށް ވިދާޅުވި އެވެ.