އެއްވެސް މީހަކަށް އާސަން ނުގެއްލޭނެ އެވެ. އަމިއްލަަ އިންޝުއަރެންސް އޮތަސް، އެ އިންޝުއަރެންސްއިން ކަވަރުނުކުރާ ކޮންމެ ކަމެއްގައި އާސަންދަ ބޭނުންކުރެވޭނެ އެވެ.
އެއްވެސް މީހަކަށް އާސަންދަ ކަނޑައިނުލާނެ ކަމަށާއި، ސަރުކާރުން އާސަންދައިގެ ހިދުމަތަށް ގެނައި ބަދަލަކީ އަމިއްލަ އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އެއްފަހަރާ އާސަންދައާއި އަމިއްލަ އިންޝުއަރޭންސް ބޭނުންކުރުމުގެ ބަދަލުގައި ކޮންމެވެސް އެއް ނިޒާމެއް ބޭނުންކުރެވޭ ގޮތަށް ހަމަޖެއްސުންކަމަށް އެންސްޕާއިން ބުނެފި އެވެ.
މީގެ ކުރިން އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް ހޮސްޕިޓާތަކުން އަދި ކްލިނިކުތަކުން ހިދުމަތް ދިނުމުގައި އަމަލުކުރާ ގޮތަކީ އާސަންދައިން ހިދުމަތުގެ އަގުގެ ބައެއް ކެނޑުމަށްފަހު ބާކީ އޮންނަ ބައި އިންޝުއަރެންސް މެދުވެރިކޮށް ކެނޑުމެވެ. އެއިރުން އަތުން ދައްކަންޖެހޭ ބައި ވަރަށް ކުޑަވާނެ އެވެ.
އެހެން އޮތުމުން އަމިއްލަ އިންޝުއަރެންސްގެ ބޭނުންހިފަނީ ވަރަށް މަދުން އެހާމެ ކުޑަކޮށެވެ. އެންސްޕާއިން ނިޒާމަށް މިހާރު ގެނެސްފައިވާ ބަދަލަކީ ސިއްހީ ހިދުމަތް ދިނުމުގައި އަމިއްލަ އިންޝުއަރެންސްއަށް އިސްކަން ދިނުމަށް ނިންމުމެވެ. މި ނިންމުމުގެ ސަބަބުން މިހާރު ބޭނުންކުރެވޭނީ އަމިއްލަ އިންޝުއަރެންސް ނުވަތަ އާސަންދަ އެވެ. ދެ އިންޝުއަރެންސް އެކުއެކީ ބޭނުންނުކުރެވޭނެ އެވެ.
ނަމަވެސް އެއްވެސް މީހަކަށް އާސަން ނުގެއްލޭނެ އެވެ. އަމިއްލަަ އިންޝުއަރެންސް އޮތަސް، އެ އިންޝުއަރެންސްއިން ކަވަރުނުކުރާ ކޮންމެ ކަމެއްގައި އާސަންދަ ބޭނުންކުރެވޭނެ އެވެ. އަދި އަމިއްލަ އިންޝުއަރެންސްއަށް އިސްކަންދެނީ އެނދުމަތިކޮށްގެން ދޭ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތަކުގަ އެވެ. އެނދުމަތިކޮށްގެން ދޭ ހިދުމަތެއްނަމަ އަދިވެސް ދޭނީ އާސަންދައިންނެވެ.
އޭގެ އިތުރަށް އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ބޭސް ފޯރުކޮށްދިނުމަށް ފާމަސީތަކާއެކު އެއްބަސްވުންތަކެއް ހަދާފައި ނެތުމުން، އެސްޓީއޯ ފާމަސީތައް ނޫން ފާމަސީތަކުން އަމިއްލަ އިންޝުއަރެންސްގެ ޒަރީއާއިން ބޭސް ނުގަނެވޭނެ އެވެ.
އެކަމަށް ރިއާޔަަތްކޮށް އެންސްޕާއިން ސިއްހީ ހިދުމަތް ދޭ ތަންތަނަށް އިރުޝާދު ދީފައިވަނީ ބޭސް ސިޓީ އާސަންދަ މެދުވެރިކޮށް ލިޔުމަށެވެ. އަދި ބޭސް ފިހާރަތަކުން އާސަންދަ މެދުވެރިކޮށް، އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް ބޭސް ލިބޭނެ އެވެ.
އެންސްޕާއިން ބުނި ގޮތުގައި މި ބަދަލު ގެނައުމުގެ ކުރިން އިންޝުއަރެންސް ހިދުމަތްދޭ ހުރިހާ ކުންފުނިތަކާ ބައްދަލުކޮށް މަޝްވަަރާކުރި އެވެ. އެންމެ ކުންފުންޏެއް ފިޔަވައި ހުރިހާ ކުންފުންޏަކުންވެސް ބުނެފައި އޮތީ އެ ބަދަލަށް ތައްޔާރަށް ތިބި ކަމަށެވެ.
ނަމަަވެސް އެ ބަދަލު ގެނައުމާއެކު އެލައިޑް އިންޝުއަރެންސްއާއި ސޮލަރެއިލް އިންޝުއަރެންސްއިންވަނީ އެ ކުންފުނިތަކުން ދެމުން އަންނަ ކޭޝްލެސް ހިދުމަަތް މެދުކަނޑައިލި އެވެ. ނަމަވެސް އެލައިޑުންވަނީ އެ ހިދުމަަތް އެލުން ދޭން ފަށާފަަ އެވެ.
މިހާރު މިގެނައި ބަދަލާއެކު އަމިއްލަ ހޮސްޕިޓާތަކުގެ މެދުގައި ހިދުމަތް ފޯރުކޮށްދޭ އަގުގައި ހުރި ފަރަގުތައް ވަރަށް ބޮޑަށް އާންމުންނަށް ސާފުވާނެ އެވެ. އެއް ހިދުމަތެއް އެއް ފެންވަރެއްގަައި ދެ ހޮސްޕިޓަލުން ފޯރުކޮށްދޭ އަގުތައް އެނގިގެންދާނެ އެވެ.
އެންސްޕާއިން ބުނި ގޮތުގައި މި ބަދަލު ގެނަޔަސް އަމިއްލަ އިންޝުއަރެންސްއެއް އޮންނަ ފަރާތަކުން އަމިއްލަ އިންޝުއަރެންސްގެ ބަދަލުގައި އާސަންދަ ބޭނުންކުރުމަށް ބޭނުންވެއްޖެނަމަ، އޭނާއަށް އާސަންދައިން ހިދުމަތް ހޯދުމުގެ އިހުތިޔާރު އޮންނާނެ އެވެ.