އަދަދު ނޫހުން ތައްޔާރުކުރި ސްކީލާން ޑޮކިއުމެންޓަރީ ލައިވްކުރީ ކުރިއާލައި ޕީއެސްއެމްއަށް އެންގުމަކާ ނުލައި އެ ކުންފުނީގެ އެޑިޓޯރިއަލް ޕޮލިސީއާ ހިލާފަށް ކަމަށް ބުނެ ކުންފުނިން މައްސަލަ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރޭ ބޭއްވި މީޑިޔާ ކައުންސިލުގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފުލާގައި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ އެޑިޓޯރިއަލް ޕޮލިސީއާ ހިލާފު ވީޑިޔޯއެއް އެ ކުންފުނި މެދުވެރިކޮށް ލައިވްކުރުވުމުން ޕީއެސްއެމްއިން ނުރުހުން ފާޅުކޮށްފި އެވެ.
ރޭ އޮތް ހަފުލާގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން ވީޑިޔޯ/ އޯޑިޔޯ ކެޓަގަރީން އެންމެ މޮޅު އުފެއްދުމުގެ އެވޯޑު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދޮން މަންމާފުޅާއި އެމަނިކުފާނުގެ ގުޅުމާ ގުޅުވައިގެން އޮންލައިން ނޫސް "އަދަދު"އިން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީއަކަށެވެ.
އެ ޑޮކިއުމެންޓަރީއަށް އެވޯޑު ދިނުމުގެ ކުރިން އެ ޑޮކިއުމެންޓަރީގެ މަންޒަރު ރޭގެ ހަފުލާގައި ދުރަށް ދައްކާފައިވެ އެވެ. އެ ޑޮކިއުމެންޓަރީއަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި ނެރުނު ޑޮކިއުމެންޓަރީއަކަށްވާއިރު އެއިރު މީޑިޔާ ކައުންސިލުން އެ ޑޮކިއުމެންޓަރީ ކުށްވެރިކޮށްފައިވެސް ވެއެވެ.
މިއަދު ޕީއެސްއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ހަފުލާ ދުރަށް ދައްކަމުން ދަނިކޮށް އެ ހަފުލާގެ ތެރޭގައި އެ ކުންފުނީގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި ނޫސްވެރިކަމުގެ އާންމު މިންގަނޑާވެސް ހިލާފު ވީޑިޔޯއެއް އެމްއެމްސީން ދެއްކި ކަމަށެވެ.
އެވޯޑުތައް ލިބޭ ފަރާތްތަކާއި އެވޯޑަށް ނޮމިނޭޓުވި ފަރާތްތައް ދުރާލައި މީޑިޔާ ކައުންސިލަށް އެނގޭނެކަން ފާހަގަކޮށް ޕީއެސްއެމްއިން ބުނީ އެ ކުންފުނިން ލައިވް ކަވަރޭޖު ހަދާ ހަފުލާތަކުގައި ދައްކާ ވީޑިޔޯވެސް ވާންޖެހޭނީ އެ ކުންފުނީގެ އެޑިޓޯރިއަލް ކޮންޓެންޓަށް ފެތޭ ތަކެތި ކަމަށެވެ.
ޕީއެސްއެމްއިން ތުހުމަތުކުރި ގޮތުގައި އެ ކުންފުންޏަށް އެންގުމަކާ ނުލައި، ކުއްލިއަކަށް އެ ވީޑިޔޯ ހަފުލާ ތެރޭގައި ދެއްކުމަކީ، އެ ކުންފުނީގެ އެޑިޓޯރިއަލް ސިޔާސަތުތަކާއި އުސޫލުތަކާ ހިލާފު ކޮންޓެންޓު ޕީއެސްއެމްއިން ދެއްކުމަށް މީޑިޔާ ކައުންސިލުން ގަސްތުގައި ކުރި ކަމެކެވެ. އަދި އެކަން ކުށްވެރިކުރާކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
"މިކަމަކީ ޕީއެސްއެމްއަށް ރައްޔިތުން ކުރަމުންއަންނަ އިތުބާރު ގެއްލި، ކުންފުނީގެ މައްޗަށް އޮތް ގާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅި، އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ލިބިދާނެފަދަ އަމަލެއް ކަމުގައި ދެކެން. މޯލްޑިވްސް ކައުންސިލަކީ ގާނޫނަކުން އުފެދިފައިވާ ކައުންސިލަކަށް ވާތީ އެކައުންސިލަށް ގާނޫނުގެ މަތިކޮށްފައިވާ ޒިންމާތައް ޒިންމާދާރުކަމާއެކީ އަދާކުރުމަށާއި އެންމެހާ ފަރާތްތަކުގެ ހައްގުތައް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލަށް އިލްތިމާސްކުރަން،" ޕީއެސްއެމްއިން ބުނެފައިވެ އެވެ.
ޕަބްލިކް ސާވިސް މީޑިޔާގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭފަދަ އަމަލެއް އެމްއެމްސީން ހިންގާފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އެ ކުންފުނިންވަނީ ރައްޔިތުންގެ މަޖިލީހުގައިވެސް އެދިފަ އެވެ.