ސަބްސިޑީ އިސްލާހުގެ އަމާޒު؛ ހައްގުވާ އެންމެނަށް އެހީތެރިކަން ފޯރުކޮށްދިނުން

ސަބްސިޑީ ނިޒާމަށް ގެންނަ ބަދަލާއެކު ސަބްސިޑީ ދޭނީ ނަގުދު ފައިސާއިން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ގޭބީސީތަކަށް އިސްކަަންދީގެންނެވެ.

އިއްޔެ އިން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކާޑު ބެހުން ކުރިއަށް ދާނެ އެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު

ސަރުކާރުގެ ފަރާތުން އަންނަ އަހަރު ގެންނަަން ހުށަހަޅާފައިވާ މާލީ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ނުސީދާކޮށް ދެމުން އައި ސަބްސިޑީތައް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުން ދެނެގަނެ އެމީހުންނަށް ސީދާ ދިނުމުގެ ނިޒާމަކަށް ބަދަލުކުރުމުގައި މައިގަނޑު މަގުސަދަކަށްވާނީ މާލީ އެހީތެރިކަން ބޭނުންވާ އެންމެނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ސަރުކާރުން ބުނެފި އެވެ. 

2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަޖެޓު ފޮތުގައި ބަޔާންކުރާ ގޮތުން މިހާރު ސަބްސިޑީ ދެމުން އަންނަ އުސޫލަކީ ބަޖެޓަށް ބުރަ ބޮޑު އަދި ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ އުސޫލެކެވެ. އެގޮތުން ކަރަންޓާއި، ކާޑާއި ތެލާއި ނަރުދަމާގެ ހިދުމަތްތައް އަގުހެޔޮކުރުމަށް ދޭ ސަބްސިޑީތައް 1.2 ބިލިއަން ރުފިޔާއިން 3.2 ބިލިއަން ރުފިޔާއަށް ފަސް އަހަރު ތެރޭ އިތުރުވެފައިވާކަން ބަޖެޓުގައި ފާހަގަކުރި އެވެ. 

އިތުރަށް ބަޖެޓު ފޮތުގައި ފާހަގަކުރި ކަމަކީ މިހާރު ސަބްސިޑީ ނިޒާމު އޮންނަ ގޮތުން ސަބްސިޑީތައް ލިބެނީ އެންމެ އަދުލުވެރި ގޮތުގައި ނޫން ކަމެވެ. އެގޮތުން މުދަލާ ހިދުމަތްތަކަށް އެންމެ ބޮޑު ހޭދައެއް ކުރަނީ އެންމެ މުއްސަނދި ގޭބީސީތަކުން ކަމުގައިވާތީ ސަބްސިޑީގެ ބޮޑޫ ބައެއް ހަރަދުވަނީވެސް އެ ގޭބީސީތަކަށްކަން ފާހަގަކުރި އެވެ. އެގޮތުން ސަބްސިޑީތަކުގެ 43 އިންސައްތަ ބެހެނީ އެންމެ މުއްސަނދި ގޭބީސީތަކުގެ 40 އިންސައްތައަށް ކަމުގައި ބުނެފައިވެ އެވެ. 

ސީދާ ބޭނުންޖެހިފައިވާ މީހާއަށް ސަބްސިޑީ

ސަރުކާރުން ހުށަހަޅާފައިވަނީ ސަބްސިޑީ ނިޒާމަކީ ދެމެހެއްޓެނެވި ނިޒާމަކަށް ހެދުމާއެކު އިޖުތިމާއީ އަދާލަތު ގާއިމުކުރެވޭނެ އުސޫލަކުން ސަބްސިޑީތައް ދިނުމުގެ ގޮތުން ސީދާ ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ފޯރުކޮށްދިނުމަށެވެ. 

މިބަދަލާއެކު މިހާރާ ހިލާފަށް ސަބްސިޑީ ލިބޭ ކޮންމެ މީހަކަށް އެމީހަކަށް ދައުލަތުން ދޭ އެހީތެރިކަމަކީ ކޮބައިކަން ސާފުކޮށް އެނގޭނެ އެވެ. އަދި ސަބްސިޑީ ލިބޭނީ އެ އެހީތެރިކަން ހޯދުމަށް އެދިގެން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސަބްސިޑީ ހައްގުވާ މީހުންނަށް އެކަންޏެވެ. ސަބްސިޑީ ހައްގުވާ މީހެއްކަން ކަަނޑައެޅުމަށް ބޭނުންކުރާނީ ޕްރޮކްސީ މީންސް ޓެސްޓު މޮޑެލްއެކެވެ. އެއީ ގޭބީސީގެ އާމްދަނީ ޔަގީންނުކުރެވޭ ހާލަތުގައި ގޭބީސީގެ އެހެނިހެން މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ގޭބީސީއެއްގެ ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާ މޮޑެލްއެކެވެ. 

ސަބްސިޑީއަށް އެދި ހުށަހަޅަ ފަރާތްތަކުން ހުށަހަޅާ މައުލޫމާތުގެ ސައްހަކަން ދައުލަތުގެ އިދާރާތަކުގައި ހުރި މައުލޫމާތުތަކުގެ އަލީގައި ޔަގީންކުރެވޭނެ އެވެ. ސަރުކާރުގައި ވަޒީފާ އަދާކުރާ މީހުންގެ މައުލޫމާތު އިދާރާތަކުން ހޯދުމާއެކު، ޕެންޝަން އޮފީހާއި މީރާއިން ލިބެންހުރި މައުލޫމާތުތަކާއި ބޭންކުތަކުން ހޯދެން ހުރި މައުލޫމާތުތައްވެސް އެކަމުގައި ބޭނުންކުރާނެ ކަމަށް ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ. 

ސަބްސިޑީ ނިޒާމަށް ގެންނަން ނިންމާފައިވާ އިސްލާހުތައް ތަންފީޒުކުރަން ފަށަން ރާވާފައިވަނީ އަންނަ އަހަރުގެ އޭޕްރީލު މަހާ ހަމައިންނެވެ. އެއީ ކަރަންޓާއި، ކަރަންޓު އުފެއްދުމަށް ބޭނުންކުރާއި ތިލާއި ކާޑާއި ނަރުދަމާގެ ހިދުމަތްތައް އަގުހެޔޮކުރުމަށް ދޭ ސަބްސިޑީ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި އެ އެހީތެރިކަން ބޭނުންވާ ފަރުދުންނަށް ސީދާ ލިބޭ ގޮތަށް ބަދަލުކޮށްގެންނެވެ. 

މި ގެނެވޭ ބަދަލާއެކު އަންނަ އަހަރު 1.5 ބިލިއަން ރުފިޔާ ބަޖެޓުން ސަލާމަތްވާނެ އެވެ. 2026 ގައި 2.2 ބިލިއަން ސަލާމަތްކުރެވޭނެ އެވެ. 

ނިޒާމަށް ގެންނަ އިސްލާހުގެ މައިގަނޑު އަމާޒު ހިފާފައި ހުރީ އެހީތެރިކަން ބޭނުންވާ އެންމެނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ސަރުކާރުން ބުނި ގޮތުގައި މުޅި އިސްލާހު ބައްޓަންކޮށްފައިވަނީ އެންމެ ފަގީރު 20 އިންސައްތަ ގޭބީސީއަށް އުފުލަންޖެހޭ މާލީ ބުރައަށްވުރެ ބޮޑު އެހީތެރިކަމެއް ލިބޭނެ ގޮތަށެވެ. އެގޮތުން ސަބްސިޑީ ނިޒާމަށް ގެންނަ ބަދަލާއެކު އެންމެ ފަގީރު ގޭބީސީތަކުން ކުރާ ހަރަދަށް އިތުރުވާ މިންވަރަށްވުރެ ސަރުކާރުން ނަގުދުކޮށް އެ ގޭބީސީތަކަށް ދޭ ފައިސާ ގިނަވާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.