ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތަކަށް ހޭދަކޮށްފައިވަނީ ޖުމްލަ 37.4 ބިލިއަން ރުފިޔާ އެވެ.
ސަަރުކާރުން ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަނީ ދައުލަތުގެ ބަޖެޓު ހުސްވުމުގެ ސަބަބުން ކަމަށް ބުނެ އެމްޑީޕީން ފަތުރަމުންދާ ވާހަކައަކީ ހަގީގަތެއް ނޫންކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތަކަށް ހޭދަކޮށްފައިވަނީ ޖުމްލަ 37.4 ބިލިއަން ރުފިޔާ އެވެ. މި އަހަރު ބަޖެޓުގައި ހަރަދުކުރުމަށް ފާސްކޮށްފައިވަނީ 47.6 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް 26.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މުޅި އަހަރު ލިބޭނެ އާމްދަނީ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާ އެވެ.
މުޅި އަހަރަށް ފާސްކުރި ބަޖެޓަކީ 49.8 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް ބަޖެޓު އަރާފައިވަނީ 39.2 ބިލިއަން ރުފިޔާއަށެވެ.
ސަޕްލިމަންޓަރީ ބަޖެޓެއް ސަރުކާރުން ހުށަހަޅަން ނިންމި ސަބަބެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރު ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ބައެއް ދާއިރާތަކުން ހަރަދުކުރަންޖެހޭނެކަމަށް ބެލެވުމެވެ. އެފަދައިން ހަރަދުކުރާ މިންވަރު އިތުރުވާނެ ކަމުގައި ބެލެވޭ ސަބަބުތަކުގެ ތެރޭގައި ކުރީ ސަރުކާރުން ބަޖެޓު ތައްޔާރުކުރުމުގައި ހަދާފައިވާ ގޯސްތައް ހިމެނެ އެވެ.
އެގޮތުން މަޝްރޫއުތަކަށް އެކަށީގެންވާ މިންވަރަށްވުރެ ކުދި އަދަދުތައް ޖަހާފައި އޮތުމުގެ ސަބަބުން އެ މަޝްރޫއުތަކަށް ބަޖެޓުން ކުރަންޖެހޭ ހޭދަ މަތިވުމާއި، ބަޖެޓުގައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ތަންފީޒުކުރާނެކަމަށް ބަލާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރުމަށް ފާއިތުވި އަހަރުތަކުގައި ތައްޔާރުވެފައި ނެތުމުގެ ސަބަބުން އެ ފިޔަވަޅުތައް ލަސްވެ ހަރަދުތައް އަންދާޒާކުރި މިންވަރަށް ކުޑަނުވުން ހިމެނެ އެވެ.
އޭގެ އިތުރަށް 2023 ގައި ދައުލަތުގެ މާލީ ހިސާބުތައް ރެކޯޑުކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައި އޮތުމުން މި އަހަރުގެ ބަޖެޓުން ދެ ބިލިއަނެއްހައި ރުފިޔާގެ ޖާގައެއް ނިމުނު އަހަރުގެ ހަރަދުތަކަށް ހަމަޖައްސަންޖެހުމަކީވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާ ސަބަބެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ފާހަގަކުރި އެވެ.