ގެދޮރު ބިނާކުރުމަށް ތިން ބޭންކެއް މެދުވެރިކޮށް %5 އަށްވުރެ ކުޑަ އިންޓަރެސްޓު ރޭޓުގައި އިސްލާމީ އުސޫލުގެ ތެރެއިން ލޯނުތައް ދޫކުރުމުގެ ޕްރޮގުރާމު އިފުތިތާހުކޮށްފައިވާއިރު އަންނަ އަހަރު އެ ޕްރޮގުރާމުގެ ތެރެއިން ދެ ބިލިއަން ރުފިޔާ ދޫކުރާނެ.
ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން ގެދޮރުވެރިކަމަށް %5 ޕްރޮފިޓް މާޖިނެއްގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް ހިޔާވަހި ފައިނޭންސިން ސްކީމު ތައާރަފުކޮށްފި އެވެ.
އިސްލާމީ ބޭންކިން އުސޫލުތަކުގެ ތެރެއިން ލޯނު ދޫކުރާ މި ފައިނޭންސިން ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެެއްގެ ދަށުން އެކުލަވައިލެވިފައިވާ ފައިނޭންސިން ސްކީމެކެވެ. މި ފައިނޭންސިން ސްކީމުގެ ދަށުން ތިން ކެޓަގަރީއެއްގެ ފައިނޭންސިން ސްކީމު ދޫކުރުމަށްވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮގުރާމުގައި ހިމެނެނީ އަތޮޅު ތެރޭގެ ރަށްތަކުގައި ގެދޮރު އެޅުމަށް ދޫކުރާ ލޯނާއި ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކުގައި ގެދޮރު އެޅުމަށް ދޫކުރާ ލޯނުތަކާއި، މާލޭގެ ސަރަހައްދުގައި ގެދޮރު އެޅުމަށް ދޫކުރާ ލޯނުތަކެވެ.
މި ޕްރޮގުރާމުގެ ތެރެއިން އަތޮޅު ތެރޭގެ ރަށްތަކުގައި ގެދޮރު އެޅުމަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ލޯނުތައް ދޫކުރާނީ ހައުސިން ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށެވެ. އާބަން ސެންޓަރުތަކަށާއި މާލެއަށް ދޫކުރާ ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) މެދުވެރިކޮށެވެ.
މި ޕްރޮގުރާމަކީ މިހާތަނަށް ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއް ޝާމިލުވާ ގޮތަށް ގެދޮރުވެރިކަމުގެ ބޭނުންތަކަށް ލޯނު ދޫކުރުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ތެރެއިން ތިން ބޭނުމަކަށް ލޯނު ދޫކުރާނެ އެވެ. އަލަށް ގެދޮރު އެޅުމަށާއި، ގެދޮރު އަޅަން ފަށައި ނުނިމި ހުރި ގެދޮރުގެ މަސައްކަތް ނިންމުމަށާއި، ބާވެފައިވާ ގެދޮރު މަރާމާތުކުރުމަށް މި ޕްރޮގުރާމުގެ ތެރެއިން ލޯނު ދޫކުރާނެ އެވެ.
މި ޕްރޮގުރާމު މިއަދު އޮތް ރަސްމިއްޔާތެއްގައި އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.
މި ޕްރޮގުރާމު އިތުރަށް ފުޅާކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއާއެކު ބޭންކުތަކާއެކު މަސައްކަތްކޮށްގެން މި ޕްރޮގުރާމުގެ ތެރެއިން 2 ބިލިއަނަށްވުރެ މަދު ނޫން އަދަަދަކަށް ލޯނު ދޫކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.