އެމްއެމްއޭގެ ލަފާގައި ފާހަގަކޮށްފައިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ އިންފުލޭޝަން މަތިވާނެ އެވެ. އަދި އަންދާޒާކުރި މިންވަރަށް ހިލޭ އެހީ ނުލިބުމުގެ އިހުތިމާލު އެބައޮތްކަމަށް ފާހަގަކޮށްފައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މުދަލާއި ހިދުމަތްތަކުގެ އަގު (އިންފްލޭޝަން) އުފުލޭނެކަމަށް ލަފާކޮށްފައިވާ މިންވަރަށްވުރެ ބޮޑަށް އިންފުލޭޝަން މަތިވެދާނެ ކަމުގައި މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލަފާކޮށްފި އެވެ.
2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންދާޒާކުރާ ގޮތުގައި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަންނަ އަހަރު އޭޕްރީލު މަހުގައި ތަންފީޒުކުރުމުން މި އަހަރު 0.8 އިންސައްތާގައި ހުރި އިންފުލޭޝަން އަންނަ އަހަރު 3.9 އިންސައްތައަށް މަތިވާނެ އެވެ.
ސަރުކާރުން ބުނެފައިވަނީ އިންފުލޭޝަން އެއަށްވުރެ ބޮޑަށް މަތިނުވާނެ ކަމަށް ބަލާފައިވަނީ މާލީ އިސްލާހުތަކާއެކު ސަރުކާރުން ރައްޔިތުންނަށް ސީދާ ފޯރުކޮށްދޭ އެހީތެރިކަމާއި ދުނިޔޭގެ ބާޒާރުގައި މިހާރު މުދަލާއި ހިދުމަތުގެ އަގުތައް ހުރި ގޮތަށް ރިއާޔަތްކޮށެވެ.
ނަމަވެސް ވޯލްޑު ބޭންކުން ލަފާކުރި ގޮތުގައި އަންނަ އަހަރު މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމުން އިންފުލޭޝަން ރޭޓު ފަސް އިންސައްތައަށްވުރެ މަތިވާނެ އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް މަރުކަޒީ ބޭންކުން ދިން ލަފާގައި ފާހަގަކޮށްފައިވަނީ އާމްދަނީ އިތުރުކުރުމަށާއި ހަރަދު ކުޑަކުރުމަށް ތަންފީޒުކުރަން ނިންމާފައިވާ ކަންކަން ތަންފީޒުކުރަން ފެށުމުން އެވެރެޖު އިންފުލޭޝަން ރޭޓު 3.9 އިންސައްތައަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެމްއެމްއޭގެ ލަފާގައި އިތުރަށް ފާހަގަކޮށްފައިވަނީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށް ބޮޑެތި އަދަދުތަކެއް ހިމެނި ނަމަވެސް އަހަރު ނިމޭއިރު އެ އަދަދަށް ފައިސާ ނުލިބެ އެވެ.
އެގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް ބޮޑެތި އަދަދުތައް ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި ލަފާކުރި ނަމަވެސް، ކޮންމެ އަހަރަކު އެވެރެޖުކޮށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އަންދާޒާކުރާ މިންވަރުގެ އެންމެ 34 އިންސައްތަކަން މަރުކަޒީ ބޭންކުން ފާހަގަކުރި އެވެ.
އަދި މި އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 1.5 ބިލިއަންް ރުފިޔާ ލިބޭނެކަމަށް ލަފާކުރި ނަމަވެސް އޮކްޓޯބަރު މަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 561.3 މިލިއަން ރުފިޔާކަން ފާހަގަކޮށްފައިވެ އެވެ. އެއީ ލިބޭނެކަމަށް ބަޖެޓުގައި ލަފާކުރި ހިލޭ އެހީގެ އެންމެ %37 އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ފައިސާ ލިބިފައިވާ ގޮތަށް ބަލާއިރު ބަޖެޓުކޮށްފައިވާ މިންވަރަށް ހިލޭ އެހީ ނުލިބުމުގެ ހިރާސް އެބައޮތްކަމަށް އެމްއެމްއޭއިން ދެކެ އެވެ.