ސައުދީއަށް މިއަދުގެ ފަތިހުގެ ވަގުތެއްގައި ރައީސް ވަޑައިގަތުމުން އެ ގައުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރިޔާޟް ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރު އަމީރު މުހައްމަދު ބިން އަބްދުއްރަހްމާން ބިން އަބްދުލްއަޒީޒް އާލު ސައޫދެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައޫދުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން އިސްލާމީ އަރަބި ގައުމުތަކުގެ ލީޑަރުން އެއްތަނަކަށް އެއްވެ ކުރިއަށް އޮތް ތަނުގައި އެޅުއްވޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބާއްވާ އަރަބި އިސްލާމީ ގައުމުތަކުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރޭ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ ރާއްޖެއަކީ ދުނިޔޭގެ މަސްރަހުގައި ފަލަސްތީނުގެ ހައްގުގައި އެންމެ އަޑުއަހަރުކޮށް އެންމެ ސާފުކޮށް ވަކާލާތުކުރަމުންދާ އެއް ގައުމު ކަމަށެވެ. އަދި އެގޮތަށް ވަކާލާތުކުރެއްވުން މަތީ ދެމިހުންނަވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
އަދި ސައުދީއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައި އޮތްކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އެ ދަތުރުފުޅަކީ ފަލަސްތީނުގެ ހައްގުގައި އިސްލާމީ އަރަބި ގައުމުތަކަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ސައުދީ އަރަބިއްޔާއިން އިސްނަގައިގެން ބާއްވާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ސައުދީއަށް މިއަދުގެ ފަތިހުގެ ވަގުތެއްގައި ރައީސް ވަޑައިގަތުމުން އެ ގައުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރިޔާޟް ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރު އަމީރު މުހައްމަދު ބިން އަބްދުއްރަހްމާން ބިން އަބްދުލްއަޒީޒް އާލު ސައޫދެވެ.
މި ސަމިޓަށްފަހުގައި އަޒަރްބައިޖާނުގައި މި އަހަރު އޮންނަ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެ ގައުމަށްވެސް ވަޑައިގަންނަވަންވަނީ ހަމަޖެހިފަ އެވެ.