އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޑެފިސިޓު މި އަހަރާ އަޅާބަލާއިރު 47 އިންސައްތަ އަދި 2023 އާ އަޅާބަލާއިރު 35.6 އިންސައްތަ ދަށްވާނެ ކަމުގައި ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
މި ސަރުކާރުން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާ ފުރަތަމަ ބަޖެޓުގެ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިއަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު މި ބަޖެޓަކީ ފާއިތުވި ތިން އަހަަރުގެ ބަޖެޓުތަކަށްވުރެ ޑެފިސިޓު ކުޑަ ބަޖެޓެކެވެ.
މިއަދު މިނިސްޓަރު ހުށަހަޅުއްވާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާއާއި، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 37.2 ބިލިއަން ރުފިޔާ އެވެ.
ޖުމްލަ އާމްދަނީީއާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރާއިރު ދައުލަތުގެ ހަރަދުތަކަށް ހިނގާނެކަމަށް ލަފާކުރަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއިން 35.8 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދުތަކެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އެއިން 12.4 ބިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިނގާނެކަމަށް ބެލެވޭ ހަރަދެވެ.
އެހެންކަމުން އަންނަ އަހަރު ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނި އަދާކުރުމުގެ ހަރަދުތައް ނުހިމަނައި އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ލަފާކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.
ފާއިތުވި އަހަރުތަކުގެ ބަޖެޓު ޑެފިސިޓަށް ބަލާއިރު 2022 ވަނަ އަހަރު 13.6 ބިލިއަން ރުފިޔާ އަދި 2023 ގައި 14.6 ބިލިއަން ރުފިޔާއަށް ބަޖެޓު ޑެފިސިޓު އަރާފައިވެ އެވެ. އަދި ހިނގަމުންދާ 2024 ވަނަ އަހަރުގެ ބަޖެޓަށް އިތުރުކުރި 5.1 ބިލިއަން ރުފިޔާއާއެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެ އެވެ.
މި އަހަރުގެ ބަޖެޓު ޑެފިސިޓާ އަޅާބަލާއިރު އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު 47 އިންސައްތަ ދަށްވާނެ އެވެ. އަދި ފާއިތުވި 2023 އާ އަޅާބަލާއިރު އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު 35.6 އިންސައްތަ ދަށްވާނެ އެވެ.
މި އަހަރުގެ ބަޖެޓަކީ ނިމުނު އެމްޑީޕީ ސަރުކާރުން އެކުލަވައިލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހުން ފާސްކުރި ބަޖެޓެކެވެ. އެހެންކަމުން 2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކުލަވައިލާ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ފާސްކުރާ ފުރަތަމަ ބަޖެޓަށް ވާނެ އެވެ.