އެންމެ ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފަައިވަނީ ސަބްސިޑީގެ ގޮތުގަ އެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި ޖުމްލަ 3.9 ބިލިއަން ރުފިޔާ ކުންފުނިތަކަށް ނިމުނު އަހަރު ދޫކޮށްފައިވެ އެވެ.
ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކި ކަހަލަ އެހީގެ ގޮތުގައި ސަރުކާރުން ނިމުނު އަހަރު ފަސް ބިލިއަނެއްހައި ރުފިޔާ ދީފައިވާކަން ހާމަވެއްޖެ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީން) ޝާއިއުކޮށްފަައިވާ އެސްއޯއީތަކުގެ އަހަރީ މާލީ ރިވީއު 2023 ގައި ބަޔާންކޮށްފައިވާ ގޮތުގަައި ތިން ގޮތަކަށް ކުންފުނިތަކަށް ސަރުކާރުން ފައިސާ ދީފައިވެ އެވެ. އެއީ ކެޕިޓަލްގެ ގޮތުގައި ދިން ފައިސާއާއި ސަބްސިޑީ އަދި ގްރާންޓުގެ ގޮތުގައި ދިން ފައިސާ އެވެ.
އެންމެ ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފަައިވަނީ ސަބްސިޑީގެ ގޮތުގަ އެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި ޖުމްލަ 3.9 ބިލިއަން ރުފިޔާ ކުންފުނިތަކަށް ނިމުނު އަހަރު ދޫކޮށްފައިވެ އެވެ.
ދެވަނައަށް އެންމެ ގިނައިން ފަައިސާ ދޫކޮށްފައިވަނީ ކެޕިޓަލް އިންޖެކްޝަނުގެ ގޮތުގަ އެވެ. ކެޕިޓަލް އިންޖެކްޝަނުގެ ގޮތުގައި ކުންފުނިތަކަށް 833.1 މިލިއަން ރުފިޔާ ސަރުކާރުން ދޫކޮށްފައިވެ އެވެ. އެންމެ ބޮޑު އަދަދެއް ކެޕިޓަލްގެ ގޮތުގައި ދީފައިވަނީ އެސްއެމްއީ ޑިވެލޮޕްމެންޓު ބޭންކަށާއި، މޯލްޑިވްސް ފަންޑް މެނޭޖުމެންޓު ކޯޕަރޭޝަން އަދި ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށެވެ.
ކުންފުނިތަކަށް ދޫކުރި ސަބްސިޑީއާއި ކެޕިޓަލް ފައިސާގެ އިތުރަށް ޖުމްލަ 192 މިލިއަން ރުފިޔާ ގްރާންޓުގެ ގޮތުގައި ދޫކޮށްފައިވެ އެވެ. ގްރާންޓުގެ ގޮތުގައި ފައިސާ ދީފައިވަނީ އެމްއެމްޕީއާރްސީއަށާއި ޕީއެސްއެމްއަށެވެ. އެމްއެމްޕީއާރުސީއަށް 110.8 މިލިއަން ރުފިޔާ އަދި ޕީއެސްއެމްއަށް 81.7 މިލިއަން ރުފިޔާ ސަރުކާރުން ގްރާންޓުގެ ގޮތުގައި ދިނެވެ.
ސަރުކާރު ކުންފުނިތަކަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ބޮޑު އިންސައްތައެއް ހަރަދުވަމުންދާތީ އެ ހަރަދުތައް ކުޑަކުރުމަށް ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މާލީ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުންވަނީ އެސްއޯއީތައް އިސްލާހުކުރުމުގެ އެޖެންޑާއެއް އެކުލަވައިލާފަ އެވެ.
އެ އެޖެންޑާގެ ދަށުން ބައެއް ކުންފުނިތައް އުވައިލުމަށާއި، އަނެއްބައި ކުންފުނިތައް އެހެން ކުންފުނުތަކާ އެއްކޮށްލުމަށް ސަރުކާރުންވަނީ ނިންމާފަ އެވެ.