މި އަހަރު ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ 24.7 އިންސައްތަ އިތުރުވެފައިވާއިރު ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ ޖޫރިމަނާއިން ލިބުނު އާމްދަނީވަނީ ގާތްގަނޑަކަށް 28 އިންސައްތަ އިތުރުވެފަ އެވެ.
ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 24.7 އިންސައްތަ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ ހަރަދުބަރަދާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީން ފެށިގެން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 166.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.
2023 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ޖޫރިމަނާގެ ގޮތުގައި ލިބިފައިވަނީ 133.7 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީވަނީ %24.7 އިތުރުވެފަ އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 130.4 މިލިއަން ރުފިޔާ އެވެ. މި އަހަރު ޖޫރިމަނާއިން ލިބުނު އާމްދަނީވަނީ ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 27.9 އިންސައްތަ އިތުރުވެފަ އެވެ.
ޖޫރިމަނާތަކުގެ ތެރޭގައި ދައުލަތަށް ވިޔަފާރިތަކުން ދައްކަންޖެހޭ ފީތަކާއި ކުއްޔާއި އިތުރު ބައެއް ފައިސާ ނުދެއްކުމުން ދައްކަންޖެހޭ ޖޫރިމަނާތައް ހިމެނެ އެވެ. އަދި ޖޫރިމަނާގެ ތެރޭގައި ޓްރެފިކްގެ ކަންކަމުގައި ކުރާ ޖޫރިމަނާއަކީ ވަރަށް ކުޑަ މިންވަރެކެވެ.
މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 28.2 ބިލިއަން ރުފިޔާ އެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނު 27.7 އާ އަޅާބަލާއިރު 1.5 އިންސައްތަ އިތުރުވެފައިވެ އެވެ.