ޔުނިވާސަލްއަށްވެސް މާރުކުރެވެން ނެތް | ބުނީ ޓެކުހުގެ ގޮތުގައި އާމްދަނީގެ %30 ދައްކާކަމަށް

އުމަރު މަނިކުގެ ސިޓީގައި ފާހަގަކުރައްވާފައިވަނީ އެމްއެމްއޭގެ ގަވާއިދު ހަދާފައިވަނީ ސިނާއަތުގެ ހާލަތަށް ރިއާޔަތްނުކޮށް، ޑޮލަރުން ރިސޯޓުތަކުން ކުރާ ހަރަދާއި ދައްކާ ޓެކުހަށް ނުބަލައި ކަމަށެވެ.

ޔުނިވާސަލްގެ ވެރިޔާ އަދި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކް

ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރެވެން ނެތްކަމަށް ރާއްޖޭގައި އެންމެ ގިނަ ރިސޯޓު އޮޕަރޭޓުކުރާ އެއް ކުންފުނި ކަމަށްވާ ޔުނިވަސަލް އެންޓަޕްރައިސަސްއިން ބުނެފި އެވެ. 

އެ ކުންފުނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ސޮއިކުރައްވައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރަށް ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވެފައިވަނީ ކޮޓަރި ވިއްކާ އަގާއި ޓޫރިސްޓު ރިސޯޓުތަކުގައި ހޭދަކުރާ މުއްދަތަށާއި އެ ފަތުރުވެރިޔާގެ އުމުރަށް އަދި އެހެނިހެން ކަންކަމަށް ރިއާޔަތްނުކޮށް ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަަށް 500 ޑޮލަރު މާރުކުރުމަކީ ފަތުރުވެރިކަމުގެ އެކި ފެންވަރުގެ ރިސޯޓުތަކުގެ މެދުގައި އަދުލުވެރިކަން ގެއްލޭ ގޮތަށް އެކުލަވައިލާފައިވާ ސިޔާސަތެއް ކަމަށެވެ. 

އިތުރަށް އެ ސިޓީގައި ފާހަގަކުރީ އެ ސިޔާސަތު އެކުލަވައިލާފައިވަނީ ރިސޯޓު ހިންގާ ގޮތުގެ އަސާސްތަކަށް ނުބަލައި ކަމަށެވެ. އެގޮތުން ރިސޯޓެއް ހިންގުމަށް ހޭދަވާ ހަރަދުގެ 90 އިންސައްތަ ހަރަދަކީ ޑޮލަރުން ކުރަންޖެހޭ ހަރަދުކަމަށާއި، އެގޮތުން ރިސޯޓު ސަޕްލައި ހޯދުމާއި ސްޕެއާ ޕާޓްސް ގަތުމާއި ތެޔޮ ގަތުމާއި މުވައްޒަފުންގެ މުސާރައާއި މޭކެޓިން ހަރަދުތަކާއި އޮންލައިން އޮޕަރޭޓަރުންނަށް ފައިސާ ދެއްކުމާއި ކްރެޑިޓް ކާޑުތަކުގެ ކޮމިޝަން ދެއްކުމަކީ ރިސޯޓުތަކުން ޑޮލަރުން ހޭދަކުރަންޖެހޭ ކަމެއް ކަމަށެވެ. 

އަދި އިތުރު ހަރަދުތަކުގެ ތެރޭގައި ފައިނޭންސްކުރުމުގެ ހޭދައާއި ދަރަނި އަދާކުރުމާއި ބިމު ކުއްޔާއި ޓިޖީއެސްޓީ އަދި ގްރީން ޓެކުހަކީވެސް ޑޮލަރުން ކުރަންޖެހޭ ހަރަދުތަކެއްކަން އެމްޔޫ މަނިކުގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. 

އެގޮތުން މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ ހަތަރު މީހުންގެ އާއިލާއެއް 250 ޑޮލަރަށް ވިއްކާ ކޮޓަރިއެއްގައި ހަތަރު ރޭ ހޭދަކުރުމުން ރިސޯޓަށް ލިބޭނީ 1،000 ޑޮލަރު ކަމަށްވީ ނަމަވެސް 2،000 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ. 

އިތުރަށް އެމްޔޫމަނިކު ވިދާޅުވީ ޑޮލަރު މާރުކުރުން ލާޒިމުކުރުމަށް ގަވާއިދު ހަދާފައިވަނީ ރާއްޖޭގައި ޑޮލަރު އެއްކުރާ ގޮތް ރަނގަޅަށް ފަހުމުނުވުމުގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ޔުނިވާސަލް ކުންފުނީގެ ހުރިހާ އެކައުންޓެއް ހުންނާނީ ދިވެހިރާއްޖޭގެ ބޭންކުތަކުގައިކަން ފާހަގަކުރައްވަމުން އެ ސިޓީގައި އުމަރު މަނިކު ވިދާޅުވީ ދާދިފަހުން ޓެކްސް ގަވާއިދުތަކަށް ގެނައި ބަދަލުތަކާއެކު ޓެކުހުގެ ގޮތުގައި ހުރިހާ ފައިސާއެއް ދައްކަމުންދަނީ ޑޮލަރުން ކަމަށެވެ. 

އުމަރު މަނިކު ފާހަގަކުރެއްވި ގޮތުގައި ރިސޯޓެއްގެ ޖުމްލަ އާމްދަނީގެ %30 ހަރަދުވަނީ މީރާއަށް ޓެކުސް ދެއްކުމަށެވެ. 

މި ސަބަބުތައް ފާހަގަކުރައްވައި އެމްޔޫ މަނިކު ވިދާޅުވީ މި ގަވާއިދާ އެއްގޮތަށް 500 ޑޮލަރު މާރުކުރެވެން ނެތް ކަމަށެވެ. އަދި އެ ގަވާއިދު ތަންފީޒުކުރާނަމަ އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ހީނަރުކަން އަންނާނެ ނިންމުންތަކެއް ވިޔަފާރިތަކުން ނިންމަންޖެހޭނެ ކަމަށެވެ. އަދި މިހާރު އޮތް ގަވާއިދުގެ ބަދަލުގައި މިއަށްވުރެ އިންސާފުވެރި ސިނާއަތުގެ ހާލަތަށް ބެލިގެން ހަދާ ނިޒާމެއް އެކުލަވައިލަން އުމަރު މަނިކުވަނީ ސަރުކާރަށް ގޮވައިލައްވާފަ އެވެ. 

ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހެނީ ކިހިނެއް؟

މާރުކުރަންޖެހެނީ ރިސޯޓަށް ޑޮލަރުން ލިބޭ ޖުމްލަ އާމްދަނީގެ ތެރެއިން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރެވެ. މިސާލަކަށް އެވެރެޖު ޑެއިލީ ރޭޓު ނުވަތަ ކޮޓަރި ވިއްކާ އެވެރެޖު އަގު 200 ޑޮލަރުގައި ހުންނަ ރިސޯޓެއްގެ 100 އެނދު 30 ދުވަހު އެއްކޮށް ވިކިފައި އޮތްނަމަ ހަ މިލިއަން ޑޮލަރު އެ މަހަކު ލިބޭނެ އެވެ. އެ ރިސޯޓުގައި އެ 30 ދުވަހު ތިބީ 800 ޓޫރިސްޓުން ކަމަށްވާނަމަ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭނީ 400،000 ޑޮލަރެވެ. އެހެންކަމުން ޑެއިލީ ރޭޓަކީ 200 ޑޮލަރަށްވުމަކުން މާރުކުރަންޖެހޭ އަދަދު އާމްދަނީއަށްވުރެ އިތުރުވުމުގެ މައްސަލައެއް ކުރިމަތިނުވާނެ އެވެ.

މިދެންނެވި ހިސާބުކުރުމުގައި ރިސޯޓުތަކަށް ކޮޓަރި ވިއްކައިގެން ލިބޭ އާމްދަނީގެ ބޭރުން އެކްސްކާޝަންތަކާއި ބާއާއި މުނިފޫހިފިލުވުމުގެ ކަންކަމާއި އެނޫން ހިދުމަތްތަކުން ލިބޭ އާމްދަނީ ހިމަނާފައިނުވާނެ އެވެ. ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރިސޯޓަކަށް ލިބޭ އާމްދަނީގެ %50 އަށްވުރެ ބޮޑު ނިސްބަތެއް ލިބެނީ ކޮޓަރީގެ އަގުގެ ބޭރުން އެހެނިހެން ކަންކަމުންނެވެ.

ދެވަނަ ކަމަކަށް ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ކަނޑައަޅާފައިވަނީ ރިސޯޓުތަކުގައި ފަތުރުވެރިން ހޭދަކުރާ ފައިސާގެ އަދަދުގެ އެވެރެޖުތަކަށް ރަނގަޅަށް ބެލިގެންނެވެ. 2022 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ %31 މީހުން 1،000 ޑޮލަރާއި 5،000 ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަކުރެ އެވެ. އަދި ރިސޯޓުތަކުގައި ތިބޭ ފަތުރުވެރިންގެ %47 މީހުން 5،000 އާއި 10،000 އާ ދެމެދުގެ އަދަދަކަށް ޑޮލަރު ހޭދަކުރެ އެވެ. އަދި 14 އިންސައްތަ މީހުން 10،000 ޑޮލަރާއި 20،000 ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަކުރެ އެވެ.

އެހެންކަމުން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންގެ ތެރެއިން މަދު ނިސްބަތެއްގެ ބަޔަކު ދެ ރޭ ހޭދަކުރުމަކީ ޑޮލަރުގެ އާމްދަނީ މާރުކުރަންޖެހޭ ޖުމްލަ އަދަދަށްވުރެ އިތުރުވާންޖެހޭ ސަބަބެއް ކަމުގައި ގަބޫލުކުރެވޭނެ ގޮތެއް ނެތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.