"ވޭތިވެދިޔަ ފަސް އަހަރު ފަސް ބިލިއަނެއްހާ ރުފިޔާ ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ބޭނުންވާ އަގެއްގަ މަސް ކިރުމަށްޓަކައި ދައުލަތުން ހޭދަކުރުމުގެ ނަތީޖާއަކަށްވީ މިއަދު ސިނާއަތުގެ އެއްވެސް ކަމެއް ނުކޮށް އަޅުގަނޑުމެން ތިބެން ޖެހޭ ޖެހުން،"
މި ސަރުކާރު ނިމިގެންދާއިރު މިފްކޯގެ މަސް ގަތުމުގެ ކެޕޭސިޓީ 25،000 މެޓްރިކް ޓަނަށް މަތިކުރެވިގެންދާނެ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރު ނިމުނުއިރު ބެކްލޮގުގައި މަސްވެރިންނަށް ނުދީ ހުރި 250 މިލިއަން ރުފިޔާއަށް ވާވަރުގެ ސްޓޯރޭޖެއް ސަރުކާރު ނިމިގެންދާއިރު ރާއްޖޭގައި ގާއިމްކުރެވިފައި ހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ އިރާދަކުރެއްވިއްޔާ 250 މިލިއަން ރުފިޔާގެ މަސް ހުރެއްޖެކަމަށްވަންޏާ އެ މަސްވެސް ސްޓޯ ކުރެވޭނެ ކެޕޭސިޓީ އިރާދަކުރެއްވެއްޖިއްޔާ އިތުރުކުރަން މިއުޅެނީ، ދިވެހިރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ނިމޭއިރު ހުންނާނީ 25،000 ޓަނަށްވުރެ މަތީގައި،" ޝިޔާމް ވިދާޅުވި އެވެ.
ނާޒިލް އެ ސުވާލުކުރެއްވީ އޭގެ ކުރިން މިނިސްޓަރު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ކުރީ ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ނުދީ ބެކްލޮގްގައި 250 މިލިއަން ރުފިޔާ ހުރި ކަމަށް މިނިސްޓަރު ވިދާޅުވުމުން ނާޒިލް އެއްސެވީ ސްޓޯރޭޖުގައި މަސް ހުރިތޯ އެވެ.
ނާޒިލްއަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ރާއްޖޭގެ ޖުމްލަ ސްޓޯރޭޖް ކެޕޭސިޓީ އަކީ 8500 ޓަނު ކަމަށެވެ. އެ ކެޕޭސިޓީގައި 250 މިލިއަން ރުފިޔާގެ މަސް ސްޓޯކުރާނީ ކިހިނެއްތޯ އެއްސެވި އެވެ.
މިނިސްޓަރު ވަނީ ކުރީ ސަރުކާރުން ކުއްލިއަކަށް މިފްކޯއަށް މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކުރުމުން ލިބުނު ގެއްލުން ވެސް ވިދާޅުވެދެއްވާފަ އެވެ. މަހުގެ އަގަކީ ދުނިޔޭގެ ބާޒާރަށް ވެސް ބެލުމަށްފަހު ބަދަލު ގެންނަ އެއްޗެއް ކަމަށާއި، އެހެން ނޫނީ އެ ސިނާއަތް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުން މިހާރު ވަނީ މަހުގެ އަގު 16 ރުފިޔާއަށް ކުޑަކޮށްފަ އެވެ.
"މަހުގެ އަގަށް އޭރު އަޅުގަނޑުމެން ބަދަލު ނުގެނައިނަމަ ދިވެހިރާއްޖޭގެ މި ސިނާއަތެއް ނޯންނާނެ، މިފްކޯ ކިޔާ ކުންފުންޏެއް، ދިވެހި ރައްޔިތުންގެ ހުރިހާ ޓެކްސް ފައިސާއެއް މިފްކޯ ހިންގަން ހޭދަކޮށްގެން އަޅުގަނޑުމެން ތިބެން ޖެހޭނީ. އިތުރު އެއްވެސް ކަމެއް މަސްވެރި ސިނާއަތަށް ނުކޮށް. ވޭތިވެދިޔަ ފަސް އަހަރު ފަސް ބިލިއަނެއްހާ ރުފިޔާ ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ބޭނުންވާ އަގެއްގަ މަސް ކިރުމަށްޓަކައި ދައުލަތުން ހޭދަކުރުމުގެ ނަތީޖާއަކަށްވީ މިއަދު ސިނާއަތުގެ އެއްވެސް ކަމެއް ނުކޮށް އަޅުގަނޑުމެން ތިބެން ޖެހޭ ޖެހުން،" މިނިސްޓަރު ވިދާޅުވި އެވެ.