ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޗާޕުކުރި ފައިސާގެ ބޮޑު ބައެއް އެމްއެމްއޭއަށް ވައްދާފައިވަނިކޮށް އެ ފައިސާ ބާޒާރަށް ނެރުނީ މި ސަރުކާރުން ކަމަށެވެ.
ކުރީ ސަރުކާރުގައި ކޮވިޑް-19ގެ މާލީ ދަތިކަމުގެ ތެރޭގައި ޗާޕުކުރި ފައިސާގެ ބޮޑު ބައެއް އެއިރު ސަރުކާރުން މާކެޓުން ބޭރުކޮށް ބޭންކުތަކަށް ވައްދާފައި ހުއްޓައި އެ ފައިސާ އަލުން ބާޒާރަށް ނެރުނީ މިއަދުގެ ސަރުކާރުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ރާއްޖެޓީވީގެ ޕްރޮގުރާމަކަށް ދެއްވި އިންޓަވިއުގައި ރައީސް ސޯލިހުވަނީ ފައިސާ ޗާޕުކުރުމާ ގުޅުވައިގެން އެމަނިކުފާނަށާއި، އެމަނިކުފާނުގެ ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފަ އެވެ.
އެމަނިކުފާނު ފުރަތަމަ ވިދާޅުވެދެއްވީ ފައިސާ ޗާޕުކުރަންޖެހުނު ސަބަބުތަކެވެ. ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން ކުރިމަތިވި ދަތިތައް ތަފުސީލު ކޮށްދެއްވަމުން ވިދާޅުވީ ރިޒާވްގައި އެވަގުތު ހުރީ އެންމެ ދެމަހުގެ ކާޑު ގަންނަން ބޭނުންވާ ފައިސާ ކަމަށެވެ. އަދި ބޯޑަރުތައް ބަންދުކުރަންޖެހި ބޭރު ފައިސާގެ އާމްދަނީ ލިބުން އެކީ ހުއްޓުނު ކަމަށެވެ.
އިތުރަށް ސޯލިހު ވިދާޅުވީ އެއިރު ހާލަތު އޮތް ގޮތުން ފައިސާ ޗާޕުނުކުރިނަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވީސް ކަމަށެވެ. އެގޮތުން ކާބޯތަކެތި އިމްޕޯޓުކޮށް ތެލާއި ބޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އިމްޕޯޓުކުރާނެ ގޮތެއް ނެތިވީސްކަން ފާހަގަކުރައްވައި ސޯލިހު ވިދާޅުވީ އެއިރު ޗާޕުކުރީ ކޮންމެހެން އެކަން ކުރަންޖެހުމުން ކަމަށެވެ.
އޭގެ އިތުރަށް ރައީސް ސޯލިހު ފާހގަކުރެއްވީ 2022 ވަނަ އަހަރު ދައްކަންޖެހޭ 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑެއް ދައްކަަންޖެހުނުކަމާއި، ވިޔަފާރިތަކާއި ފަރުދުންނަށް ކޮވިޑުގެ ތެރޭގައި ސަރުކާރުން ފޯރުކޮށްދޭންޖެހުނު އެހީތެރިކަމެވެ.
އަދި ޑޮލަރުގެ އަގާއި މުދަލުގެ އަގު ބޮޑުވީ އަށް ބިލިއަން ރުފިޔާ މާކެޓަށް ނެރުމުގެ ސަބަބުން ކަމަށް އެއިރު އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތަކަށް ރައްދުދެއްވަމުން ސޯލިހު ވިދާޅުވީ އެއިރު މާކެޓަށް ޗާޕުކޮށްގެން ނެރުނު އަށް ބިލިއަން ރުފިޔާގެ ތެރެއިން ހަ ބިލިއަން ރުފިޔާ ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ޑިޕޮސިޓުކުރި ކަމަށެވެ.
ސޯލިހު އިތުރަށް ވިދާޅުވީ ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭގައި ޑިޕޮސިޓުކޮށްފައި ހުރި ހަ ބިލިއަން ރުފިޔާ ބާޒާރަށް ނެރުނީ މި ސަރުކާރުންނެވެ. އެ ފައިސާއިން ބޮޑު ބައެއް ހުރީ ޓްރެޝަރީ ބިލުތަކާއި ސަރުކާރުގެ ބޮންޑުތަކަށް އިންވެސްޓުކޮށްފައިކަމަށްވެސް ތުހުމަތުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ޑޮލަރުގެ އަގު އިންތިހާއަށް އުފުލުނު ސަބަބަކީ އެ ފައިސާ ބާޒާރަށް ނެރުމެވެ.
"އަޅުގަނޑުމެން މާކެޓަށް ނެރުނު އަށް ބިލިއަން ރުފިޔާ ނެރުނީމައޭ އަގުތައް ބޮޑުވީ މި ބޭފުޅުން ވިދާޅުވަނީ. އަޅުގަނޑުމެން ނެރުނު އަށް ބިލިއަން ރުފިޔާގެ ތެރެއިން ހަ ބިލިއަން ރުފިޔާ ހުންނާނީ ބޭންކުތައް މެދުވެރިކޮށް އޯވަނައިޓް ޑިޕޮސިޓުގެ ގޮތުގައި އެމްއެމްއޭއަށް ވައްދާފައި.،" ސޯލިހު ވިދާޅުވި އެވެ.
"މީގެ ތެރެއިން 80 ޕަސެންޓަކީ ބީއެމްއެލްގެ ފައިސާ. ބީއެމްއެލްގެ ބޯޑު ބަދަލުކުރައްވައިގެން ސަރުކާރުން ކުރަމުންދާ ކަމަކީ މި ފައިސާ މާކެޓަށް ނެރުން. އެ ފައިސާ މާކެޓަށް ނެރުނީމާ އަގުތައް ބޮޑުވެގެން އުޅެނީ،"
އިތުރަށް ސޯލިހު ވިދާޅުވި ގޮތުގައި ސަރުކާރުން އެ ފައިސާ ބާޒާރަށް ނެރުނީ މަރުކަޒީ ބޭންކުގެ ގަވަނަރު ބަދަލުކޮށް އެމްއެމްއޭގެ ބޯޑަށް ބަދަލުގެނެސް ސިޔާސީ ނުފޫޒު ބޯޑަށް ފޯރުވައިގެންނެވެ. އެގޮތުން ބީއެމްއެލްގެ ބޯޑުގެ ޗެއާޕާސަނަކަށް ރައީސް އޮފީހުގެ އިސްވެރިޔަކު އައްޔަންކުރެއްވި ވާހަކަ ފާހަގަކުރެއްވި އެވެ.