ބަޖެޓްގެ ތަފްސީލުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ، ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ފަސް ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނައިފި އެވެ.
ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސްގެ އެންމެ ބޮޑު އެއް ތަސައްވުރު ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައީސްގެ އެ ތަސައްވުރާއި އެއްގޮތަށް ދިވެހި ރައްޔިތުންނަކީ ގެދޮރުވެރި ބަޔަކަށް ހެދުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފަސް އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް އެއް ބިލިއަން ރުފިޔާ މި ބަޖެޓުގައި ހިމަނާފައިވާއިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެ މަގު ވެސް ފަހިވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓްގެ ތަފްސީލުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ، ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
"އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން އަޅުގަނޑު ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރި ކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ސިފަކުރެއްވީ އަންނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައި "ގެދޮރުވެރިކަމުގެ ބަޖެޓެއް"ގެ ގޮތުގަ އެވެ.