ބަޖެޓުގައި އޮތް އެއްޗެއް ރައީސަށް ނޭނގުމަކީ ދެރަކަމެއް: އަމީރު

ރައީސްގެ ވާހަކަފުޅާ ގުޅިގެން އެކްސްގަައި ކުރެއްވި ޕޯސްޓުގައި އަމީރު ވިދާޅުވީ ކޮންމެ ކަމެއް އުނބަށް ޖެހުމުން ސިޔާސީ ގޮތުން ހަޖޫޖަހަން ފުރުސަތު ލިބޭއިރު އެގޮތަށް ސަރުކާރުން ކަންކުރުމަކީ ވަރަށް ބޮޑަށް ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ފޮޓޯ: ދެން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އޮތް އެއްޗެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގަތުމަކީ ދެރަ ކަމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. 

އަމީރު މިފަދައިން ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓު ފައިސާ ގާނޫނުގައިވާ ގޮތުގެ މަތިން ބަޖެޓުގައި ހިމަނާފައި އޮންނާނެ ކަމަށް އިއްޔެ ރައީސް ވިދާޅުވުމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށް ހުޅުވި ކެޓް ޝެލްޓާ ހުޅުވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ ގާނޫނުގައި ކައުންސިލުތަކަށް ދިނުން ލާޒިމުކޮށްފައި އޮތް އަދަދަށް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ފައިސާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. 

ގާނޫނުގައިވާ ގޮތުން ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ %5 ކައުންސިލުތަކަށް ގްރާންޓުގެ ގޮތުގައި ދޭންޖެހެ އެވެ. މި އަހަރުގެ ބަޖެޓުގައި ގްރާންޓުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ 1.4 ބިލިއަން ރުފިޔާއަކީ ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ ފަސް އިންސައްތައަށްވުރެ ކުޑަ އަދަދެއްކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. 

ރައީސްގެ ވާހަކަފުޅާ ގުޅިގެން އެކްސްގަައި ކުރެއްވި ޕޯސްޓުގައި އަމީރު ވިދާޅުވީ ކޮންމެ ކަމެއް އުނބަށް ޖެހުމުން ސިޔާސީ ގޮތުން ހަޖޫޖަހަން ފުރުސަތު ލިބޭއިރު އެގޮތަށް ސަރުކާރުން ކަންކުރުމަކީ ވަރަށް ބޮޑަށް ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ. 

އަދި ބަޖެޓެއް މަޖިލީހަށް ފޮނުވާއިރު ބަޖެޓުގައި އޮތް އެއްޗެއް ރައީސަށް އެނގިވަޑައިނުގަތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ލާމަރުކަޒީ ގާނޫނާ ހިލާފަށް އެ ގާނޫނު ފުނޑައިލުމަށް ކައުންސިލުތަކުގެ ބަޖެޓު ކުޑަކޮށްފައި މަޖިލީހަށް ފޮނުވިއިރު އޭގައި އޮތް އެއްޗެއް ރައީސަށް އެނގިވަޑައިނުގަތުމަކީ ދެރަ ކަމެއް ކަމުގައިވެސް އަމީރު ވިދާޅުވި އެވެ. 

"މި ދިޔަ އެއް އަހަރު ތެރޭގައި ސަރުކާރުން އިއުލާންކުރި ގިނަ ކަންތައްތައް ފަހުން ބަދަލުކުރަން ޖެހުމުން ދޭހަކޮށްދެނީ ބޮޑެތި ކަންތައްތައް ނިންމާއިރު ރަނގަޅަށް ބަހުސް ނުކުރެވޭ ކަން.،" އިތުރަަށް އަމީރު ވިދާޅުވި އެވެ. 

އަދި ސަރުކާރުން ނިންމާ މުހިއްމު ބޮޑެތި ނިންމުންތައް ފަހުން ބަދަަލުކުރަންޖެހުމުން އެނގެނީ އެ ނިންމުންތައް ނިންމާއިރު އެއިން ރައްޔިތުންނަށް ކުރާނެ އަސަރުތައް ރަނގަޅަށް ދިރާސާކުރެވި އެކަންކަން ބަލަންވާ މިންވަރަށް ބެލިފައިނުހުންނަ ކަންކަމަށްވެސް އަމީރު ތުހުމަތު ކުރެއްވި އެވެ. 

"އަބަދު އާ ރަށުގައި މަޖާކުރަން އުޅުނީމާ ގިނަ ކަންކަން އަތުން ދޫވެގެންދާ ތަން މި ފެންނަނީ.،" ރައީސްގެ އަތްޕުޅުން ކަންކަން ދޫވަމުންދާކަމަށް ތުހުމަތުކުރައްވައި އަމީރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.