މިނިސްޓަރު އިހުސާން ވިދާޅުވީ މިހާރު ގާނޫނުގައި އެ މާއްދާ ލިޔެފައި އޮތީ ގަދައަށް ވާހަކަ ދެއްކުމަށްފަހު އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުް މީހެއްގެ މައްޗަށް އެ މާއްދާއިން ދައުވާނުކުރެވޭނެ ކަމުގައި އިހުސާން ވިދާޅުވި އެވެ.
ނުހައްގު މުއްސަނދިކަމާ ގުޅޭ ގޮތުން ގާނޫނުލް އުގޫބާތުގައި އޮތް މާއްދާއަށް ސަރުކާރުން ގެންނަ އިސްލާހާއެކު ކޮރަޕްޝަނުގެ މައްސަލައަށް ހައްލެއް ހޯދޭނެ ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ގާނޫނުލް އުގޫބާތުގެ 515 ވަނަ މާއްދާ އިސްލާހުކޮށް ކޮރަޕްޝަނުގެ ތެރެއިން ހޯދާފައިވާ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް މަގުފަހިވާނެ ގޮތަށް ގާނޫނު ބަދަލުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް ދައުވާ ކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަަމަށް ވިދާޅުވި އެވެ. މި އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަ ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
އެ ޕޯސްޓާ ގުޅިގެން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ މިހާރު ގާނޫނުގައި އެ މާއްދާ ލިޔެފައި އޮތީ ގަދައަށް ވާހަކަ ދެއްކުމަށްފަހު އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުް މީހެއްގެ މައްޗަށް އެ މާއްދާއިން ދައުވާނުކުރެވޭނެ ކަމުގައި އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި މިހާރު އެ މާއްދާ އޮތީ ދައުވާކުރެވޭ ގޮތަކަށް އަދި ދައުވާއެއް ކުރިއަސް ދައުވާ ސާބިތުކުރެވޭ ގޮތަކަށް ނޫނެވެ. އަދި އެ މާއްދާ ލިޔެފައި އޮތީ ކަަންކުރުމުގެ ނިޔަތެއް ނެތިކަމަށްވެސް މިނިސްޓަރު ތުހުމަތުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ގާނޫނަށް ގެންނަވަން ނިންމެވި އިސްލާހަކީ ދައުލަތުގެ ތެރޭގައި ޒަމާނުއްސުރެ މޫލާފައި އޮތް ކޮރަޕްޝަނުގެ މައްސަލަ ހައްލުވާނެ އަދި އެ ހައްލު ގެނައުމުގެ ނިޔަތާއި އަޒުމު ފެންނަ އިސްލާހެއް ކަމަށެވެ.