މިއަދުން ފެށިގެން ބީއެމްއެލްގެ "ސްޓޫޑެންޓް ޕޯޓަލް" މެދުވެރިކޮށް ބޭރުގައި ތިބޭ ދަރިވަރުންނަށް ކާޑުތަކުގެ ލިމިޓު ބޮޑުކުރުމަށް ހުށަހެޅޭނެ އެވެ.
ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ދިވެހި ރުފިޔާ ޑެބިޓު ކާޑު ބޭނުންކޮށްގެން ޑޮލަރުގެ މުއާމަލާތްކުރެވޭ މިންވަރު އިތުރުކުރަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުގައި ބޭންކް އޮފް މޯލްޑިވްސްއަށް ޑޮލަރު ލިބުން ތާށިވެ ބޭންކުން ދޫކޮށްފައިވާ ދިވެހިރުފިޔާ ކްރެޑިޓު އަދި ޑެބިޓު ކާޑުތަކުން ބޭރުފައިސާގެ މުއާމަލާތްކުރެވޭ މިންވަރު ލިމިޓުކުރީ 2020 ވަނަ އަހަރު އެވެ. އެގޮތުން ޑެބިޓު ކާޑުތަކުން މަހެއްގެ މައްޗަށް 250 ޑޮލަރު އަދި ކްރެޑިޓު ކާޑުތަކުން 750 ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބޭންކުން ހަމަޖެއްސި އެވެ.
ނަމަވެސް ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލުއިކޮށްދިނުމުގެ ގޮތުން އެ ދަރިވަރުން ގެންގުޅޭ ޑެބިޓު ކާޑުތަކުން މަހެއްގެ މައްޗަށް 750 ޑޮލަރުގެ މުއާމަލާތް ހިންގޭ ގޮތަށް ބޭންކުން ހަމަޖައްސާފައިވެ އެވެ. ދަރިވަރުންނަށް ބޭނުންކުރެވޭ ލިމިޓު ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގައި ދަރިވަރުންނަށް ކާޑުތަކުން ކުރެވޭ މުއާމަލާތުގެ ލިމިޓު ބޮޑުކުރަން ސަރުކާރުން މަސައްކަތްކުރި ނަމަވެސް ބީއެމްއެލްގެ މާލީ ހާލަތު ހުރި ގޮތުން އެ މަހުގައި އެ ސިޔާސަތު ތަންފީޒުނުކުރެވުނެވެ.
އޭގެ ފަހުން ބޭންކުތަކުގައި ބޭރު ފައިސާ ޑިޕޮސިޓުކުރާ މިންވަރު އިތުރުކުރުމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުން ލާޒިމުވާ ގޮތަށް އަދި ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ ތެރެއިން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް މަރުކަޒީ ބޭންކުންވަނީ އުސޫލެއް އެކުލަވައިލާފަ އެވެ.
އެ އުސޫލު ތަންފީޒުކުރަން ފެށުމުން ބޭންކުތަކަށް ދިމާވެފައިވާ ބޭނުންކުރެވޭ ގޮތަށް ހުރި ބޭރު ފައިސާ މަދުވުމުގެ މައްސަލަ ހައްލުކުރެވި، ބޭރު ފައިސާއިން ބޭންކުތަކުން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަށް މަގުފަހިވާނެ ކަމުގައި އެމްއެމްއޭއިން އެއިރު ބުނެފައިވެ އެވެ.
އަދި މާލީ ނިޒާމަށް ދިމާވެފައިވާ ބޭރު ފައިސާގެ ތާށިކަމުން އަރައިގަތުމަށް އެމްއެމްއޭއިންވަނީ އިންޑިޔާގެ ރިޒާވް ބޭންކާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހަދާފަ އެވެ. އެ ކަރަންސީ ސްވޮޕް ބޭނުންކޮށްގެން ބޭންކުތަކަށް ބޭނުންވާ ބޭރު ފައިސާ ދޫކުރަން ޖާގަ ލިބޭނެކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
އޮކްޓޯބަރު 23 ވަނަ ދުވަހު ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުން ބޭރުގައި ތިބޭ ދަރިވަރުންނަށް ދޫކޮށްފަައިވާ ކާޑުތަކުން މަހެއްގެ މައްޗަށް ބޭރުފައިސާއިން މުއާމަލާތްކުރެވޭ މިންވަރު 750 ޑޮލަރުން 1،200 ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ ބޭންކަށް ޑޮލަރު ލިބުމުގައި އަދިވެސް ދަތިތަކެއް ހުރި ނަމަވެސް ބޭރުގައި ތިބޭ ދަރިވަރުންނަށް ހުރި ގޮންޖެހުންތައް ބޭންކަށްވެސް އެނގޭ ކަމަށެވެ. އަދި މިއީ ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ ހިދުމަތްތައް ފޯރުކޮށްދީ އެހީތެރިވުމަށް ބޭންކުން އިސްކަންދޭ މިންވަރު ރިވެލިވާ ނިންމުމެއް ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ.
އަލަށް ދޭ އިތުރުކުރުން ހޯދުމަށްޓަކައި ދަރިވަރުން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށެވެ. އެކަމަށް ބޭނުންވާ ލިޔެކިޔުން އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. ރަޖިސްޓްރީކުރުމާ ގުޅޭ އިތުރު ތަފުސީލުތައް ބޭންކުން ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެ އެވެ.
މިއަދު ދަރިވަރުންނަށް ހާއްސަކޮށް "ސްޓޫޑެންޓް ޕޯޓަލް"ގެ ނަމުގައި ބޭންކުންވަނީ ޕޯޓަލެއް ހުޅުވައިފަ އެވެ. އެ ޕޯޓަލް މެދުވެރިކޮށް ކާޑު ލިމިޓު އިތުރުކުރުމަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ބޭންކުންވަނީ ފަހިކޮށްފަ އެވެ. މިއާއެކު މިހާރު ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލިޔުންތައް ހުށަހެޅުމުން ކާޑު ލިމިޓު 1،200 ޑޮލަރަށް މަތިކުރެވޭނެ އެވެ.
ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކާޑު ލިމިޓު ބޮޑުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެެ.