މި ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ސްކީމްގައި ބައިވެރިވެވޭނީ ސަރުކާރުން ބޯހިޔާވަހިކަމުގެ ހުރިހާ މަސައްކަތް ތަކެއް ކުރިއަށް ގެންދާ ޕޯޓަލް ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
ގޯތީގައި ގެ އަޅަން ފަސް ޕަސެންޓުގައި ފައިނޭންސިން ލިބޭ "ހިޔާވަހި ފައިނޭންސިން" ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މި ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ސްކީމްގައި ބައިވެރިވެވޭނީ ސަރުކާރުން ބޯހިޔާވަހިކަމުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދާ ޕޯޓަލް ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލްއަށް ވަދެވޭނީ ދައުލަތުގެ ހިދުމަތުގެ ވިއުގަ "އީ-ފާސް" މެދުވެރިކޮށެވެ. ނަމަވެސް އަދި އީފާސް މެދުވެރިކޮށް އެޕައި ކުރެވޭ ގޮތަށް ސިސްޓަމުން ފުރުސަތު ހުޅުވާލާފައެއް ނުވެ އެވެ.
"ހިޔާވަހި ފައިނޭންސިން" ސްކީމުން ތިން ބާވަތެއްގެ ނުވަތަ ކެޓަގަރީއެއްގެ ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. މި ތިން ބާވަތުގެ ލޯން ސްކީމަކީ ވެސް ފަރުދުންނަށް އަލަތު ބޯހިޔާވަހިކަން ފަސޭހައިން ހޯދުމަށް މަގުފަހިކުރުމަށް ތައާރަފުކުރާ ސްކީމު ތަކެއް ކަމުގައިވާތީ އެ ސްކީމު ހަމަޖެހޭނީ ސްކީމަށް ކުރިމަތިލާ ފަރާތުގެ ނަމުގައި އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް އޮވެގެންނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވި އެވެ.
އެގޮތުން މި ސްކީމުގައި ހިމެނޭ ފުރަތަމަ ކެޓަގަރީއަކީ އަތޮޅު ތެރޭގެ ރަށްތަކުގައި ގެދޮރު އެޅުމަށް ދޫކުރާ އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފައިނޭންސިން ސްކީމެކެވެ. "ހިޔާވަހި ރަތްވެހި ވަސީލަތު"ގެ ނަމުގައި ހިންގާ މި ސްކީމަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް ޝަރީއާ އުސޫލުތަކުގެ ތެރެއިން ނޮމިނަލް ކޮންޓްރިބިއުޝަނެއް ދައްކަންޖެހޭނެ އެވެ. މި ސްކީމު ދޫކުރާނީ ހައުސިން ފައިނޭންސް ޑިވެލޮޕްމެންޓު ކޯޕަރޭޝަން މެދުވެރިކޮށެވެ. ދެން މި ސްކީމުގައި ހިމެނެނީ މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް ހަ މިލިއަން ރުފިޔާއާ ހަމަ އަށް ފައިސާ ދޫކުރާ ސްކީމަކާއި، އާބަން ސެންޓަރުތަކުގައި ގެދޮރު އެޅުމަށް ތިން މިލިއަނާ ހަމައަށް ފައިސާ ދޫކުރާ ސްކީމެވެ.
އާބަން ސަރަހައްދުތަކަށް ކަނޑައަޅާފައިވާ ހިޔާވަހި ޝަހަރު ވަސީލަތުގައި %5 ގެ އިކުއިޓީއެއް ބަހައްޓަންޖެހޭނެ އެވެ. މާލޭގައި ގެދޮރު އެޅުމަށް ދޫކުރާ ސްކީމުގެ ދަށުން 10 އިންސައްތައިގެ އިކުއިޓީއެއް ބަހައްޓަންޖެހޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. މި ދެ ސްކީމު ހިންގާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.
ސަރުކާރުން ވަނީ މި ފައިނޭންސިންގެ ދަށުން އަންނަ އަހަރު އެއް ބިލިއަން ރުފިޔާގެ ފައިނޭންސިން ދޫކުރަން ނިންމާފަ އެވެ.
ފަސް އިންސައްތަ އަށް ވުރެ ކުޑަ އިންޓަރެސްޓުގައި ގެދޮރު އެޅުމަށް ބޭނުންވާ ލޯނުތައް ދޫކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެ ސްކީމު ހިންގުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި ޕްރޮގުރާމު ހިންގުމަށް ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނުއްވާނެކަން ރައީސް އިއުލާނު ކުރައްވާފައިވެ އެވެ.