ޙަމާސްގެ ލީޑަރުންނަށް ގަތަރުގައި އިތުރަށް ނުތިއްބެވޭނެކަން އެގައުމުން އެންގީ ޙަމާސްގެ ލީޑަރުން އެ ގައުމުން ބޭރުކުރުމަށް އެމެރިކާއިން ބޮޑެތި ފިއްތުންތައް ކުރިމަތިކުރުމާ ގުޅިގެންނެވެ.
ގަތަރުގައި ތިއްބެވި ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާއަތުގެ ލީޑަރުން އެ ގައުމު ދޫކުރައްވައި ވަޑައިގަތުމަށް ގަތަރު ސަރުކާރުން އެދިއްޖެ އެވެ.
މީގެ ދިހަވަރަަކަށް ދުވަސްކުރިން ގަތަރު ސަރުކާރުން ހަމާސްގެ ލީޑަރުން ގަތަރުން ފާބަައިވަޑައިގަތުމަށް އެދުނީ އެމެރިކާއާއެކު ވަރަށް ދިގުކޮށް މަޝްވަރާކުރުމަށްފަހު، އެމެރިކާގެ ޕްރެޝަރު ބޮޑުވެގެންނެވެ. މިއީ ގަތަރުގެ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ.
ސޫރިޔާގެ ދާހިލީ ހަނގުރާމަ ފެށި ހަމާސްގެ ސިޔާސީ އޮފީސްތަައް އެ ގައުމުގެ ވެރިރަށް ދިމިޝްގުގައި ބެހެއްޓުމަށް ދަތިވާ ހާލަތުތައް ކުރިމަތިވުމާއެކު 2012 ވަނަ އަހަރުން ފެށިގެން ހަމާސްގެ ސިޔާސީ އޮފީސްތައް ހިންގަމުން އައިސްފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގަ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހު ހަމާސްއިން ރަހީނުކުރި އިސްރާއީލު މީހުން މިނިވަންކުރުމަށް ހަމާސްއާއެކު ފަށާފައިވާ މަޝްވަރާތަކުގައި ގަތަރުން އަންނަނީ މުހިއްމު މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ. އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާއަށްފަހު ހަމާސްއިން 250 އިސްރާއީލު މީހުން ރަހީނުކޮށްފައިވެ އެވެ.
އެ ހަމަލާގެ ރައްދުގައިކަމަށް ބުނެ އިސްރާއީލުން ޣައްޒާައަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 43،000 ފަލަސްތީނު ރައްޔިތުން މަރުވެފައިވާކަމަށް ފަލަސްތީނު އިދާރާތަކުން ބުނެ އެވެ.
ފާއިތުވި އަހަރު ގަތަރު މެދުވެރިވެގެން ހެދުނު އެއްބަސްވުމެއްގެ ތެރެއިން 100 އަށްވުރެ ގިނަ ރަހީނުން ހަމާސްއިންވަނީ ދޫކޮށްލާފަ އެވެ. ނަަމަަވެސް އޭގެ ފަހުން އެ ޖަމާއަތާއި އިސްރާއީލުގެ މެދުގައި ކުރެވުނު މަޝްވަރާތަކުން ނަތީޖާއެއް ނެރެވިފައިނުވެ އެވެ.
މަޝްވަރާތަައް ކާމިޔާބުނުވުމުން އެމެރިކާގެ އެއްވެސް ބައިވެރިއެއްގެ ވެރިކަންކުރާ ރަށުގައި ހަމާސްގެ ލީޑަރުންނަށް ޖާގައެއް އޮވެގެންނުވާނެކަން އެމެރިކާއިން ގަތަަރަށް އަންގާފައިވާކަމަށް އެމެރިކާގެ ސަރުކާރުގެ އޮފިޝަލެއް ފައިނޭންޝަލް ޓައިމްސް ނޫހަށް ކަށަވަރުކޮށްދީފައިވެ އެވެ.
ގަތަރުގައި އިތުރަށް ނުތިއްބެވޭނެކަން އެ ގައުމުން އެންގުމާ ގުޅިގެން ހަމާސްގެ ލީޑަރުން ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ތުރުކީއަށެވެ. މިހާރުވެސް ހަމާސްގެ ބައެއް އިސް އޮފިޝަލުން ތުރުކީގައި ދިރިއުޅުއްވަ އެވެ. އަދި އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށިފަހުން ހަމާސްއަށް ފާޅުގައި ތާއީދުކުރައްވާ އެއް ލީޑަރަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނެވެ.
ތުރުކީގެ އިތުރަށް އިރާނާއި އަލްޖީރިއާ އަދި މޮރިޓޭނިއާގައި ހަމާސްގެ މަރުކަޒު ގާއިމުކުރުމުގެ ފުރުސަތު އޮތްތޯ ބެއްލެވުމަށް ހަމާސްގެ މަސްއޫލުވެރިން އެ ގައުމުތަކަށް ވަޑައިގެން މަޝްވަރާކުރައްވާފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.